ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ފުޅާ ދާއިރާއެއްގައި ލޯންޗު ފެރީގެ ޚިދުމަތްދޭ "ހޯޕް ޓްރެވަލްސް"އިން ގަސްދުގައި ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކޮށް، ދައުވާކުރަން ފޮނުވައިފިއެވެ.
މީރާއިން ނެރުނު ބަޔާނެއްގައި ބުނީ، "ހޯޕް ޓްރެވަލްސް"ގެ މައްސަލައަކީ ޖުލައި 1، 2020 އިން މެއި 31، 2023ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް، އެ ޚިދުމަތް ހިންގާ ހޯޕް ހޯލްޑިންގްސްއިން މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020އާއި ޓެކްސް އަހަރު 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރީ، އެ ކުންފުނިން އޮޅުވާލީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ ކަމަށް މީރާއިން ބުންޏެވެ.
މީރާއިން ބުނީ، ހޯޕް ހޯލްޑިންސް ޕާޓްނާޝިޕް މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައި ވީނަމަވެސް، އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވަލްސް" ހަރަކާތް މީރާގައި ރަޖިސްޓަރީނުކޮށް ގިނަ ދުވަސްތަކަކަށް ވަނީ ހިންގައިފައި ކަމަށެވެ. އަދި ތަހުގީގު ކުރި މުއްދަތުގެ ތެރޭގައި އެ ވިޔަފާރި ހަރަކާތް ހިންގައިގެން ލިބިފައިވާ ޖުމުލަ އާމްދަނީގެ 89 އިންސައްތަ މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކުގައި ހިމަނައިފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެގޮތުން އެ މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައި ނުވާކަން ފާހަގަވި ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން ޓެކްސް އަހަރު 2020 އަދި 2021 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދުނު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ ތަހުގީގުގައި މީރާއިން ވަނީ ހޯޕް ޓްރެވެލްސްގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގައިފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ މައްސަލައިގައި، ހޯޕް ހޯލްޑިންގްސް ވިޔަފާރީގެ އިތުރުން ވިޔަފާރީގެ އެއް ޕާޓްނަރު ކަމަށްވާ ޝަހުދު އިބްރާހީމްމަނިކާއި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހެއް ކަމަށްވާ މުޙައްމަދު ޢަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށް މީރާއިން ބުންޏެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.
ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތަށް ލިބެން އާމްދަނީގެ ބޮޑުބައެއް ޓެކްސްތަކުން ލިބޭ އާމްދަނީ ހިއްސާކުރާއިރު، ޓެކްސް ނުލިބުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް ޓަކައި، އެއްވެސް ގާނޫނެއްގެ ދަށުން ޓެކުހެއް ދައްކަން ޖެހޭކަން އެނގިހުރެ ގަސްދުގައި ރެކުމުގެ ނިޔަތުގައި، ޓެކްސް ދެއްކުމާ ގުޅޭގޮތުން އަންގަން ޖެހޭ އެންގުމެއް ނޭންގުމާއި އެއިން ގާނޫނެއްގެ ދަށުން ހުށަހަޅަން ޖެހޭ މައުލޫމާތެއް ހުށަނާޅައިފިނަމަ ގިނަވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.