55 ކައުންސިލުގެ މަސައްކަތް 631 މިލިއަނަށް އާރްސީސީއަށް ދިނީ އަގުހެޔޮވުމުން: މިނިސްޓަރު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ކުންފުންޏަކަށް ދީ, ހަ މަސް ތެރޭ އެއްބަސްވުން ބާތިލްކުރި މަޝްރޫއު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ އިއްޔެ ހަވާލުކުރީ އެ ކުންފުނިން ހުށަހެޅި އަގު ހެޔޮވުމުން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެންމެ ފުރަތަމަ މޭލޭޝިއާގެ ހެކްސްޓާ ކުންފުންޏާ މަޝްރޫއު ހަވާލުކޮށް ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހެވެ. އެއީ 36 މިލިއަން ޑޮލަރު ނުވަތަ 500 މިލިއަނެއްހާ ދިވެހި ރުފިޔާއެވެ. އެއްބަސްވުން ބާތިލުކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހެވެ. އެއްބަސްވުން ބާތިލުކުރީ ކައުންސިލުތަކުން ގެންނަން ބޭނުންވި ބަދަލުތައް ގެންނަން ކުންފުނިން އެއްބަސްނުވުމުން ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެ ވަނީ މި މަޝްރޫއު އާރްސީސީއާ ހަވާލުކޮށްފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އާރްސީސީއާ މަސައްކަތް ހަވާލުކުރީ 631 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ މަޝްރޫއު އެ ކުންފުންޏަށް ދިނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އާރްސީސީއަށް މި މަސައްކަތް ހަވާލުކުރީ އާންމުކޮށް ހުޅުވައިނުލާކަމަށް ބުނެ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަމަށް ރައްދު ދެެއްވަމުން މިނިސްޓަރު ވިދާޅުވީ މި މަސައްކަތް އާރްސީސީއާ ހަވާލުކުރީ ޕްރޮޕޯސަލް ހުށަހެޅި ހަތަރު ކުންފުނީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އާރްސީސީއިން ކަމަށް ވާތީ ކަމަށެވެ.

އެގޮތުން އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏާއެކު ކުރިއަށް ދިއުމަށް އެދި އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި، އެ ހުއްދަ ހޯދައި، އާރްސީސީއާ މަޝްވަރާކުރީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްވަރާތަކަށްފަހު، އެއްބަސްވުމުގައި ވެސް ސޮއިކުރީ އިކޮނޮމިކް ކައުންސިލުން ހުއްދަ ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ މާލިއްޔަތު ގަވައިދު ހުއްދަ ކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަތަރު ކުންފުންޏެއްގެ ޕްރޮޕޯސަލް މަސައްކަތަށް ލިބުނީ ހެކްސްޓާ ކޮންޓްރެކްޓް ބާތިލްކުރި ފަހުން ކަމަށެވެ.

އަދި އާރްސީސީއަށް މަޝްރޫއު ހަވާލުކުރީ 'ޓާން ކީ ޕްރޮޖެކްޓް' އެއްގެ ގޮތުގައި ކަމަށާއި، އޭރުން މަސައްކަތް ނިމޭއިރު، ވަށައިފާރު ރާނައި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދައި، އެއާކޮންޑިޝަން ވެސް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ހެކްސްޓާއަށް މަޝްރޫއު ހަވާލުކުރީ 'ޓާން ކީ ޕްރޮޖެކްޓް'އެއްގެ ގޮތުގައި ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އާރްސީސީން މި މަޝްރޫއުގައި އަޅައި އިމާރާތްތަކުގެ ޑިޒައިން ބައްޓަންކޮށްފައިވަނީ އެކި ކައުންސިލްތަކުގެ މުވައްޒަފުންގެ އަދަދަށް ބަލައި، ކައުންސިލް ޖާގަ ބޮޑުކުރެވޭހެން ތިން ޑިޒައިނަކަށް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް އިމާރާތްތައް ބާވެ، ވީރާނާވަމުން އަންނަކަމަށް ބުނެ، ރަށު ކައުންސިލުތަކުގެ ކަންބޮޑުވުން ސަރުކާރަށް އަންނަނީ ހުށަހަޅަމުންނެވެ.

އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ވެރިކަމުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ކަމަށް މީގެ ކުރިން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް