އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާއިން އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބާންލީ ބަލިކުރިއިރު، ނިއުކާސްލް ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ސްޕާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ސްޕާސްއިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ސްޕާސްއިންވަނީ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ސްޕާސްއާ އަލަށް ގުޅުނު މުހައްމަދު ކުޑޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރިޗާލިސަންއެވެ.
ދެވަނަ ހާފު ވެސް ސްޕާސްއިން ފޯރީގައި ފެށި ނަމަވެސް ބާންލީންވަނީ މި ހާފުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް، ފުރުސަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ ސްޕާސްއިން ދެވަނަ ލަނޑެއް ޖެހުމެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ ވެސް ކުޑޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރިޗާލިސަންއެވެ. އަދި، ސްޕާސްގެ ފަހު ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ބްރެނަން ޖޯންސަންއެވެ.
މިއީ ސްޕާސްގެ އާ ކޯޗު ތޯމަސް ފްރޭންކްގެ ކޯޗުކަމުގެ ދަށުން ލީގުގައި އެ ޓީމު ކާމިޔާބުކުރި ފުރަތަމަ މެޗެވެ.
މުބާރާތުގައި ނިއުކާސްލްއާއި ވިލާ ބައްދަލުކުރި މެޗު ވިލާގެ ދަނޑުގައި ކުޅެ ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ވިލާގެ އެޒްރީ ކޮންސާއަށް ދެއްކި ރަތް ކާޑާ އެކު މެޗުގެ ފަހު ތިރީހަކަށް މިނެޓް ވިލާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އަދި، ނިއުކާސްލްގެ ފޯވަޑް އެލެގެޒެންޑާ އިސާކް ނެތްތަން އެ ޓީމުގެ ފޯވަޑް ލައިނުން މެޗުގައި ފާހަގަވިއެވެ.
މީގެ އިތުރުން، ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ސަންޑަލަންޑްއާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު، 3-0 އިން ސަންޑަލަންޑް ކާމިޔާބުކުރިއިރު ބްރައިޓަން އެންޑް ހޯވް އެލްބިއަންއާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން ވީ އެއްވަރެވެ.