ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ޤާނޫނަށް މި ފަހުން ސަރުކާރުން ގެނައި އިސްލާހަށް ތާއީދުކުރައްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިއަދު ހާމަކުރައްވައިފިއެވެ.
ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި އިސްލާހަށް ތާއީދުކުރައްވައި ގާސިމް މިއަދު ވިދާޅުވީ، މިއީ ވަރަށް މުހިންމު، އަދުގެ ހާލަތާ ގުޅޭ އިސްލާހެއް ކަމަށާއި މި އިސްލާހުތައް ކޮންމެހެން ގެންނަންޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ.
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑެރަލް ދައުލަތެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭ މިންވަރަކަށް ކަމަށާއި ގާނޫނުތައް ހެދި އެކުލަވާލެވިފައި އޮންނަންވާނީ އެ ހުދޫދުގެ ތެރެއިން ކަމުގައި އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ކުރިއަށް އޮންނަ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ، އެއީ ނާޖާއިޒު ފައިދާއެއް ވެސް މެ، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ،"ޤާސިމް އިބްރާހީމް، ޖުމްހޫރީ ޕާޓީގެ ލީޑަރު
ޤާސިމް ވިދާޅުވީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާން ބާކީ ނުވަ މަސް އޮތްއިރު، ޤާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކައުންސިލްތަކުން އިޚްލާސްތެރިވާން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގެ ތަރައްގީގެ ޕްލޭންތައް ފާސްކުރަނީ އާންމުންގެ ޚިޔާލާ އެކު ކަމަށްވުމުން، އެ ޕްލޭންތަކުގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް "ސިޔާސީ ބޭނުމަށް" ފެށުމުގެ އިޚުތިޔާރު އޮތުމަކީ އެ ކަމުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުމެކެވެ.
"މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން،" ގާސިމް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މި އިސްލާހު ތަސްދީގުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ބައެއް ކައުންސިލްތަކުން އެދިފައިވެއެވެ. އަދި، މި އިސްލާހު މަޖިލީހުން ފާސްކުރުމުގެ ކުރިން އެ އިސްލާހު ފާސްނުކުރުމަށް ގޮވާލައި ގިނަ ކައުންސިލްތަކަކުން ބަޔާންތައް ވެސް ނެރެފައިވެއެވެ.
ނަމަވެސް، އިސްލާހުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ''އަލިފުން ޔާއަށް'' އެނގިވަޑައިގަންނަވާ ކަމަށާއި މި އިސްލާހަކީ ރައްޔިތުންނަށްޓަކައި ގެންނަވާ އިސްލާހެއް ކަމަށެވެ.
"އެއް އިސްލާހަކީ މިހާރު ބައެއް ކައުންސިލްތަކުން އުފައްދާފައި އެބަހުރި ކައުންސިލްތަކަށް އުފެއްދޭނެ ކުންފުނި، ލޯކަލް އޮތޯރިޓީ ކޮމްޕެނީ. މި ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން އެބަ ހިންގާ ރަށްރަށުގެ އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރިތައް. ކަންމަތީ ފިހާރަ ނޫނީ އެފަދަ ކަންކަމުގެ ތެރެއަށް އެބަ ވަދޭ. އެހެން ހެދީމާ ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް އެ ހުރަސްއެޅެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތަކުން އެ ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ހާމަ ނުކުރެއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިންތިޚާބުތަކާ ކައިރިކޮށް ފައިސާތަކެއް ޚަރަދުކޮށް ބައެއް ކައުންސިލްތަކުން ރަށުގެ ތަރައްގީގައި ނެތް މަޝްރޫއުތަކެއް ސިޔާސީ ބޭނުމެއްގައި ކުރެއެވެ. އެހެންކަމުން އެކަން ވެސް ހުއްޓުވަން ޖެހޭކަމަށް އެ ރޭ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހުތިސާސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހު ހިމަނައިފައެވެ.
އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އަދި، ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށް ފަހު ބާކީވާ އަދަދެކެވެ.
އަދި، ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މީގެ އިތުރުން، އިސްލާހުގައިވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ:
- ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
- ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން
- ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
ވަކިން ޚާއްސަކޮށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މި ސަރުކާރުން އުފެއްދި ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެއްވެސް ބާރެއް، މި އިސްލާހުތަކުގައި ވެސް ނެތެވެ.