ވޭޕް ކުރުން މަސްތުވާތަކެތީގެ މައްސަލައެއްގެ ގޮތުގައި ސިންގަޕޫރުގައި ބަލަނީ

ސިންގަޕޫރުގެ ބޮޑު ވަޒީރު ލޯރެންސް ވޮންގް

ވޭޕް ބޭނުން ކުރުމަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ގޮތުގައި ބަލައި މިހާރަށްވުރެ މާ ހަރުކަށި ފިޔަވަޅުތަކެއް ވޭޕްކުރާ މީހުންނާމެދު އަޅާނެ ކަމަށް ސިންގަޕޫރުގެ ބޮޑު ވަޒީރު ލޯރެންސް ވޮންގް ވިދާޅުވެއްޖެއެވެ.

އޮގަސްޓް 17ވަނަ ދުވަހު ބޭއްވި އެ ގައުމުގެ ގައުމީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވޮންގް ވިދާޅުވީ ކޮންމެ ޖީލަކުން ވެސް ކަންބޮޑުވަނީ ޒުވާނުންނަށް ނޭދެވޭ ނުފޫޒުތަކުގެ އަސަރު ކުރާތީ ކަމަށެވެ. އަދި ވޭޕްގެ ސަބަބުން އާ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށާއި، ވޭޕިން އަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވޮންގް ވިދާޅުވިއެވެ.

ވޭޕް ކުރާ މީހުންނަށް އަދަބު ދިނުމާ ގުޅިގެން ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި ވޮންގް ވިދާޅުވީ ސިންގަޕޫރުގައި ވޭޕް ކުރުން މަނާ ނަމަވެސް އަދިވެސް މީހުން ވޭޕް ސްމަގަލްކޮށް ގާނޫނުގެ ތެރެއިން އުޅެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށެވެ.

"މިއީ މަސްތުވާތަކެތީގެ މައްސަލައެއްގެ ގޮތުގައި ބަލާނަން. އަދި އެއަށްވުރެ މާ ހަރުކަށި އަދަބުތަކެއް ދޭނަން. އޭގެ މާނައަކީ ގެއްލުން ހުރި މާއްދާތަކާއެކު ވޭޕް ވިއްކާ މީހުންނަށް ޖަލު ހުކުމްތަކާއި އިތުރު ހަރުކަށި އަދަބުތައް ދޭނެކަން" ވޮންގް ވިދާޅުވިއެވެ.

"މީގެތެރެއިން ގިނަ ވޭޕްތަކުގައި އެޓޮމިޑޭޓް ފަދަ އެޑިކްޓް އަދި ގެއްލުން ހުރި މާއްދާތައް ބޭނުންކޮށް ހުންނަނީ. އެހެންވީމަ، ވޭޕްތަކަކީ ހަމައެކަނި ޑެލިވަރީ ޑިވައިސްތައް. އަސްލު ނުރައްކަލަކީ އެތެރޭގައި ހުންނަ އެއްޗެހި."

"މިވަގުތު އެއީ އެޓޮމިޑޭޓް. ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ ގޯސް ނުރައްކާ އެއްޗެއް ހުރެދާނެ."

އެޓޮމިޑޭޓް ލިސްޓްކޮށްފައިވަނީ ޕޮއިޒަންސް (ވިހަ)އިގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ ބޭނުންކުރާ މީހުންނަށް ހަމައެކަނި ލިބޭ އަދަބަކީ ޖޫރިމަނާއެވެ.

އެޓޮމިޑޭޓް ބޭނުންކުރަނީ ހަމައެކަނި މެޑިކަލް ޕްރޮސީޖާތަކުގައެވެ.

ވޭޕް ކުރުމުން ސީދާ ފުއްޕާމޭއަށް އެ ވިހަ ވަދެ، އަކުނިވަޔަށް ދަމައިގަންނަ ގޮތްވުމާއި، ނޭވާލާން އުނދަގޫވުން، މީހާ ހުއްޓޭގޮތް މެދުވެރިވުން އަދި ނަފުސާނީ ގޮތުން މީހާ ބަލިކޮށްލުން ވެސް އެކަށީގެންވެއެވެ.

ސިންގަޕޫރުގައި 2018ވަނަ އަހަރުން ފެށިގެން ވޭޕް ކުރުން މަނާކޮށްފައިވާއިރު، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ދަށުން ވޭޕް ގެންގުޅުމާއި، ބޭނުންކުރުން ނުވަތަ ގަތުމަކީ ގިނަވެގެން 2،000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމެކެވެ.

ނަމަވެސް ހަމައެކަނި ޖޫރިމަނާ ކުރުމަކުން މިހާރު ނުފުދޭ ކަމަށް ވޮންގް ވިދާޅުވިއެވެ.

އަދަބު ދިނުމުގެ އިތުރުން ވޭޕަށް އެޑިކްޓްވެފައިވާ މީހުންނަށް ސުޕަވައިޒަރީ އާއި ރިހެބިލިޓޭޝަން ދޭނެ ކަމަށްވެސް ވޮންގް ވިދާޅުވިއެވެ.

comment ކޮމެންޓް