މަތީ ތައުލީމް ހާސިލްކުރަން ޒަކާތު ފަންޑުން 24 ދަރިވަރަކަށް ސްކޯލާޝިޕް ދީފި

ޒަކާތު ފަންޑުގެ ދަށުން ސްކޯލާޝިޕް ލިބުނު ދަރިވަރަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ލިއުން ހަވާލުކޮށްދެއްވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ފަންޑުގެ ދަށުން ސްކޯލާޝިޕް ހަވާލުކުރަން ފަށައި، އެ ފަންޑުގެ ދަށުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޯލާޝިޕާއި ޚާއްސަ ސްކޯލާޝިޕް 24 ދަރިވަރަކަށް މިރޭ ދީފިއެވެ.

ސްކޯލާޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޒަކާތު ފަންޑުގެ ދަށުން މިފަހަރު 24 ދަރިވަރަކަށް ސްކޯލާޝިޕް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ސްކޯލާޝިޕް ލިބުނު 17 ދަރިވަރުންނާއި، ސްޓައިޕެންޑް ލިބުނު ހަ ދަރިވަރަކާއި، ޓިއުޝަން ފީ ލިބުނު ދަރިވަރެއް ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.

ޒަކާތު ފަންޑުގެ ދަށުން ސްކޯލާޝިޕް ލިބުނު ދަރިވަރަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ލިއުން ހަވާލުކޮށްދެއްވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ އިތުރުން، މި ސްކޯލާޝިޕްގެ ދަށުން މިސްރާއި ބުރޫނާއީ އާއި މެލޭޝިއާ އާއި ސައޫދީ އަރަބިއްޔާއިން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް، މިނިސްޓްރީން މައުލޫމާތު ދެއެވެ.

https://sun.mv/204766

ޒަކާތު ފަންޑުގެ ދަށުން 50 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައި، ސްކޯލާޝިޕްތަކަށް ކުރިމަތިލުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ އޭޕްރިލް މަހުގެ 14ވަނަ ދުވަހުގައެވެ.

ސްކޮލާޝިޕްގެ 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމުގެ 20 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ 30 ފުރުސަތެވެ. ރާއްޖޭން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލާޝިޕްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ފުރުސަތުތަކުގެ ތެރޭގައި ރާއްޖޭން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.

https://sun.mv/209879

ޒަކާތު ސްކޮލާޝިޕްގެ އެހީއަކީ ދިވެހި އުންމަތް ހަރުދަނާކުރުމަށް އެ ދާއިރާއަކުން މީހުން ތައްޔާރުކުރަން ކޮންމެހެން ލާޒިމުވާ، ޝަރުޢީގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށް ޒަކާތު ފަންޑުން ދެވޭ އެހީއެކެވެ.

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ތިން ބަޔަކަށް އެހީތެރިކަށް ފޯރުކޮށްދެއެވެ. އެއީ، މަތީ ތައުލީމު ހާސިލުކުރަން ދޭ ސްކޮލާޝިޕާއި މަތީ ތައުލީމު ހާސިލުކުރަން ދޭ ޚާއްސަ ސްކޮލާޝިޕްގެ އިތުރުން މަތީ ތައުލީމު ފުރިހަމަކުރުމަށްދޭ އެހީއެވެ.

comment ކޮމެންޓް