ޒަކާތާ ބެހޭ އިދާރާއެއް އޮތުމުން ބުރަ ބޮޑެއްނުވޭ، ދައުލަތަށް އެންމެ ލުއިކޮށްދެނީ ޒަކާތު ފަންޑުން: ޝަހީމް

ޒަކާތު ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަ ދައްކަވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ހުރި އެކި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދެނީ ޒަކާތު ފަންޑުން ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޯލާޝިޕާއި ޚާއްސަ ސްކޯލާޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ޒަކާތާ ބެހޭ ވަކި އިދާރާއެއް އޮތުމުން ދައުލަތަށް ބުރަ ބޮޑުވާނެ ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ދެކެވަޑައިގަތުން ރަނގަޅު ނޫން ކަމަށެވެ.

މިހާރުވެސް ރާއްޖޭގައި ހުރި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑުކަމުގައި އޭނާ ވިދާޅުވިއެވެ.

"އާސަންދައާއި އެނޫން ވެސް ސަރުކާރުގެ ބޭސްފަރުވާކުރާ ނިޒާމުގެ ތެރެއިން ޚަރަދުނުކުރެވެން ހުންނަ، ނުވަތަ މީހަކަށް ނުދެވި ހުންނަ ހުރިހާ ކަމެއް މި ކޮށްދެނީ ޒަކާތު ފަންޑުން ބޮޑެތި ކަންތައް، މީގެ ތެރޭގައި މިލިއަނުން މީހުން ޚަރަދުކުރޭ ޓްރާންސްޕްލާންޓަށް ކިޑްނީ ޓްރާންސްޕްލާންޓަށް ލިވާ ޓްރާންސްޕްލާންޓަށް، މިހެން ގޮސް ބޯން މެރޯއަށް، މިފަދަ ކިތަންމެ ކަމަކަށް ފުދުންތެރިކަން ނެތް މީހުންގެ، ނުވަތަ އާސަންދަ ނިޒާމު ކަވަރުނުކުރާ ހުރިހާ ކަމެއް،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މީގެ އިތުރުން ޝަހީމް ވިދާޅުވީ، އިސްލާމީ ދުނިޔޭގައި މިއަދުގެ ތަސައްވުރަކީ ޒަމާނާގުޅޭ ގޮތަށް ޒަކާތުގެ ނިޒާމް ހަރުދަނާކޮށް އެކި އިދާރާތައް ތަރައްގީކުރުން ކަމަށެވެ. އެއާއެކު ކުވައިތާއި މެލޭޝިއާ އާއި ޔޫއޭއީ އާއި ގަތަރު ފަދަ ބައެއް ގައުމުތަކުގައި ޒަކާތުގެ އިދާރާތައް ހުންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރާއްޖޭގައި ވެސް މިކަން ފުރިހަމައަށް ކުރެވޭނެ ވަސީލަތްތައް އެބަ ހުރިކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މި ހުރިހާ އަސާސިއްޔާތު އެބަ ފުރިހަމަވޭ މި ނިޒާމު ތަރައްގީކޮށް ފުރިހަމަކުރަން، އަޅުގަނޑުމެން ބޭނުންވަނީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ރަނގަޅު ޒަކާތުގެ ހަރުދަނާ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމްކުރަން،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ޒަކާތުގެ ބިލެއް ހުށަހަޅާފައިވެއެވެ. މިވަގުތު މި ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ.

https://sun.mv/209897

ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ބިލުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ.

މި ބިލުގައި ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި، ބަލައިގަންނާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ބަލައިގަންނާނެ ގޮތްތަކާއި ޒަކާތު ފައިސާ ލިބޭނެ މީހުންގެ ތަފުސީލު ވެސް ހިމަނައިފައިވެއެވެ.

ބިލު ގާނޫނަކަށްވާތާ ދެ މަސްތެރޭ ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ބިލުގައިވާ ގޮތުން އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުންނެވެ.

comment ކޮމެންޓް