މި ސަރުކާރުގައި އެންމެ ފުރަތަމަ ވަކިކުރަން މަސައްކަތްކުރި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހަށް އިސްކަންދެއްވައި، އެ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ސީއެސްސީގައި މި ވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރުކަން އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެއެވެ.
އެެހެންވެ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނާސިހުގެ ނަން ހިމެނޭހެން ހަ ނަމެއް ރައީސް ވަނީ މަޖިލީހަށް އިއްޔެ ފޮނުއްވައިފައެވެ.
ނާސިހުގެ ނަން ހިމެނޭހެން ރައީސް ދެން ފޮނުއްވި ނަންތަކުގެ ތަރުތީބަކީ:
- ޑރ. ހުސައިން ފާއިޒް - ދަފްތަރު ނަންބަރު 1325
- ޑރ. ދީބާ މޫސާ - މ. ވައިޓްބެލް
- ބަދުރިއްޔާ މޫސާ - ދަފްތަރު ނަންބަރު ރސ-414
- ޑރ. ފާތިމަތު މުނާ - ވާދީއާގެ، ގއ. ވިލިނގިލި
- އާމިނަތު އުއްމުކުލްސޫމް - މޫންލައިޓްހައުސް، އައްޑޫ، މަރަދޫ
މި ނަންތައް ދިރާސާކުރުމަށް ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މިހާރު ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ނާޞިޙު ވަނީ އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ލިވަޕޫލް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވައި، ޓެލެކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓިންގެ ދާއިރާގައި 28 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައެވެ.
އެގޮތުން ބްރޯޑްކޮމްގެ އަމީން އާންމުގެ މަގާމާއި އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހު ވަކިކުރަން ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު، އަމިއްލަ މަގްސަދެއް ހާސިލްކުރަން އުޅުނުކަމަށް ތުހުމަތުކޮށް، ޝަކުވާ ލިބިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ހަމަ އެ މަހު މަޖިލީހުން ވަނީ އޭނާ ވަކިނުކުރަން ނިންމައިފައެވެ.