އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން (ޓީއޭއެމް) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތް ކަމަށްވާ "އައިޓީއެފް ޖޭ30" ޓެނިސް މުބާރާތް ފަށައިފިއެވެ.
އިއްޔެ އިން މި މަހުގެ 30 ގެ ނިޔަލަށް މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭ ހިމެނޭ ގޮތަށް މުޅިއެކު 24 ޤައުމަކުން ވާދަކުރެއެވެ.
މި މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި؛ ޖަޕާން، ޗައިނާ، ދެކުނު ކޮރެއާ، ސްވިޒަލެންޑް، މިސްރު، އިންޑިއާ، ސްޕެއިން، އޮސްޓްރޭލިއާ، ތައިލެންޑް، ހޮންކޮންގް، ޕާކިސްތާން، އެމެރިކާ އާއި ރަޝިއާގެ އިތުރުން ފްރާންސާއި އިންގްލެންޑް އަދި އިޓަލީ ހިމެނެއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރާއްޖޭގެ އަށް ކުޅުންތެރިއަކު ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 12 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ޓީއޭއެމުން ވަނީ ބުނެފައެވެ.
މުބާރާތުގެ މެއިން ޑްރޯގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓްގައެވެ.
ރާއްޖޭގައި ވަނީ ދާދިފަހުން ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކެއް ބާއްވާފައެވެ. އެގޮތުން އޭޓީއެފް މޯލްޑިވްސް އޯޕަން އާއި އޭޓީއެފް މޯލްޑިވްސްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެފައެވެ.