ކިއޮސްކު ތަރައްގީކުރާ ހިިއްތަން މައިޒާނުގެ މަސައްކަތް އަންނަ މަހު ނިންމަނީ

ދާރުލް އާސާރު ކުރިމަތީ އޮންނަ ހިއްތަން މައިޒާން ތަރައްގީކުރުމަށް ބަންދުކޮށްފައި -- ސަން ފޮޓޯ

މާލޭ, ދާރުލް އާސާރު ކުރިމަތީ އޮންނަ ހިއްތަން މައިޒާން ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހު ނިންމާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ހިއްތަން މައިޒާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދާރުލް އާސާރު ކުރިމަތީ، އަމީނިއްޔާ ސްކޫލާ ޖެހިގެން ތަރައްގީކޮށްފައި އޮތް މައިޒާނެެކެވެ. މި މައިޒާނަކީ ސްކޫލު ކުދިންނަށާއި ބެލެނިވެރިންނަށް އިށީނދެ ތިބެވޭ ގޮތަށް، ހަދާފައިވާ ޕާކެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ ތެރޭ އެ ތަން ބަންދުކުރުމަށްފަހު އަލުން ތަރައްގީކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

"ސަން"އާ ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހިއްތަން މައިޒާން އަލުން ތަރައްގީކުރަން ކުންފުންޏަކާ ހަވާލުކުރީ މިހާރުގެ ރައީސް، ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ކަމަށެވެ.

ދާރުލް އާސާރު ކުރިމަތީ އޮންނަ ހިއްތަން މައިޒާން ތަރައްގީކުރުމަށް ބަންދުކޮށްފައި -- ސަން ފޮޓޯ

އެ ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އައިސްކްރީމާއި، ލުއި ބުއިންތަކާއި އެހެނިހެން ޚިދުމަތް ލިބޭ ކިއޮސްކެއް ގާއިމްކޮށް، އިށީންނަ ޖާގަތަކާއެކު ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަދި އެ ތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އަންނަ މަހު އެ ތަން ނިންމައި ކައުންސިލަށް ހަވާލުކުރާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

ބަންދުކޮށް، އަޅުވައިފައިވާ ބޯޑުން އެނގޭ ގޮތުގައި މަސައްކަތް ހަވާލުކޮށްފައިވަނީ ގޯލްޑް ކޮމްޕެނީ ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

"ކެފޭ ސްޓައިލް ތަނެއް އެ ތާ އެ ހަދަނީ،" އާޒިމް ވިދާޅުވިއެވެ.

ދާރުލް އާސާރުފަދަ، ފަތުރުވެރިން ވެސް ޒިޔާރާތްކުރާ ތަނެއް ކުރިމަތީ ސަތަރި ޖަހައި ބަންދުކޮށްފައި އޮތުން ގިނަ ދުވަސް ވާތީ ބައެއް ރައްޔިތުންގެ ކަންބޮޑުވުން ވެސް އެބަހުއްޓެވެ.

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭ ހިތްފަސޭހަ ކުރުމަށް މައިޒާންތައް ގިނަކުރުމަށް މަސައްކަތް ކުރެއްވިއެވެ.

މީގެ އިތުރުން މިހާރުގެ މޭޔަރު އާޒިމް ވެސް ގެންދަވަނީ ޕާކުތައް ތަރައްގީކޮށް، މާލޭގައި ހުސް ޖާގަ ހަދައި، ޕާކިން ޖާގަތައް އިތުރުކުރުމާއި އެ ތަންތަން އާންމުންގެ ހިތްހަމަޖެހުމަށް ބޭނުންކުރަން ލިބޭނެ ފަދަ ކަންކަން ކުރައްވަމުންނެވެ.

comment ކޮމެންޓް