ރައީސަށް އިތުރު ބާރުތަކެއް ލިބިދޭ ގޮތަށް، އޭޖީ އޮފީހުގެ ބިލް ތަސްދީގުކުރައްވައިފި

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: އޭޖީ އޮފީހުގެ އޮނިގަނޑަށް ބަދަލު ގެންނަ އިސްލާހު ތަސްދީގުކުރައްވައިފި -- ފޮޓޯ/ ސަރުކާރު

ބަންޑާރަނައިބުގެ އޮފީހުގެ އޮނިގަނޑަށް ބަދަލު ގެނެސް، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

އެ އިސްލާހުގައިވާ ގޮތުގައި މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ވަނީ ހަނިކޮށްފައެވެ. ބަދަލުގައި އެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި، ރައީސުލްޖުމްޙޫރިއްޔާގެ ހުއްދަ ލިބެންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އަދި ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި، ހައްލު ހޯދައިދިނުމަށް ބަންޑާރަނައިބަށް ބާރު ލިބިދޭ މާއްދާ ގާނޫނުން ވަނީ އުނިކޮށްފައެވެ.

މީގެ އިތުރުން އިސްލާހުތަކާއެކު ބަންޑާރަނައިބު އޮފީހުގެ އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުވާ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

ހަމައެއާއެކު ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އޭޖީ އޮފީހުގެ އޮނިގަނޑު އެކުލަވާލަން ޖެހޭނެ ގޮތަށާއި، ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 90 ދުވަހުގެ ތެރޭގައި އަމަލުކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އެހެންކަމުން އޮނިގަނޑު އެކުލަވާލަން ޖެހެނީ އަންނަ މަހުގެ 26ގައެވެ.

https://sun.mv/206669

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި ހިނގާ 20 ވަނަ މަޖިލީހުން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް ހުށަހެޅި ދެވަނަ އިސްލާހެވެ.

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސްއިން ވަކިކޮށް، ޑެޕިއުޓީ އޭޖީއަކު އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އޭޖީ އޮފީހުގެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ މެއި މަހުގެ 29ގައެވެ.

ޤާނޫނުއަސާސީގައި އޭޖީ އޮފީސް މިނިވަން ތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތަސް، މިހާތަނަށް އެ ތަން ހިންގަމުން އައީ ސިވިލް ސާވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ.

ހަމަ އެ ގޮތަށް 2021ވަނަ އަހަރު އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނާއެކު، ފޮރިން މިނިސްޓްރީ ވެސް ވަނީ ސިވިލް ސާވިސްގެ ދަށުން ވަކިކޮށްފައެވެ.

comment ކޮމެންޓް