ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ތެރެއިން ރާއްޖެއާއި ބޭރުގެ ޚިދުމަތްދޭ ތަންތަނަށް ބާކީ ނުދައްކައި އޮތް އަދަދު 662 މިލިއަނަށް އަރާކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ނޮވެންބަރު 17، 2023ގެ ނިޔަލަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށާއި ބޭސްފިހާރަތައް ހިމެނޭހެން އާސަންދައިން އެކި ތަންތަނަށް 1.15 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، ހަމަ އެ ތާރީޚުން ފެށިގެން ޖުލައި 22، 2024ގެ ނިޔަލަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް އެންސްޕާއިން 1.5 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
އެ ކޮމިޓީގެ ފަރާތުން ފާހަގަކުރި ގޮތުގައި، އެންސްޕާއިން ނޮވެންބަރު 17، 2023ގެ ނިޔަލަށް 491 މިލިއަން ރުފިޔާ ނުދައްކާ އޮތެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ދައުލަތުގެ އިދާރާތަކަށް އެންސްޕާއިން ދައްކަންޖެހޭ 125 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ބޭރު ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ 101 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ރާއްޖޭގެ ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ކްލިނިކްތަކަށް ދައްކަންޖެހޭ 48 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ފާމަސީތަކަށް ދައްކަންޖެހޭ 136 މިލިއަނަށް ވުރެ ގިނަ ރުފިޔާ
މި ފައިސާ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22ވަނަ ދުވަހުގެ ކުރިން ދައްކައި ޚަލާސްކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ހަމަ އެ ދުވަހުގެ ނިޔަލަށް 380 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް އެންސްޕާއިން ދައްކާފައިވާ ކަމަށް، އެ ރިޕޯޓުގައިވެއެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖުލައި 22ގެ ފަހުން އެންސްޕާއިން 662 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުދައްކާ އެބައޮތް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެއާއެކު، އާސަންދައާ ގުޅޭގޮތުން ކޮމިޓީ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، ނޮވެމްބަރު 17، 2023ގެ ނިޔަލަށް އާސަންދައިން ދައްކަންޖެހޭ ފައިސާގެ ގޮތުގައި އޮތީ:
- ކްލިނިކްތަކަށް 260 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- އައިނު ހެއްދުމަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ރާއްޖޭން ބޭރު ހޮސްޕިޓަލްތަކަށް 157 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ފާމަސީތަކަށް 516 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- އަމިއްލަ ހޮސްޕިޓަލްތަކަށް 112 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- އަމިއްލަ ވެލްފެއާ ކުންފުނިތަކަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ޕްރޮސްތެޓިކަށް 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ދަތުރުފަތުރަށް 79.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ކޮމިޓީގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އާސަންދަ އާއި އެންސްޕާގެ ދަރަނިތައް އަދާކުރުމަށްޓަކައި މިދިޔަ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް، މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ނަމަވެސް މާލިއްޔަތު ކޮމިޓީގެ ރިޕޯޓު އަދި ފައިނަލްނުވެއެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމީ އިތުރަށް ރިޕޯޓު ދިރާސާކުރުމަށެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަހަރަށް އެންސްޕާއަށް ކަނޑައަޅާފައިވާ 3.93 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ 1.83 ބިލިއަން ރުފިޔާއެވެ.
ހެލްތު މިނިސްޓްރީއަށް މި އަހަރަށް ކަނޑައަޅާފައިވާ 2.62 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެ މިނިސްޓްރީން މިހާތަނަށް 1.05 ބިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ވެސް، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ލޯނުތައް ދެއްކުމަށް ދައުލަތުން ކަނޑައަޅާފައިވާ 3.873 ބިލިއަން ރުފިޔާ ގާތްގަނޑަކަށް މި ވަނީ ހުސްވެފައެވެ. އެގޮތުން މި އަހަރުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ދަރަނި ދައްކަން ބާކީ އޮތީ 2.4 މިލިއަން ރުފިޔާއެވެ.