މަޝްރޫއުގެ މައުލޫމާތު ނުލިބިގެން އެމްޑީޕީން ރަސްމާލެއަށް؛ ''ދެ ދައުރުން ވެސް މަސައްކަތް ނުނިމޭނެ''

ރަސްމާލެ ހިއްކާ ސަރަހައްދުގެ ބައެއް ސައިޓް ސުޕަވައިޒަރުންނާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

މި ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް ފަށައިފައިވާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ދުވެއްޔަށް ބަލާއިރު، ވެރިކަމުގެ ދެ ދައުރުގެ ތެރޭ ވެސް މަޝްރޫއު ނުނިމޭނެ ކަމަށް، އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން އެ ސަރަހައްދަށް ވަޑައިގަތުމަށް ފަހު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ.

އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އެކި ސަބަބުތަކާ ހެދި، ރަސްމާލެ ހިއްކުން އެކި ފަހަރު މަތިން ހުއްޓިފައިވެސްވެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބެލުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން މިއަދު ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އެ މެންބަރުން ވަނީ ރަސްމާލޭގައި ހިއްކަމުންދާ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވައިފައެވެ.

އެގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ގާތްގަނޑަކަށް ދެ އަހަރު ފާއިތުވިއިރު، މަޖިލީހުގެ ތެރެއިން މަޝްރޫއާ ގުޅޭ ތަފުސީލު ހޯދުމަށް އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި، މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވަން އެ ސަރަހައްދަށް މެންބަރުން ވަޑައިގަތީ އެހެންވެ ކަމަށެވެ.

ރަސްމާލެ ހިއްކާ ސަރަހައްދުގެ ބައެއް ސައިޓް ސުޕަވައިޒަރުންނާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ރައްޔިތުން މި ވެރިކަން ގެނައީ އުންމީދަކާ އެކު ކަމަށާއި، "މުސްތަގުބަލު" އޮތީ މި ތަނުގައި ކަމަށް ވާތީ ކަމުގައި މައުރޫފް ވިދާޅުވިއެވެ.

އަޅުގަނޑުވެސް الله އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މި ތަނަށް، މި ތަން ނިމުނުހާ އަވަހަކަށް، އެހެންވެ ދެން އަޅުގަނޑުމެންގެ ފިއުޗާ ނުވަތަ މުސްތަޤްބަލު އޮތް ތަން ކަމުގައި ވާތީވެ، މި ތަން ހިނގަމުންދާ ނުދާ ގޮތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތަކަށް ވާތީވެ، މި ތަން ހިނގާ ނުހިނގާ ގޮތް ބަލާލަން ވެގެން އަޅުގަނޑުމެން މި އައީމައުރޫފް ޒާކިރު، ކެންދޫ ދާއިރާގެ މެންބަރު

އޭނާ ވިދާޅުވީ، އެކަމަކު ފެނުނީ ގާތްގަނޑަކަށް 100 އެއްހާ ހެކްޓަރު ހިއްކައި ނިންމާފައިވާ މަންޒަރު ކަމަށާއި، އެ ތަނުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާ ވާހަކަ ދައްކާލުމުން މުސާރަ އާއި އިނާޔަތްތައް ރަނގަޅަށް ނުލިބޭކަން ފާހަގަވި ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވިގޮތުގައި، 2024 ވަނަ އަހަރުގެ ބަޖެޓުގައި ރަސްމާލެ ހިއްކުމަށް 1.35 ބިލިއަން ރުފިޔާ ހިއްކުމަށް މި ސަރުކާރުން އެދުމުން ބަޖެޓުގައި އެ ފައިސާ ނުހިމެނީ އާންމުންނަށް އެ މަޝްރޫއުގެ ސަބަބުން މަންފާކުރާނީ ކިހާ ވަރަކަށްތޯ ސުވާލުކުރުމުން ސަރުކާރުގެ ފަރާތުން ފުރިހަމަ ޖަވާބެއް ނުލިބުމުގެ ސަބަބުންނެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން: އެމްޑީޕީގެ މެންބަރުން ބުނަނީ މި ނިސްބަތުން މަސައްކަތްދާ ނަމަ، ދެ ދައުރުން ވެސް ރަސްމާލެ ހިއްކައި ނުނިންމޭނެ ކަމަށް --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

އެހެންވެ، ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ ބަދަލުގައި ޚާއްސަ ބަޖެޓެއްގެ ތެރެއިން ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ އަޑުތަކެއް އިވުނު ކަމަށާއި، އެގޮތުން ހުޅުމާލޭން ހިއްކާފައި އޮތް ބޮޑު ސަރަހައްދަކާއި ފުށިދިއްގަރުފަޅުން ހިއްކާ ބޮޑު ބައެ ކޮންޓްރެކްޓަރަށް ދިގު މުއްދަތަކަށް ދޭ ވާހަކަތަކެއް އަޑުއިވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެބަ އަޑުއިވޭ ބަޖެޓުންނޭ ފައިނޭންސްކުރާނީ، ރައްޔިތުންގެ ފައިސާއިންނޭ، އަދި އަށް މަސް ދުވަސްތެރޭގައި އެކަން ކުރަން ބުނީ، އޭގެ އަށް މަސް ގޮސް އިތުރު އަށް މަސް ގޮއްސި މިހާރު، ދެ އަށް މަސް ދުވަސް، 16 މަސް ދުވަސް ނިމި ހިނގައްޖެ، އަދި މި ޕްރޮޖެކްޓްގެ 20 ޕަސެންޓާ ހަމައަށް ހިއްކުމުގެ މަސައްކަތް ކުރިއަކަށް ނުދޭ،"އިބްރާހީމް ނާޒިލް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވިގޮތުގައި އަވަސް މަސައްކަތެއް ކޮށްގެން ނޫނީ ރަސްމާލޭގައި މީހުންނަށް ދިރިއުޅެވޭވަރު ނުވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި މިދާ ނިސްބަތުން ދަންޏާ ވެރިކަމުގެ ދެ ދައުރުގެ ތެރޭ ރަސްމާލެ ހިއްކައި ނުނިމޭނެއެވެ.

"އުންމީދު މި ކުރަނީ ސަރުކާރުން މި ހިސާބުން އަޅުގަނޑުމެންގެ މި ދަތުރާ ގުޅިގެން މިއަށް ވުރެ ސްޕީޑް ބާރުކުރާނެ [ކަމަށް]، އެހެންވިއްޔާ އެ ކަންކަން ވޭ އެހެން، އިންތިޚާބު ކައިރިވީމަ އަވަސްވޭ، ނޫނީވިއްޔާ އަޅުގަނޑުމެން ޕްރޮޖެކްޓެއް ނުހިނގާ ވާހަކަ ކީމަ ތަންކޮޅެއް ސްޕީޑު އަވަސްވޭ،" އޭނާ ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމަށް ބޭނުންކުރާ ބައެއް އުޅަނދުފަހަރު --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ރަސްމާލެ ހިއްކަން ޑިސެމްބަރު 18, 2023ގައި ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލާ ގޮތަށެވެ. އެކަމަކު، މަޝްރޫއު ކުރިއަށް ގެންދަން އިތުރު ގޮތްތަކެއް ހޯދަންޖެހި، މަޝްރޫއު މަޑުޖެހިފައި އޮންނަތާ ދުވަސްތަކަކަށް ފަހު އަލުން ފެށީ ނޮވެމްބަރު 10، 2024 ގައެވެ.

ސަރުކާރުން ނިންމާފައިވަނީ ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާށެވެ. އެ ތަނުގައި 30،000 އެއްހައި ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރޭވިއެވެ.

comment ކޮމެންޓް