ފާއިޒުގެ "އިހުސާސް"، ކުލަކޮށްދިނީ ކަޅާއި ހުދުގެ ހަނދާންތައް

ފާއިޒްގެ މައުރަޒުގައި ހުރި ކުރެހުމެއް ބަލައިލަން ދެ މީހަކު ހުއްޓިލައިގެން ---

ކުރެހުންތެރިޔާ އަބްދުﷲ ފާއިޒްގެ މައުރަޒު ބަލައިލަން މާލޭ އާޓް ގެލެރެރީގެ ތެރެއަށް ވަދެގެން އައިއިރު، ފެންނަން ހުރި ކުރެހުންތަކުން ސޮއްސައިލީ، ނަވާރަސަތޭކައިގެ ހަނދާންތަކަށެވެ.

"އިހުސާސް"ގެ ނަމުގައި މިއަދުގެ ނިޔަލަށް އޮންނަ މި މައުރަޒުގައި މާލޭގެ އިހުގެ މަންޒަރުތައް، ހިމެނޭ 50 ކުރެހުމެއް ވަނީ ދައްކައިލަން ބަހައްޓައިފައެވެ. މައުރަޒުގައި ރާއްޖޭގެ މަންޒަރުތަކުގެ އިތުރުން އިންޑިއާ އާއި ދުބާއިގެ އެކި ތަންތަން ފެންނަ ކުރެހުންތަކެއް ވެސް އެބަހުއްޓެވެ.

އަބްދުلله ފާއިޒް އޭނާގެ މައުރަޒުގައި --
މި މައުރަޒުގައި ހުރި ކޮންމެ ކުރެހުމަކީ ވެސް އެތައް ހަނދާނަކާއި، އިހުސާސްތަކެއްގެ ތެރެއަށް ގެންގޮސްދޭ މާނަފުން ކުރެހުންތަކެކެވެ.

"އަހަރެންގެ މަސަތްކަތްތައް ކުރިއަށް ގެންދަނީ, އިހުސާސާއި, އަޅައިލުމާއި މިނިވަން ވިސްނުމެއްގައި. އަހަރެން ބޭނުންވަނީ އަހަރެންގެ ކުރެހުންތަކާ މީހުން އެންގޭޖުވެ, އެ ކުރެހުންތަކުން އުފެދޭ ޖަޒުބާތުތައް އިހުސާސްކުރަން،" ފާއިޒް ވިދާޅުވިއެވެ.

ޖަޒުބާތާ އެކު ކުރެހުން

ފާއިޒް ވިދާޅުވި ގޮތުގައި އޭނާގެ ކުރެހުންތަކުގައި އެންމެ ބޮޑަށް ގެނެސްދޭން މަސައްކަތް ކުރަނީ ޖަޒުބާތު ކަމަށެވެ. އެހެންވެ، ކޮންމެ ކުރެހުމެއްގެ މަސައްކަތް ކުރިއަށް ދާއިރު އެ ކުރެހުމެއްގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ އެއާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ ކުރެހުމެއް ނިންމައިލުމަށްފަހު އެ ކުރެހުމެއް އެއް ފަރާތް ކޮށްލާފައި، ފަަހުން ހަމަ އެ ކުރެހުމަށް ބަލައިލާއިރު އަނެއްކާވެސް މުޅިން އާ އިހުސާސުތަކަށް ޖާގަދެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އަބްދުلله ފާއިޒްގެ މައުރަޒު ބަލައިލަން މީހުން އުޅެނީ --
މައުރަޒު ބަލައިލަން ގިނަ ބަޔަކު ދިޔަ ސަބަބަކީ ވެސް އެއީ އެވެ. ހަމައެކަނި ދިވެހީންނެއް ނޫނެވެ. ބޭރުގެ އެކި ފަތުރުވެރިން ވެސް ޒިޔާރަތް ކުރިއެެވެ. ވަކީން ޚާއްސަކޮށް ޒުވާނުންނަށް މި ކުރެހުންތަކުން ފާއިޒް ގެނެސްދޭން ބޭނުންވި ޖަޒުބާތާއި އިހުސާސް މާ ރަނގަޅަށް ވެސް ފޯރިއެވެ.

އިމްޕްރެޝަނިޒަމް ސްޓައިލަށް ކުރެހުންތައް މިހުރީ ކީއްވެ؟

ކުރެހުމަކީ ހުނަރެކެވެ. ކުރެހުންތައް ކުރެހުމުގެ އެކި ސްޓައިލްތައް ނުވަތަ އުކުޅުތައް ހުރެއެވެ. ފާއިޒްގެ ޝައުގުވެރިކަން ހުއްޓިފައި އޮތީ އިމްޕްރެޝަނިޒަމް ސްޓައިލަށެވެ.

ފާއިޒްް ވިދާޅުވި ގޮތުގައި މި އުކުޅު ކަމުދަނީ، މަންޒަރުތަކުގެ އެންމެ ފުރިހަމަ ތަފްސީލުތައް ދައްކުވައިދޭން އުޅުމުގެ ބަދަލުގައި ވަކި ޚާއްސަ ވަގުތުތަކަކާއި، ތަނެއް، އޭގެ އެންމެ ރީތި އިހުސާސުތައް ނެރެދެވޭ ގޮތަށް ދައްކައިލެވޭތީއެވެ.

"އަލިކަމާއި ކުލައާއި ހަރަކާތްތަކުގެ ސަބަބުން މަންޒަރު ދިރިހުރި ކަމުގެ އިހުސާސް ކުރެވެ. ބެލުންތެރިންނަށް އިމްޕްރެޝަނިޒަމްއިން ދައުވަތު ދެނީ ހަމައެކަނި މި ހިނދިކޮޅު ބަލާލުމަކަށް ނޫން, އެ ވަގުތު ތަޖުރިބާ ވެސް ކޮށްލުމަށް،" ފާއިޒު ބުންޏެވެ.

އަބްދުلله ފާއިޒްގެ މައުރަޒުން ކުރެހުމެއް --
އޭނާގެ ގިނަ މަސަތްކަތްތަކެއް މި މައުރަޒުގައި ދައްކައިލަން ބަހައްޓާފައި ހުރި ނަމަވެސް ބައެއް މަސަތްކަތްތަކަކީ ޕްރައިވެޓްކޮށް ބަހައްޓާފައި ހުރި ކުރެހުންތަކެވެ.

ފާއިޒުގެ ކުރެހުންތައް ޚާއްސަ ވަނީ ރާއްޖޭގެ އިހުގެ ތާރީޚާއި މާޒީ ކުލަކޮށްދޭތީއެވެ. އަދިވެސް އޭނާ ކުރަހަން ބޭނުންވާ އެތައް ބައިވަރު ރަށްތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި އޭނާ ހުންނެވީ ކޮންމެވެސް ދުވަހަކުން އެ މަންޒަރުތައް ގެނެސްދިނުމުގެ އުންމީދުގައެވެ.

އަބްދުلله ފާއިޒްގެ މައުރަޒުން ކުރެހުމެއް --

ފާއިޒް ވިދާޅުވި ގޮތުގައި ރާއްޖޭގައި، އާޓަށް އޮތީ ވަރަށް ފަހި މުސްތަގްބަލެކެވެ.

"20 އަހަރުތެރޭ އަޅުގަނޑަށް ތަސައްވުރު ކުރެވެނީ ރާއްޖޭގެ އާޓް ސީން ވަރަށް ބޮޑަށް ކޮންޓެމްޕޮރަރީކޮށް, އަދި އަހަރުމެންގެ ސަގާފަތާއި ނިކަން ބޮޑަށް ގުޅި ބިންވަޅު ނެގިފައި. އަދި ރާއްޖެއާއި ބޭރުދުނިޔޭގައި ވިދާލާނެ މަންޒަރު،" ފާއިޒު ބުންޏެވެ.

އޭނާއަށް "އިހުސާސް" މައުރަަޒަކީ ހަމަ އެކަނި ކުރެހުންތައް ދައްކާލުމަށް ވުރެއް މާ ބޮޑު މަގްސަދެއް ހިމެނޭކަމެކެވެ. އެއީ ކުރެހުންތައް ބަލައިލަން އަންނަ މީހުންނާއި، އެ ކުރެހުންތަކާ ދެމެދު ޚާއްސަ ގުޅުމެއް އުފެއްދުމުގެ މަގްސަދެވެ.

އެ މީހުންނަށް ރާއްޖޭގެ ބާރާއި ސިފަ އިހުސާސް ކުރެވޭތޯ ޔަގީން ކުރުމެވެ.

comment ކޮމެންޓް