ލިސާން: ވާހަކަ --

"އެ ދަރިފުޅު… އެ ދަރިފުޅު ދުނިޔެއަކު ނެތް… މަރު… މަރުވެއްޖެ."

ނަމީރުގެ ޖުމްލައާއެކު އަނެއްކާވެސް ރައާބިލްގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރެން ފެށިއެވެ. މޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔުމާއެކު އޭނާއަށް މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ. މޫނު އަތުން ފޮރުވައިލުމާއެކު އޭނާއަށް ބާރަށް ރޯން ފެށުނެވެ. އެތަކެއް ދުވަހެއްގެ އިންތިޒާރަކަށްފަހުވެސް އެ ލިބުނީ ކޮންފަދަ ހިތްދަތި ވޭނުން ފުރިގެންވީ ޚަބަރެއް ހެއްޔެވެ؟ އެ ދަރިފުޅަށް ވީ ކީއްހެއްޔެވެ؟ މަރުވީ ކިހިނަކުން ހެއްޔެވެ؟ ކޮން އިރަކު ހެއްޔެވެ؟

"ކޮން އިރަކު؟" ރައާބިލްއަށް ސުވާލުކޮށްލެވުނުއިރު އަޑު ދިޔައީ ކުރެހެމުންނެވެ.

"ދުވަސްތަކެއް ވެއްޖެ." ނަމީރު ބުނެލިއެވެ. ރައާބިލްއަށް ގިސްލެވެމުން ދިޔައެވެ.

"ރައާބިލް… އަހަރެން…" ރައާބިލް ކަރުނަ ފުހެމުން ދިޔަ މަންޒަރު ބަަލަން ހުރެފައި ނަމީރު ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް މިފަހަރުވެސް އޭނާއަކަށް އެއްޗެއް ނުބުނެވުނެވެ. މާފަށް އެދެން އުޅޭ ކޮންމެ ފަަހަރަކު އޭނާގެ ދުލުގައި ހީވަނީ ތަޅެއްލެވިފައިވާހެންނެވެ. މާޒީގެ ލޯގަނޑުން މުސްތަޤްބަލް ބަލަން ބޭނުން ނުވިއެއްކަމަކު އެ މާޒީ އަކީ ޚުދު އޭނާއަށްވެސް ހަނދާން ނައްތާލެވޭނެ މާޒީއެއް ނޫނެވެ.

"ބުނޭ ތީ ދޮދެކޭ…" ރައާބިލްއަށް ބުނެވުނެވެ. އޭނާއަށް ނަމީރަށް ބަލައިލެވުނީ އާދޭސްކުރާ ފަދައަކުންނެވެ. އެ ޚަބަރަކީ ދޮގު ޚަބަރެއްކަމުގައި ބުނެދޭށޭ ރައާބިލްގެ ނަޒަރު ބުނެދެމުން ދާ ފަދައެވެ. ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ހިތުގެ ޝިކާޔަތުތައް ހާމަކޮށްދެމުން ދިޔައިރު އިންތިހާ ދަރަޖައިގެ ވޭނެއް ރައާބިލްގެ މޫނުމަތީން ފެންނަމުން ދިޔައެވެ. ހިތުގައި އުފެދުނު ގިލަންވެރިކަމުގެ ވިހަގަދަ އަތްތައް މުޅި ހަށިގަނޑުގައި ވަކިހިއްޕަމުން ދާފަދައެވެ. އެކަމުގެ ސަބަބުން ބަރުދާސްތުކުރަން ދަތި ތަކުލީފެއް އޭނާއަށް ދިޔައީ ލިބެމުންނެވެ. ރައާބިލްއަށް ވަމުން ދިޔަ ގޮތުން ނަމީރަށް ވެސް އަސަރުކުރިއެވެ.

"އަހަންނަށް މާފުކުރޭ…" އެންމެފަހުން ހިތްވަރުކޮށްފައި ނަމީރު ބުނެލިއެވެ. ރައާބިލްގެ ހިތްދަތިކަން އޭނާއަށް އެނގުނު ނަމަވެސް، އޭނާއަށް ވަކިކޮށްދެވޭނީ ވެސް ކީއް ހެއްޔެވެ؟ ރައާބިލް ނަމީރަށް ބަލައިލިއެވެ.

"އަހަރެންގެ ދަރިފުޅަށްވީ ކިހިނެއް؟ އަދި ދަރިފުޅުގެ މަންމަ…….އޭނަގެ ޙާލު ކިހިނެއްތަ؟ރަނގަޅުތަ؟ އޭނަ އަހަރެން މަތީން ހަނދާންކުރޭތަ؟" ރައާބިލްއަށް އެ ސުވާލުތައް ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ބޭޤަރާރުކަން އެ އަޑުން އެކަނިވެސް ފާޅުވެއެވެ. އެހާ ދުވަސްފަހުން ލިބުނު ހަމައެކަނި ޚަބަރަކީ އޭނަ ދުނިޔޭގައި ހުރިކަމުގެ ޚަބަރު އެކަންޏެވެ. އޭނާ މިހާރު އުޅޭ ޙާލާ، ތަނަކާ، ވެސް އެނގެން ބޭނުންވެއްޖެއެވެ. ކެތްތެރިކަން ކޮޅުން ލައިފިއެވެ. ވީއިރު އެވަރުން ހިތްހަމަ ޖައްސައިލާނީ ކިހިނަކުން ހެއްޔެވެ؟

"އަހަރެން އަމިއްލަ ނަފްސަށް ވީ ވަޢުދު ފުއްދައިފިން. އޭނަ ދުނިޔޭގައި ހުރިކަން ކަލޭއަށް ޔަޤީންކޮށްދީފިން. އިތުރުކަމަކަށް އަހަރެންގެ ކިބައިން ނޭދޭ." ނަމީރު ބުނެލިއެވެ.

"ކަލޭ ބައްޕަ ދެކެ ތިހާ ބިރުގަންނަންޏާ އެކަން ނުކޮށްދީ ވެސް ކަލެއަށް ހުރެވުނީސް." ރައާބިލް މަލާމާތުގެ ހިނިތުންވުމެއް ނަމީރަށް ރައްދުކޮށްލިއެވެ.

"ރައާބިލް. އަހަރެން ދުވަހަކުވެސް ކަލޭއަށް ދެރަގޮތެއް ވާކަށް ނޭދެން. އެކަމަކު، މިކަމުގައި ހުރި ނުރައްކާތެރިކަން ކަލޭއަށް ވެސް އެނގޭނެ." ނަމީރު ދިފާޢުގައި ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.

"ތި ވާހަކަވެސް ނުބުނެ ހުރެވުނީސް. ހަމަ އެކަނި ތި ވާހަކަ ބުނުމަކީ އަހަންނަށް ކުރި މަލާމާތެއްތަ؟" ރައާބިލް ދުރުބަލައިލިއެވެ. އޭނާ ލޮލުން އައި ކަރުނަތައް ފުހެލިއެވެ.

"އަހަންނަށް މާފުކުރޭ." ނަމީރު އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި ނުކުތުމުގެ ކުރިން، އަދިވެސް އެއްފަހަރު ރައާބިލްއަށް ބަލައިލާފައި މަޢާފަށް އެދުނެވެ. ދެން ގޮސް އެތަނުން ނުކުމެއްޖެއެވެ.

ނަމީރު ދިޔަތަން ބަލަން އިނުމަށްފަހު ރައާބިލް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ދެލޯ ފުހެލާފައި ކުރިން އޮތް ގޮތަށް އޮށޯވެއްޖެއެވެ. މޭގައި އަތް އަޅާލައިގެންނެވެ. ލިބުނު އެއް ޚަބަރުން ހިތަށް ކުޑަ އުފަލެއް ލިބުނު ނަމަވެސް ދަރިފުޅަށް ވީ ގޮތް އެނގުމުން މޭގައި އުފެދުނު ދިލަ ތަދު މުޅި ހަށިގަނޑު ހިސާރުކުރަމުން ދިޔަ ފަދައެވެ. އެ ދަރިފުޅަށް ވީ ގޮތް އެނގެން ތެޅި ފޮޅެމުން ދިޔަ ހިތް ހަމައަކަށް އެޅުވުމަކީވެސް އޭނާއަށް ކުރެވޭ ކަމަކަށް ނުވިއެވެ.

*****

ރައާބިލްއާ ބައްދަލުކުރުމަށްޓަކައި ކެނޑިނޭޅި ނާވީ މަސައްކަތްކުރަމުން ދިޔައެވެ. އަނެއްކޮޅުން އޭނާ ދިޔައީ ރަނީމްއަށް ވާނުވާވެސް ބަލަމުންނެވެ. ބައްޕަގެ އިތުރު އުނދަގުލެއް، ރަނީމްއަށް ފޯރާތޯއެވެ. އެ ދުވަހުގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރު އޭނާއާ ބައްޕައާ ދެމެދު ވަނީ ނުތަނަވަސްކަމުގެ ބޯ ފާރެއް ލެވިފައެވެ. ނާވީއާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ނަމީރު ބުނަނީ އެންމެ ވާހަކައެކެވެ. ރަނީމް ދޫކޮށްލުމަށެވެ. ނަމީރު އޭނާގެ ޒުވާން ދަރިފުޅަށް ނަޞޭހަތްތެރިވަމުން ދިޔައީ އެ ކަމުގެ ހުރި ނުރައްކާތެރިކަން ނާވީއަށް ވިސްނޭނެކަމުގެ އުންމީދުގައެވެ. ނާވީއަށް ލިބިދާނެ ނުރައްކަލަކުން ނާވީ ރައްކާތެރިކުރުމަށްޓަކައި ރަނީމްގެ ފުރާނަ ދިޔަޔަސް އޭނާއަށް ފަރުވާލެއް ނެތްކަމުގައި ނަމީރަށް ބުނެވުނީ ވެސް ނުރުހިފައެވެ. އަނެއްކޮޅުން އިންޖާބު ޝަހަރަށް އަންނަ ދުވަސް ވެސް ދިޔައީ ކައިރިވަމުންނެވެ. އޭނާ އައުމުގެ ކުރިން އެކަންތައް ނިންމާލުމަކީ ނަމީރު ބޭނުންވާ ގޮތެވެ.

"ބައްޕަ ތި ބުނުއްވަނީ މައުސޫމް މީހެއްގެ ފުރާނައަކީ ބައްޕަގެ ކުރިމަތީގައި މިއަދު އެއްވެސް އަގެއް ނެތް އެއްޗެކޭތަ؟" ނާވީއަށް ބުނެވުނެވެ. ނާވީ ހުރީ ނުރުހިފައެވެ. އެ ދުވަހުގެ ފަހުންވެސް ބައްޕަ ދެފަހަރެއްގެ މަތީން ރަނީމްމެން ގޭ ކައިރިން އޭނާއަށް ފެނިފައިވެއެވެ.

"އަހަރެން ކުރާ ކޮންމެ ކަމެއް މިކުރަނީ ނާވީއަށް ރަނގަޅަކަށް." ނަމީރު ބުނެލިއެވެ.

"އަހަރެން އަހަރެންގެ ލޯތްބާ ދުރުކުރެވުމަކީތަ ބައްޕަ ތިބުނާ ރަނގަޅު ގޮތަކީ؟ އެއީތަ އަހަންނަށް ހެޔޮ އެދޭ ގޮތަކީ؟ ކުށެއް ނެތް މައުސޫމް ފުރާނައެއް ދުއްވައިލުމަކީތަ ބައްޕަ ތިބޭނުންވާ ގޮތަކީ؟" ނާވީގެ ފެހިނޫ ދެލޮލުގެ ވިދުން ގަދަވެލި ހިނދު އޭނާ ވަށައިގެން ފަނޑު އައްޔެއް އަރަން ފެށިއެވެ.

"އެ އިންސިއަށްޓަކާ ނާވީ ބައްޕައާ ވެސް ކުރިމަތިލަނީތަ؟ ތިކަމުން އެއްވެސް ފައިދާއެއް ނުނިކުންނާނެ. ވިޔަސް ވާނީ ގެއްލުން. ނާވީއަށް އެކަން އެނގޭތަ؟ ނާވީ ނުރައްކަލަށް ތި ހުށައަޅަނީ އަމިއްލަ މީހާގެ ފުރާނަކަން ނުވިސްނޭ ކުޑަ ކުއްޖެއް ނޫން ތީ." ނަމީރުގެ އަޑުވެސް ބާރެވެ. "އަހަރެމެން ލޯތްބާއެކު ނާވީ ބަލާ ބޮޑުކުރީ މިދުވަސް ދެކޭކަށް ނޫން."

"ބައްޕައަށް ކިތަންމެ ވަރަކަށް ވިސްނައިދިނަސް ނުވިސްނޭނެ." ނާވީ ބުނެލިއެވެ. ބައްޕައަށްޓަކައިވެސް އޭނާއަށް ރަނީމް ދޫކޮށެއް ނުލެވޭނެއެވެ. ބައްޕަ ކީއްކުރަން ހެއްޔެވެ؟އެހެން އެއްވެސް މީހަކަށްޓަކާވެސް އޭނާ އެ ލޯބި ޤުރުބާނެއް ނުކުރާނެއެވެ. ނާވީ އެތަނުން ދާންވެގެން ހިނގައިގަތުމާއެކު، ނަމީރު ނާވީއަށް އިންޒާރެއް ދިނެވެ.

"ކާފަ އައުމުގެ ކުރިން ތިކަންތައް ހުއްޓާލާ." ނަމީރު ދިނީ އިންޒާރެކެވެ. " އެހެން ނޫނީ…."

"އެހެން ނޫނީ އެކަމުން ހުރިހާ ދެރައެއް ލިބޭނީ ރަނީމްއަށޭތަ ތިބުނަނީ؟ ރަނީމް މަރާލާނަމޭތަ ތިބުނަނީ؟" ނާވީ ބުނެލިއެވެ. އޭރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.

"އާނ. އެހެން މިބުނަނީ." ނަމީރު ބުނެލިއެވެ. އޭނާގެ އަޑު މިފަހަރު ބާރެވެ.

"އެހެންވިއްޔާ ބައްޕަވެސް އަޑު އަހާ. ބައްޕަ ރަނީމްއަށް ގެއްލުން ދޭތަން ބަލާކަށް އަހަރެންވެސް ނުހުންނާނަން." ރުޅި އައިސް ރަތްވެފައި ހުރެ ނާވީ އެތަނުން ދިޔައީ ފަހަތްވެސް ބަލައިލުމެއް ނެތިއެވެ. ބައްޕަގެ ސަބަބުން އޭނާއަށް ލިބިފައިވަނީ ބުނެދޭންނޭނގޭ ހިތާމައެކެވެ. ރަނީމްއަކީ އޭނާގެ ލޯތްބަށް ވާއިރު ވެސް ވިސްނާލުމެއްނެތި ބައްޕަ އެހުރީ އޭނާގެ ލޯބިވެރިޔާގެ ފުރާނަ ދުއްވައިލަންވެސް ތައްޔާރަށެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނާވީ އެދިޔަ ގޮތަށް ދިޔައީ ބިއްދޮށުން ބިންގަރާހަށް ވަދެވޭ ގޭޓާ ދިމާލަށެވެ. އެތަނަށް އޭނާ ފާރަލާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މައި ގޭޓާ ދިމާލުން ވަނުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެ ފަސޭހަކޮށްވެސް އެތެރެއަށް ވަދެވޭނީ ބިއްދޮށުންނެވެ.

އެ ދިމާލަކީ މާ ގިނަ ބަޔަކު ގޮސް އުޅޭ ވެސް ދިމާލެއް ނޫނެވެ. ފާރަވެރިން ކޮންމެވެސް ވަރަކަށް އުޅުނެއްކަމަކު، އެމީހުންގެ ހަރަކާތްތައް ހުރި ނެތް ގޮތް ބަލާފައި، މީހަކަށް ނުފެނި އެ ދިމާލުން ބިންގަރާހުގެ ތެރެއަށް ވަންނަން މިއަދު ނާވީއަށް އެހާ އުނދަގޫނުވި ސަބަބަކީ ކޮންމެވެސް ކަމަކު އެމީހުންވެސް ބުރަކޮށް އުޅުމުންނެވެ. އެތެރެއަށް ވަދެވުމާއެކު، އޭނާ ދެން ވިސްނީ ރައާބިލް ހޯދާނެ ގޮތަކާ މެދުގައެވެ. އެއީ ފަސޭހަކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ. އަނިދިރިކަން ވެރިވެފައިވާ ހަނި މަގުތަކުން ލާފައި ނާވީ ކުރިއަށް ދާން ފެށިއެވެ. ކޮންމެވެސް ވަރަކަށް ފާރުގައި ހަރުކޮށްފައިވާ އަލިފާން ދަނޑިތަކުން އަލިކަން ވާން ފެށުމުން އެ އަލިކަމަށް ބަލައިގެން ނާވީ ކުރިއަށް ދިޔައީ ވަރަށް ވިސްނައިގެން ހުރެއެވެ. ކުއްލިއަކަށް އޭނާގެ ކަންފަތުގައި ޖެހުނީ އެތަނުން ބަޔަކު ވާހަކަ ދައްކާ އަޑެވެ. އެމީހުން ދައްކަމުން ދިޔައީ ރައާބިލްގެ ވާހަކައެވެ. ރައާބިލްއާ ބައްދަލުކުރަން ނަމީރު އައި ވާހަކައާއި ދެއްކީ ކޮން ވާހަކަތަކެއްކަން ނޭނގޭ ވާހަކައެވެ. އެހެންނަމަވެސް ނަމީރު އައިސްފައި ދިޔަފަހުން ރައާބިލް ބޭސް ބުއި ވާހަކައެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ޙާލު ވެސް ރަނގަޅުވަމުން ދާ ވާހަކައެވެ.

"ކަލޭ ރައާބިލްގެ ޚަބަރެއް ބަލައިލާފައި ދޭ. އަހަރެމެންވެސް މި ދިމާލަށް ނުކުމެ ކުޑަކޮށް ބަލައިލާނަން." ނާވީ ކުޑަކޮށް ފާރު ކައިރިއަށް ޖެހިލާ އެ އަޑު އަންނަ ދިމާލަށް ބަލައިލިއެވެ. ފަސް ޖިންނިއަކު މަޝްވަރާގައި ތިއްބެވެ. އެމީހުންގެ ތެރޭގައި އިސްކޮށް ހުރި ސިފައިންގެ މީހާ އެހެން ބުނެލުމާއެކު، އޭނާގެ ކުރިމަތީގައި ތިބި އެންމެން ކިޔަމަންތެރިވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެއާއެކު ނާވީ އިންތިޒާރުކުރީ އެމީހާ ހިނގައިގަންނަން ދެނެވެ. ރައާބިލްއާ ކައިރިއަށް ދެވޭނެ ހަމައެކަނި ގޮތަކީ އެއީއެވެ. އެނޫން ގޮތެއް އޭނާއަކަށް ނެތެވެ. ދެކޮޅު ހޯދާލާފައި އަނދިރި ހޮހަޅައެއްފަދަ އެ ބިންގަރާހުގެ ތެރެއިން ނާވީ ކުރިއަށް ދިޔައީ ވަރަށް ވެސް ސިއްރުންނެވެ. އެކަކަށްވެސް ނުފެނިއެވެ. އޭނާ ދިޔައީ ކުރިއަށް ދިޔަ ސިފައިންގެ މީހާގެ ބޯކޮޅު ބަލަމުން އޭނާގެ ފަހަތުންނެވެ. އެމީހާ ގޮސް ރައާބިލް އޮތް ގޮޅީގެ ކައިރީގައި މަޑުކޮށްލާފައި ތަޅު ހުޅުވާލާފައި، އެތެރެއަށް ވަދެލިއެވެ. އަދި އެއަށްފަހު، ރައާބިލްގެ ޙާލު ބަލައިލާފައި ނުކުމެ ދުރަށް ހިނގައިގަތެވެ. ލޯމަތީން ގެއްލުމާއެކު ނާވީ ގޮސް އެ ގޮޅީގެ ކައިރީގައި މަޑުކޮށްލިއެވެ.

ރައާބިލް އޮތީ ލޯ މަރާލައިގެން ފާރާ ވީ ދިމާލަށް އެނބުރިއެވެ. ހުސްގަޔާ އޮތްއިރު އޭނާގެ ގައިގައިވާ ޒަޚަމުގެ ނިޝާންތަކާ ލަކުނުތައް ނާވީގެ ލޮލުގައި އަޅައިގަތެވެ. ބުރަކަށީގެ ދެފަރާތުން ފިހިފައިވާ ތަން ފެނުމާއެކު އެ ތަނަށް ބަލަހައްޓައިގެން ނާވީއަށް ހުރެވުނެވެ. އެއީ ކޮން ކަހަލަ ނިޝާނެއްކަން އޭނާއަށް އެނގުނެވެ. ހައިރާންކަމާއެކު ކުޑަކޮށް ދެލޯ ބޮޑުކޮށްލައިގެން އެ ނިޝާނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނު ސަބަބަކީ އެއީ އެވެ. އޭނާގެ ސިކުނޑީގައި އުފެދިފައިވާ ސުވާލުތައް ހައްތަހާ ގިނަވުން ނޫންކަމެއް ނުވިއެވެ. ރައާބިލްއަށް އެ އަނިޔާ ދިނީ ކޮންބައެއް ހެއްޔެވެ؟ އެމީހުންގެ ތެރެއިން މީހަކު ހެއްޔެވެ؟ ނޫނީ އިންސާނުންގެ ތެރެއިން ރައާބިލްއަށް، އަނިޔާވެރިވި މީހެއް ހެއްޔެވެ؟

މީހަކު ހުރިކަމުގެ ހިލަންވުމާއެކު ރައާބިލް އެބުރިލިއެވެ. ފާރުގައި ލަކުނޑިގަނޑުތަކުގައި ޖަހާފައިވާ އަލިފާން ގަނޑުގެ އަލިކަމުގެ ތެރެއިން އޭނާއަށް ސިފަވީ ޒުވާނެކެވެ. އޭނާ ހުރީ ހުސްގަޔާއެވެ. ރައާބިލް އެނބުރިލުމާއެކު، އެމީހަކު އޭނާއަށް ފެންނާނެހެން ރީއްޗަށް ކުރިއަށް ޖެހިލިއެވެ. އެއާއެކު އޮރެންޖު އަލިކަމުގެ ތެރެއިން ރައާބިލްގެ ލޮލުގައި އަޅައިގަތީ ފުރިހަމަ ސޫރައެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. އެހެންނަމަވެސް ދެވަަނަ ސިކުންތުގައި ރައާބިލްގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. އޭނާއަށް އެ މޫނުމަތިން ނަމީރާ އެއްގޮތްކަމެއް ސިފަވީތީއެވެ. ތެދުވެލުމަށްފަހު، ރައާބިލް ކުރިއަށް ޖެހިލިއެވެ. ހީވީ ފެނުނު މަންޒަރު ޔަޤީންކުރަން ބޭނުންވެގެން އުޅުނު ހެންނެވެ.

"ކާކު؟" ރައާބިލްއަށް ބުނެވުނެވެ. އެއާއެކު ނާވީއަށް އަތުން އިޝާރާތްކޮށްލެވުނެވެ. މަޑުމަޑުން ވާހަކަ ދެއްކުމަށް އޭނާ އެދުނެވެ.

"މީހަކަށް އަޑު އިވިދާނެ." ނާވީ ބުނެލިއެވެ. އޭނާ ވަށައިގެން ބަލައިލިއެވެ.

"ކަލޭގެ މޫނުމަތީން އަހަންނަށް ނަމީރާ އެއްގޮތްކަމެއް އެބަ ސިފަވޭ. ކަލޭ ތީ ނަމީރުގެ ކާކު؟" ރައާބިލްއަށް ޝައްކުވުމާއެކު އަހައިލެވުނެވެ. ނާވީއަކީ ޒުވާނެކެވެ. އެއީ ފަހަރުގައި ނަމީރުގެ ޒުވާން ދަރިފުޅަށްވެސް ވެދާނެއެވެ.

"އަހަރެންގެ ނަމަކީ ނާވީ… ނަމީރަކީ އަހަރެންގެ ބައްޕަ.." ނާވީ އެހެން ބުނެލިއިރުވެސް އޭނާގެ ނަޒަރު ރައާބިލްއާ ވަތްކެތް ނުވެއެވެ. އެ މޫނުމަތީން ކޮންމެވެސް ކަހަލަ ވަރުބަލިކަމެއް އޭރުވެސް ފެންނަމުން ދިޔައެވެ. އޭގެ އިތުރުން ހިތްދަތި އަސަރުތަކާ ވޭނެއްވެސް އެ މޫނުމަތީގައި ވެއެވެ.

"ކަލޭ މިތަނަށް އައުމުގެ ބޭނުމަކީ ކޮބާ؟" ނާވީއަށް ބަލައިލަމުން ރައާބިލް ސުވާލުކޮށްލިއެވެ. އޭނާއަށް ދެބުމަ ކުޑަކޮށް ގާތްކޮށްލެވުނެވެ. ނަމީރުގެ ދަރިއަކު ސިއްރުން އޭނާއާ ބައްދަލުކުރަން އަންނަން ޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟

"އަހަންނަށް ސުވާލެއް ކޮށްލެވިދާނެތަ؟" ހުއްދަ ހޯދުމުގެ ގޮތުން ނާވީ އެ ސުވާލުކޮށްލިއިރު، އޭނާގެ އަޑުގައިވެސް ޖެހިލުންވުމެއްގެ އަސަރު ވެއެވެ. ނާވީއަށް ބަލަން ހުރެފައި. ރައާބިލް ބޯ ޖަހައިިލިއެވެ.

"އަހާބަލަ." އޭނާ އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"އަހަންނަށް އަހާލެވިދާނެތަ އަހަރެންގެ ބައްޕައާ… ރައާ… ރައާބިލްއާ އޮތީ ކޮން ގުޅުމެއްކަން؟" ނާވީއަށް ސުވާލުކޮށްލެވުނެވެ. ޝައުޤުވެރިކަމާއެކު އޭނާ ރައާބިލްގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"ކަލޭ އަހަންނާ ބައްދަލުކުރަން ތިއައީ ތި ސުވާލުކުރަންތަ؟" އިރުކޮޅަކު އެއްޗެއް ނުބުނެ ނާވީއަށް ބަލަން ހުރުމަށްފަހު، ނާވީ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރައާބިލްވެސް ކޮށްލީ ސުވާލެކެވެ.

"އަހަރެން ބޭނުން އެނގެން. ރައާބިލްއާ އަހަރެންގެ ބައްޕައާ އޮތީ ގޮން ގުޅުމެއް؟" ނާވީ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު