މާރާމާރީގެ މައްސަލައަކާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ބަންދު ކުރި، ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް އަނިޔާއެއް ދިނުމާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލައިފިއެވެ.
އަޑުބަރޭގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑު އެހުމެއް، މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތްއިރު، މި އަހަރުގެ މޭ މަހު، މާރާމާރީއެއްގެ މައްސަލައެއްގައި ފުލުހުން އަޑުބަރޭ ހައްޔަރުކުރިއެވެ. އެކަމަކު ރިކޯޑްތައް ދައްކާ ގޮތުން އެ މައްސަލައާއި ގުޅިގެން ބަންދު މަޖިލީހަށް ހާޒިރު ކުރުމުން ކޯޓުންވަނީ އަޑުބަރޭ ދޫކޮށްލާފައެވެ.
ދައުވާ އުފުލާއިވާ މައްސަލައަކީ އެ މައްސަލަ ކަމެއް ސާފެއް ނުވެއެވެ. އެކަމަކު އެ ފަހަރު ބަންދު ކުރި މައްސަލައަކީ، މަދަނީ މުއާމަލާތަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އަޑުބަރޭއަކީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން ކޯޓަށް ޖާމިނުވީ މީހާއެވެ. އެ މައްސަލައިގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުވެގެން އަޑުބަރޭ 15 ދުވަހަށް ޖަލަށް ވެސް ލިއެވެ.
ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، އަޑުބަރޭ އެ ފަހަރު ޖަލަށްލީ ރާއްޖޭން ބޭރުގައި އުޅުމަށް ފަހު މާލެ އައުމާއެކުއެވެ. އެކަމަކު ޖިންސީ ފުރައްސާރައިގެ އެ މައްސަލަ ފަހުންވަނީ ކުރިއަށް ނުގެންދަން ނިންމާފައެވެ.
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަޑުބަރޭއަކީ ސިޔާސީ އެކްޓިވިސްޓެއް ވެސް މެއެވެ. އޭނާވަނީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ އިސް މަގާމެއް އަދާކޮށްފައެވެ. އެއީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމެވެ. އެކަމަކު އަލީ ވަހީދު މައްސަލައާ ގުޅިގެން އައި ކަންކަމުގެ ތެރެއިން އަޑުބަރޭ ފަހުންވަނީ މަގާމުން ވަކިކޮށްފައެވެ.