"ގްރޭޓާ އިސްރާއީލް"ގެ ތަސައްވުރު ރާއްޖެއާއި އަރަބި ގައުމުތަކުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ އިތުރުން ލުބްނާނާއި ސޫރިޔާ އާއި ސައޫދީ އަރަބިއްޔާ އާއި މިސްރާއި އިރާގާއި އުރުދުންގެ ބޮޑު ބައެއް ހިމެނޭގޮތަށް އިސްރާއީލުގެ ބޮޑު ދައުލަތް "ގްރޭޓާ އިސްރާއީލު" އުފައްދަން ޖެހޭކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅި ތަސައްވުރު ރާއްޖޭން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ވިދާޅުވީ، އިސްރާއީލުގެ ބޮޑު ދައުލަތް "ގްރޭޓާ އިސްރާއީލު" އުފައްދަން ޖެހޭ ކަމަށް ނަތަންޔާހޫ ބުނެ ހާމަކުރި ތަސައްވުރު، ރާއްޖެ ހިމެނޭހެން އަރަބި އަދި އިސްލާމީ 30 ގައުމެއްގެ ޚާރިޖީ ވަޒީރުންނާއި އަރަބި ގައުމުތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި އޯއައިސީއާއި ޖީސީސީގެ ގައުމުތަކުން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން ރާއްޖެއާއި އަރަބި އިސްލާމީ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނާ ހަވާލާދެއްވައި ޚަލީލް ވިދާޅުވީ، "ގްރޭޓާ އިސްރާއީލު" އުފައްދަން ޖެހޭ ކަމަށް ބުނެ ނަތަންޔާހޫ ހާމަކުރި ތަސައްވުރު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ޗާޓަރުތަކާ ޚިލާފު ކަމަށާއި، އެ ތަސައްވުރަކީ 1967ގެ ކުރީގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގައުމުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައަޅައި، އަމިއްލަ ބިމުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހައްގު ނިގުޅައިގަތުން ކަމަށެވެ.

އަދި، އިސްރާއީލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން ކުރާ މަސައްކަތް ހުއްޓާލައި، އިންސާނީ ވަސީލަތްތައް ޣައްޒާއަށް ފޯރުކޮށްދިނުމަށް ޓަކައި ޣައްޒާގެ ބޯޑަރު ހުޅުވާލުމަށް ވެސް އެ ބަޔާނުގައި ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭން އަބަދު ވެސް ފަލަސްތީނާ އެކު ދެމިއޮތްކަން، ޚަލީލް ތަކުރާރުކުރެއްވިއެވެ.

އަރަބި އެތައް ގައުމެއް ގަދަބާރުން ހިފައި އެ ތަންތަނުގައި އިސްރާއީލުގެ ބޮޑު ދައުލަތް "ގްރޭޓާ އިސްރާއީލު" އުފެއްދުމާބެހޭ ތަސައްވުރު ހާމަކޮށްފައިވަނީއިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެ ގައުމުގެ ޓީވީ ޗެނަލް އެއްކަމަށްވާ "އައި -24" އަށް ދިން ބަސްދީގަތުމެއްގައެވެ.

ނަތަންޔާހޫ ބުނެފައިވަނީ އިރާގުގެ ފުރާތު ކޯރުން ފެށިގެން މިސްރުގެ ނީލަ ކޯރާ ހަމައަށް އެއީ އިސްރާއީލު ބޮޑުކޮށް ފުޅާކުރަންޖެހޭ ސަރަހައްދު ކަމަށެވެ. އަދި އެއީ އިސްރާއީލުގެ ބޮޑު ދައުލަތް ނުވަތަ "ގްރޭޓާ އިސްރާއީލު" ގެ ތަސައްވަރު ކަމުގައެވެ.

"އަހަރެންނަށް އިހުސާސް ކުރެވެނީ އަހަރެން މިހާރު މި އުޅެނީ ރައްބު އަހަރެެންނާ ހަވާލުކުރި ރޫހާނީ މި ޓާސްކް "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ ރޫހާނީ ޓާސްކް ގެ މަސައްކަތް ތަންފީޒު ކުރުމުގައި," "އައި -24" ޗެނަލްއަށް ނަތަންޔާހޫ ދިން ބަޔާނުގައި ބުނެފައިވެއެވެ.

ކުރިން "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ މި ޔޯލަ ވާހަކަ ދައްކައި އުޅެނީ ހަމައެކަނި އިސްރާއީލުގައި ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ފަރާތްތަކުންނެވެ. މިކަމާ އިދިކޮޅު ވާތު ފިޔައިގެ ޔަހޫދީން ބުނާގޮތުގައި "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ ތަސައްވުރަކީ ހަގީގަތުގައި ހުޅަނގުގެ އިސްތިއުމާރީ ފިކުރުގެ ތަސައްވުރެކެވެ. މިއީ ޔަހޫދީ ދީނީ ކަމެއްކަމަށް ހަދައިގެން އުޅެނީ އިންޖީލީ ފިކުރަށް ނިސްބަތްވާ ހުޅަނގުގެ އިސްތިއުމާރީ ބާރުތައް ފަހަތުގައި ތިބެގެންނެވެ.

ޔަހޫދީންގެ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ އިސްރާއީލުގެ ދެ ވަޒީރުން ކަމަށްވާ އިތަމާރު ބެންގަވީރު އަދި ބެޒަލެލް ސްމޮތްރިޗް ފަދަ ޔޯލަ ވާހަކަތައް ދައްކާ މީހުން "ގްރޭޓާ އިސްރާއީލު" އުފައްދަންޖެހޭކަމަށް ބުނެ ވާހަކަތައް ދައްކަމުން ގެންދިޔަ ނަމަވެސް މިއީ އިސްރާއީލުގެ ބޮޑުވަޒީރަކު ފަހުގެ ތާރީޚެއްގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ނަތަންޔާހޫ ބުނިގޮތުގައި "ގްރޭޓާ އިސްރާއީލު" އުފެއްދުމަށް މިހާރަށް ވުރެ ފަހި ފުރުސަތެއް ދެން އިސްރާއީލަށް ނުލިބޭނެއެވެ.

comment ކޮމެންޓް