ރާއްޖޭގައި ތެލާއި ލޮޖިސްޓިކްސްގެ ޚިދުމަތްދޭ ހޯކްސް ކުންފުނިން، އެ ކުންފުނީގެ އެންމެ ބޮޑު އެއް ތެޔޮ ޓޭންކަރު ގެނެސްފިއެވެ. މިއީ އަމިއްލަ ކުންފުންޏަކުން ވެސް މިހާތަނަށް ގެންގުޅޭ އެންމެ ބޮޑު ތެޔޮ ޓޭންކަރެވެ.
ހޯކްސް ކުންފުނިން ބުނީ، 25.4 މެޓްރިކް ޓަނުގެ ޖާގައިގެ ތެޔޮ ޓޭންކަރު 'ލިބަޓީ' ގަތުމާއެކު، އެ ކުންފުންޏަށް އުޅަނދެއް އިތުރުވެފައިވާ ކަމަށެވެ.
މިއީ އެ ކުންފުންޏަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ރާއްޖޭގެ ތެލުގެ ބޭނުންތައް ފުއްދުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް، ހޯކްސް އިން ބުންޏެވެ.
އިތުރަށް ހޯކްސް ކުންފުނިން ބުނީ، މި ތެޔޮ ޓޭންކަރުގެ ސަބަބުން އެ ކުންފުނީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެއްޖެ ކަމަށެވެ.
މީގެ އިތުރުން، މި ޓޭންކަރުގެ ސަބަބުން ކަސްޓަމަރުންނާއި ކުންފުންޏާ ދެމެދު އޮންނަ އިތުބާރު ބޮޑުވެ، ބައިނަލްއަގުވާމީ މާކެޓްތަކުގައި ކުންފުންޏަށް ލިބޭ ސަމާލުކަން ބޮޑުވާނެ ކަމަށް ވެސް، ހޯކްސް ކުންފުނިން ބުންޏެވެ.
މީގެ 18 އަހަރަކުރިން 2007ވަނަ އަހަރު އުފެއްދި ހޯކްސް ކުންފުނީގައި މިވަގުތު 11 ތެޔޮ ޓޭންކަރެއްގެ އިތުރުން، 15 ބާޖާއި 20 ބައުޒަރެއް އޮންނައިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 15 ފިއުލް ޝެޑަކުން މިހާރު ވެސް ޚިދުމަތްދެމުން އެބަ ގެންދެއެވެ.