ދިވެހީންނަށް ޓަކައި ދިވެހީންގެ ބައެއް ކަންކަން ހުއްޓާލަންޖެހޭ ކަމަށާއި، އެ ދުވަސް ނައިސް އިގްތިސޯދު ހަމައަކަށް ނޭޅުވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ވެސް ރިފޯމްތައް ގެނައުމަށް ތާއީދުކުރައްވައިފިއެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްވެ، ބޭރުގެ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކް ދަފަ ތަންތަނުން ވަނީ އާސަންދައާއި، ސަބްސިޑީ ރިފޯމްކުރަން ގޮވާލައިފައެވެ. އެ ގޮތަށް ޕެންޝަން ހިމެނޭހެން ގިނަ ރިފޯމްތަކެއް މި އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. އޭރު ސަރުކާރުގެ އިސްވެރިން ވެސް ވަނީ ޚަރަދު ކުޑަނުކޮށް އަޑިގަނޑުން އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒެއް ނުކުރެވެއެވެ.
ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ރިފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ނަސޭހަތްތެރިވިޔަސް އެކަމެއް ނުކުރެއެވެ.
އޭގެ ބަދަލުގައި ސަރުކާރުން ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން މެންބަރު ހަމީދު ވިދާޅުވީ ރައްޔިތަކަށް ދެމުންދާ އެއްވެސް އެއްޗެއް ކަނޑާލުމަކީ ހަގީގަތުގައި ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އިއްޔެ ލިބޭ އެތި މިއަދު ނުލިބޭނަމަ ރައްޔިތުން އެ ޝަކުވާ ކުރާ ކަމަށް ހަމީދު ވިދާޅުވިއެވެ.
2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައި އެއްޗެއް ކީއްވެހޭ މިއަދު ކަނޑަންވީ؟ އައިއެމްއެފުން ވިދާޅުވިޔަސް، ވޯލްޑްބޭންކުން ވިދާޅުވިޔަސް ކީއްވެހޭ ކަނޑަންވީ؟ މިއީ އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އޮންނަ ސުވާލެއް، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
އެހެންނަމަވެސް ހަގީގަތަކީ ވޯލްޑް ބޭންކާއި، އައިއެމްއެފް ފަދަ ތަންތަނުން ލަފާ ދޭ ގޮތަށް މި ގައުމު ހަމައަކަށް އަޅުވަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު ވެސް މިދަނީ "ދަރަނިން ދަރަނި ދައްކަމުން" ކަމަށް ވިދާޅުވެ ހަމީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ ދަރަނި ކުޑަކޮށްގެން ނޫނީ ހަމަނޭވާއެއް ނުލެވޭނެ ކަމަށާއި، ނޫންނަމަ ދެން އަންނަ ވެރިކަމެއްގައި ވެސް އެ އުނދަގޫ ތަހައްމަލު ކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް އަބަދު ހިލޭ އެހީ ދޭކަށް، ނުވަތަ ލޯނު ދޭކަށް ގައުމަކުން ނާންނާނެ ކަމަށް ހަމީދު ވިދާޅުވިއެވެ. އެހެންކަމުން މިއަދު، ލިބޭ ބައެއް އެއްޗެހި ދޫކޮށްލާފައިވިޔަސް ދަރަނިން ސަލާމަތްވާން އެބަޖެހޭ ކަމަށާއި، އެކަން ވާން އޮތީ ރިފޯމްތައް ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން އެބަޖެހޭ ދިވެހީންނަށް ޓަކައި ދިވެހީންގެ ބައެއް ކަންކަން ހުއްޓަން. އެ ދުވަސް ނައިސް އަޅުގަނޑުމެންގެ އިގްތިސޯދު ހަމައަކަށް ނޭޅުވޭނެ، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު

ރައީސް މުއިއްޒާއި މާލީ ވަޒީރު ޒަމީރު -- ފޮޓޯ/ ރައީސް އޮފީސް
ހަމީދު އެފަދައިން ވިދާޅުވިއިރު، ސަބްސިޑީ ރިފޯމްނުކުރެވި، އަހަރުގައި ބާކީ ފަސް މަސް އޮއްވައި ސަބްސިޑީއަށް މި އަހަރު ކުރި ބަޖެޓުގެ 99 އިންސައްތަ ހުސްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ. ސަބްސިޑީއަށް މިހާތަނަށް 1،836.4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު އެއަށް ބަޖެޓުކުރީ 1،859.6 މިލިއަން ރުފިޔާއެވެ. އެހެންވެ، ސަބްސިޑީ ބަޖެޓުގެ 99 އިންސައްތަ ހުސްވީއެވެ.
މި އަހަރު އާސަންދައަށް ބަޖެޓުކޮށްފައިވަނީ 1،859.6 މިލިއަން ރުފިޔާއެވެ. ހަތްވަނަ ދުވަހާ ހަމައަށް 1،169.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެހެންވެ، އާސަންދަ ބަޖެޓުގެ 62.9 އިންސައްތަ ވަނީ ހުސްވެފައެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 2،496 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންވެ އަހަރުން އަހަރަށް ބަލާނަމަ މި އަހަރު ސަބްސިޑީއަށް ކުރި ހޭދައިން 650 މިލިއަނެއްހާ ރުފިޔާ ވަނީ ކުޑަކޮށްފައެވެ. އެކަމަކު، މި އަހަރު ސަބްސިޑީއަށް ކުޑަކޮށް ބަޖެޓުކުރީ ސަބްސިޑީ ރިފޯމްކޮށް، ހަމައެކަނި އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ލިބޭ ގޮތް ހަދާށެވެ. ސަބްސިޑީ ބަޖެޓު އެއްކޮށްހެން ހުސްވީ އެކަން ނުކުރެވުމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް ދަރަނީގެ ބިރުވެރިކަން ބޮޑެވެ. އެގޮތުން، މި އަހަރު 688 މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. އެހެންވެ، ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ ޚަރަދު ބޮޑުކަމުން ކަންބޮޑުވުން ފާޅުކުރެއެވެ.
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް ވަނީ ރާއްޖެއަށް ދީފައި އޮތް 'ޖަންކް' ރޭޓިން ދަމަހައްޓާފައެވެ. އެއީ، ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުން ދޭ ރޭޓިންއެކެވެ. އެހެންވެ، ހިލޭ އެހީއާއި ލޯނު ލިބުން ވަރަށް ބޮޑަށް ދައްޗެވެ.