ލިބުނު ކާމިޔާބީގެ ހަގީގީ ހައްގުވެރިންނަކީ މައިންބަފައިން ކަމަށް
އުމުރުން އެންމެ 18 އަހަރުގައި އޭލެވެލްގެ 24 މާއްދާއިން އެންމެ މަތީ ފާސް ހޯދި މާހްނޫރު ޗީމާ ނަމަކަށް ކިޔާ ދަރިވަރު ބުނެފިއެވެ.
ޕާކިސްތާނުގެ ދަރިކޮޅަކަށް ނިސްބަތްވާ މާހްނޫރު ބީބީސީއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، އޭނާއަށް ލިބުނު ކާމިޔާބީ އަކީ ހަގީގަތުގައި އޭނާގެ އަމިއްލަ އެއްޗެއް ނޫން ކަމަށެވެ.
މާހްނޫރުއަށާއި އޭނާގެ ކޮއްކޮއަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ ބޭނުމުގައި އަމިއްލަ ވަޠަނާއި އާއިލާގެ ގާތްތިމާގެ މީހުން ދޫކޮށް ބޭރު ޤައުމަކަށް ދިރިއުޅުން ބަދަލު ކުރުމަކީ އެއްވެސް މަންމަ އަކަށް އަދި ބައްޕައަކަށް ފަސޭހަ ނިންމުމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެއީ އަމިއްލަ ދިރިއުޅުމުގައި މީހަކުވާނެ އެންމެ ބޮޑު ޤުރުބާނީ ކަމަށާއި އެކަމަށް ޓަކައި އަބަދުވެސް މަންމަ އާއި ބައްޕައަށް ޝުކުރުވެރިވާނެ ކަމަށް މަހްނޫރު ވަނީ ބުނެފައެވެ.

މާހްނޫރު މަންނަ ތައްޔަބާ ޗީމާއާ އެކު. ލިބުނު ކާމިޔާބީއަށް ވާސިލުކޮށްދިނުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްދިނީ މަންމަ ކަމަށް މާހްނޫރު ވަނީ ބުނެފައި--ފޮޓޯ/ބީބީސީ
މި ލިބުނު ކާމިޔާބީއާ ގުޅިގެން ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާއިރު މަހްނޫރު އަކީ ކުޑައިރުއްސުރެ ވެސް އުނގެނުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކުއްޖެއް ކަމަށް މާހްނޫރުގެ މައިންބަފައި ވަނީ ބުނެފައެވެ.
ހަމައެއާއެކު ދަރިފުޅުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ އޭނާގެ މަންމަ ތައްޔަބާ ޗީމާ ކަމަށް މާހްނޫރު ބައްޕަ އުސްމާން ޗީމާ ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ލާހޯރަށް ނިސްބަތްވާ މި ދެމަފިރިން ބުނެފައި ވަނީ ދަރިފުޅު އުފަންވެ ބޮޑުވަމުން އައީ އިނގިރޭސިވިލާތުގައި ކަމަށްވިޔަސް އެއީ އަބަދުވެސް ޕާކިސްތާނު ކުއްޖެ ކަމަށާއި މުސްތަގުބަލުގައި އެހެންމީހުން ވެސް ދަރިފުޅު ސިފަކުރަން ބޭނުންވަނީ ވެސް އެގޮތަށް ކަމަށެވެ.

މާހްނޫރު އޭނާގެ މައިންބަފައިންނާ އެކު--ފޮޓޯ/ބީބީސީ
މާހްނޫރަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު އޭނާ ބައިވެރިވި އޭލެވެލްގެ 24 އިމްތިހާނު ވެސް ފުރިހަމަކޮށްފައި ވަނީ އެއް ބުރުންނެވެ. މާހްނޫރު 2023ވަނަ އަހަރު ނިންމި ޖީސީއެސްއީ ނުވަތަ އޯ-ލެވެލް އިމްތިހާނުގެ މާއްދާތަކުން ލިބުނު ނަތީޖާއާ އެކު މިހާތަނަށް އޭނާއަށް ލިބުނު އޭ* ގްރޭޑްގެ އަދަދު 58އަށް އަރާފައިވާކަމަށް ބީބީސީ ރިޕޯޓެއްގައި ބުނެފައިވެއެވެ. އެއީ އޭލެވެލްގެ 24 އޭ*ގްރޭޑާއި ޖީސީއެސްއީގެ 34 އޭ*ގްރޭޑެވެ.
މާހްނޫރުގެ މައިންބަފައިން ބުނެފައިވާ ގޮތުގައި އޭނާ އަކީ ކުޑައިރުއްސުރެ ވެސް ވަރަށް ހާއްސަ ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. އެގޮތުން އެއީ ވަރަށް ހަނދާން ގަދަ ކުއްޖެއް ކަމަށާއި ފޮތެއް ކިޔާލުމުން ވެސް އެފޮތުގައި ހުންނަ މައުލޫމާތު ދަރިފުޅުގެ ސިކުނޑިއަށް ސްކޭންކުރެވިގެންދާ ވާހަކަ ކުޑައިރު ވެސް ބުނާ ކަމަށް މާހްނޫރުގެ ބައްޕަ ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގެ ދެ ސްކޫލެއްގައި ތައުލީމު ހާސިލުކުރުމަށްފަހު މާހްނޫރު ކިޔެވުމުގެ އެންމެ ފަހު އަހަރު ބޭނުންވީ ގޭގައި ހުރެގެން ތައުލީމު ހާސިލުކުރުމަށެވެ. ބީބީސީއަށް ދިން އިންޓަވިއުއެއްގައި މާހްނޫރު ބުނެފައި ވަނީ ކުޑައިރުއްސުރެ ވެސް އޭނާގެ މަންމަ ވަނީ ސިކުނޑި ތަރައްޤީ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއްގައި އޭނާ ބައިވެރިކޮށްފައެވެ. އޭގެތެރޭގައި އެރިތުމެޓިކް، ޗެސް އަދި ކްލެސިކަލް މިއުޒިކް ހިމެނޭ ކަމަށް މަހިނޫރު ވަނީ ބުނެފައެވެ.
އެހެން ކުދިންނެކޭ އެއްގޮތަށް އޭނާ އަކީ ވެސް ކިޔެވުމުގެ އިތުރުން އެހެނިހެން ކުޅިވަރުތައް ކުޅެ ރަހްމަތްތެރިންނާ އެކު ވަގުތު ހޭދަކުރާ ކުއްޖެއް ކަމަށާއި އެ ހުރިހާ ކަމަކަށް ވަގުތު ހުސްކުރަނީ ކިޔެވުމަށް އޭގެ އަސަރު ނުކުރާނެ ގޮތަކަށް ކަމަށް މާހްނޫރު ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
އޭލެވެލްގައި 24 މާއްދާ ހަދަން އޭނާ ނިންމި ނިންމުމާ ގުޅޭގޮތުން ބުނެފައި ވަނީ، އޭލެވެލްއަށް އޭނާގެ މަންމަ އޭނާ ތައްޔާރުކުރީ ވަރަށް ގިނަ ގޮންޖެހުންތަކެއް ކަޑައްތުކޮށްފައި ކަމަށާއި އެހެންކަމުން އެންމެ ހަތަރު ވަރަކަށް އޭލެވެލް މާއްދާގައި ބައިވެރިވުމަކީ އެންމެ އިންސާފުވެރި ނިންމުން ކަމަށް ނުދެކޭތީ ކަމަށެވެ.
މެޑިސިންގް ދާއިރާއިން، ހާއްސަކޮށް ނިއުރޯ ސައިންސް އަދި ނިއުރޯސާޖަރީއަށް ޝައުގުވެރިކަން ހުންނަ މި ޒުވާނާއަށް ތައުލީމީ ރޮނގުން ލިބުނު ކާމިޔާބީއާ އެކު އޮކްސްފޯޑު ޔުނިވަސިޓީއިން މެޑިސިންގް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު އޮކްސްފޯޑު ޔުނިވަސިޓީގައި ތައުލީމީ ރޮނގުން މުޅިން އާ ސޮފުހާއެއް އާ ތަޖުރިބާތަކަކާ އެކު ފަށަން ތައްޔާރުވަމުން އަންނަ މާހްނޫރު ބުނީ އޮކްސްފޯޑު ޔުނިވަސިޓީއަށް ދިއުމަކީ އޭނާ ކުޑައިރުއްސުރެވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އިތުރު އެހެން ޔުނިވަސިޓީއަކަށް ދިއުމުގެ ތަސައްވަރެއް ނުގެންގުޅޭ ކަމަށެވެ.
ދަރިފުޅުގެ ކާމިޔާބީއާ ގުޅިގެން މާހްނޫރުގެ ބައްޕަ އުސްމާން ޗީމާ ބުނީ މިދިޔަ 14 ވަނަ ދުވަހު ފާހަގަކުރި ޕާކިސްތާނުގެ މިނިވަން ދުވަހާ އެކު އެ އާއިލާއަށް ލިބުނު އުފާ މާހްނޫރު އިތުރުކޮށްދީފި ކަމަށެވެ.