ޕޫޓިންއާއެކު ބޭއްވި ސަމިޓް ނާކާމިޔާބުވުމުން ޓްރަމްޕް، ޒެލެންސްކީ އާ ބައްދަލުކުރައްވަނީ

މާޗްމަހު ބޭއްވި ސަމިޓްގައި ޓްރަމްޕް އާއި ޒެލެންސްކީ އަރާރުންވަނީ

ވޮޝިންޓަން (16 އޮގަސްޓް 2025): ޔުކްރެއިން ހަނގުރާމައިގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަދިމިއާ ޕުޓިންއާއެކު އިއްޔެ ބޭއްވި ސަމިޓް ކާމިޔާބު ނުވި ނަމަވެސް އެ ސަމިޓާބެހޭ ވާހަކަތައް ޔުކްރެއިންގެ ރައީސް ވްލަދިމިއާ ޒެލެންސްކީ އާ ހިއްސާ ކުރެއްވުމަށްޓަކައި އޭނާ އެމެރިކާއަށް ވަޑައިގަތުމުގެ ދައުވަތު ޓްރަމްޕް ދެއްވައިފިއެވެ.

ޒެލެންސްކީ އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ދައުވަތަކަށް އަންނަ ހޯމަ ދުވަހު އޭނާ އެމެރިކާގެ ވެރިރަށް ވޮޝިންޓަން އަށް ވަޑައިގަންނަވާނެއެވެ. ޒެލެންސްކީ ވިދާޅުވިގޮތުގައި ޕޫޓިންއާއެކު ޓްރަމްޕް އިއްޔެ ބޭއްވެވި ސަމިޓަށްފަހު ޓްރަމްޕްވަނީ އޭނާއާ ފޯނުން ގުޅުއްވައި ސަމިޓްގައި ދެކެވުނު ވާހަކަތަކާއި ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

ނަމަވެސް ދެން ކުރިޔަށް އަޅަންހުރި ފިޔަވަޅުތަކާބެހޭގޮތުން އޭނާއާ މަޝްވަރާ ކުރައްވަން ޓްރަމްޕް ބޭނުންފުޅުވާތީ އަންނަ ހޯމަދުވަހު ވޮޝިންޓަނަށް ވަޑައިގަންނަވަނީ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭގޮތުން ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރަންޖެހޭ މަޝްވަރާތައް ކުރުމަށެވެ.

އެމެރިކާގެ ހުޅަނގު އުތުރުގައި ވަކިން އޮންނަ ސްޓޭޓެއްކަމަށްވާ އެލަސްކާގައި އިއްޔެ ބޭއްވި ޓްރަމްޕް އާއި ޕޫޓިންގެ ސަމިޓްގެ އަމާޒަކީ ޔުކްރެއިން ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމެވެ.

ނަމަވެސް މިފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ސަމިޓް ނިންމާލާފައިވަނީ މާބޮޑު ކުރިއެރުމެއް ނުހޯދިއެވެ. ޕޫޓިންގެ ފަރާތްޕުޅުން ލިބޭނެ ކަމަށް ޓްރަމްޕް ހީކުރެއްވި ދޫތައް ނުލިބިއެވެ.

ޓްރަމްޕް އާއި ޕޫޓިންގެ ސަމިޓް ބައްދަލުކުރެއްވުން ތިން ގަޑީއިރަށް ދިގުދެމިގެން ދިޔަނަމަވެސް ސަމިޓް ނިންމާލުމަށްފަހު ދެބޭފުޅުން ދެއްވި ބަޔާންތަކުގައި ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ޑީލަކަށް ދެވިފައިނުވާކަން އެނިގެން ގޮސްފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ޑީލަކަށް ދެވުނުތޯ ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ދެބޭފުޅުންކުރެ އެއްބޭފުޅަކުވެސް އާނބަސް ވިދާޅެއް ނުވެއެވެ.

ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ޑީލަކަށް ނުދެވުނު ނަމަވެސް ޔުކްރެއިން ހަނގުރާމަ އަށް ސުލްވެރި ހައްލެއް ހޯދުމާބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވި ބޮޑެތި ކުރިއެރުންތަކެއް ހާސިލް ކުރެވުނު ކަމުގައެވެ. ނަމަވެސް މި ކުރިއެރުންތަކުގެ ތަފްސީލު ނުދެއްވައެވެ.

ޕޫޓިން ވިދާޅުވީ ސަމިޓްގައި ޓްރަމްޕްއާއެކު ރަނގަނޅު މަޝްވަރާތަކެއް ކުރެވުނުކަމުގައެވެ. ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޑީލަކަށް ދިޔުމަށްޓަކައި ބޭއްވި ސަމިޓްގައި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ބައިވެރި ނުކުރި މައްސަލާގައި އޭނާއާއި އޭނާގެ ފަހަތުގައި ތިއްބެވި ޔޫރަޕްގެ ލީޑަރުންގެ ހިތްހަމަނުޖެހުންވަރަށް ބޮޑެވެ.

ހަނގުރާމަ ހުއްޓާލަން ޕޫޓިން އެއްބަސް ވެވަޑައިނުގަންނަވަނީސް ހުޅަނގުގެ އެންމެ ބާރުގަދަ ލީޑަރު ކަމަށްވާ އެމެރިކާގެ ރައީސް ޓްރަމްޕް، ރަޝިއާގެ ލީޑަރު ޕޫޓިންއާ ސީދާ ގޮތެއްގައި ބައްދަލުކުރެއްވުމަކީ މިހަނގުރާމައަށް ދަރުއަޅައިގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށް ކެތްމަދުވެފައިވާ ޔޫރަޕްގެ ލީޑަރުން ރުހޭ ކަމެއްނޫނެވެ.

ސަމިޓް ގެ ކުރިން ޓްރަމްޕްވަނީ ޕޫޓިންއާ ބައްދަލުކުރެއްވުމަށްފަހު އޭނާ ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާ ވަކިން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު މިދެބައްދަލުވުމުގެ މައުލޫމާތު ޔޫރަޕްގެ ލީޑަރުންނާ ހިއްސާ ކުރައްވާނެކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މާޗް މަހުވެސް ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސް ވްލަދިމިޔަރ ޒެލެންސްކީ އާ ވައިޓް ހައުސްގައި ބައްދަލު ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ޓްރަމްޕްވަނީ މީޑީއާ ތަކުގެ ކުރިމަތީގައި ޒެލެންސްކީ ވަރަށް ބޮޑަށް ނިކަމެތި ކޮށްލައި ވަރަށް ދެރަކޮށްލާ ފައެވެ.

އެ ބައްދަލުވުމުގައި ޓްރަމްޕް، ޒެލެންސްކީއާ ބައްދަލުކުރެއްވީ ވަރަށް އިހުތިރާމް ކުޑަގޮތަކަށް ގައުމެއްގެ އިސްވެރިއަކަށް ދޭންޖެހޭ ގަދަރު ނުދެއްވައި ޒެލެންސްކީ ނިކަމެތި ކޮށްލުމުގެ އުސޫލުންކަންވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ. ދެބޭފުޅުންގެ ބައްދަލުވުން ނިމުނީވެސް މީޑިއާތަކުގެ ކުރިމަތީ ދެ ބޭފުޅުން އަރާރުން ވާ ހާލަތުގައެވެ.

ޓްރަމްޕް ވަނީ އެމެރިކާއިން ޔުކްރެއިނަށް ވާ އެހީތެރިކަމަށް ޒެލެންސްކީ ޝުކުރުވެރި ނުވާ ކަމާއި ހަނގުރާމަ ކާމިޔާބު ކުރެވޭވަރުގެ އަސްކަރީ އަދި އިންސާނީ ވަސީލަތްތައް ޒެލެންސްކީ އަތުގައި ނެތްކަމަށް ވިދާޅުވެ އޭނާއަށް މަލާތް ކުރައްވާފައެވެ.

ޔުކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ނުލިބެނީ އަދިހަނގުރާމަ ދިގުލައިގެން ދަނީ ޒެލެންސްކީގެ ހަރުކަށިކަމާއި ގޮތް ދޫނުކުރުމާއި ބޯހަރު ކަމުގެ ސަބަބުން ކަމަށްވެސް އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވިއެވެ.

މިހެން ވިދާޅުވުމުން ޒެލެންސްކީ ވަރަށް ބޮޑަށް ކޯފާވިއެވެ. ޓްރަމްޕް އާއެކު ބޭއްވި ބައްދަލުވުމުން އޭނާ ވަކިވެވަޑައިގެން ވައިޓް ހައުސް އިން ނުކުމެވަޑައިގެންނެވީ އޭނާގެ ޝަރަފުގައި ވައިޓްހައުސްގައި ތައްޔާރުކޮށްފައިއޮތް ފަރިއްކޮޅަށްވެސް އިންސާފު ކުރެއްވުމަށް ދެކޮޅު ހައްދެވުމަށްފަހުގަައެވެ.

comment ކޮމެންޓް