ޖަލުތެރޭގެ މަރުތަކާއި މަސްތުވާތަކެތީގެ ފަރުވާއާ ގުޅުވައި ކަންބޮޑުވުން!

ގައިދީންތަކެއް: ގައިދީންނަށް ބޭނުންވާ ފަރުވާއެއް ޖަލަކު ނުދެވޭ ކަމަށް އަދީބް ވިދާޅުވި -- ފޮޓޯ/ ކަރެކްޝަންސް

މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް, ފުލުހުންގެ ބަންދުގައި ހުއްޓާ ޖަލުގައި އިއްޔެ މީހަކު މަރުވިއިރު، ޖަލުގައި ގައިދީންނަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމުގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ.

އެކި މައްސަލަތަކުގައި ޖަލުގައި ބަންދުގައި ކޮށްފައިތިބޭ މީހުން މަރުވާ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ ގިނަވާން ފަށާފައެވެ. އެގޮތުން، އިއްޔެ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ދެ ދުވަހެއްގެ ތެރޭގައި ޖަލުގައި 48 އަހަރުގެ ދިވެއްސަކު މަރުވެފައެވެ.

އޭނާ ހައްޔަރުކޮށް، ބަންދަށް ޖެހި އަމުރުން އެނގޭ ގޮތުގައި، އޭނާ ހައްޔަރުކޮށް ފައިވަނީ މަސްތުގެ ހާލަތުގައި ހުއްޓައެވެ. އަދި، އޭނާއަކީ ވަގުތުން ފަރުވާ ބޭނުންވާ މީހެއް ކަމަށް އަމުރުން އެނގޭއިރު، އޭނާ މަރުވީ ޖަލުގައި ހުއްޓާ އުނދަގޫތަކެއްވެ ކުއްލި ގޮތަކަށެވެ. މަރުގެ ސަބަބު ހޯދަން އޭނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.

https://sun.mv/210049

މި ނޫނަސް އެތައް މީހުންނެއް ޖަލުތަކުގައި މަރުވެފައި އެބަހުއްޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި, ދަންޖެހިގެން މަރުވި މައްސަލަތަކެއް ވެސް ފެންމަތިވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ހިމެނެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ވަކި އިރެއްގެ ތެރޭގައި އަނެއްކާ ވެސް މަސްތުވާން ބޭނުންވާ މީހުންނެވެ. އެ ނުރައްކާތެރި ވަބާ މަސައްކަތް ކުރާގޮތުން މަސްތުނުވެއްޖެނަމަ ހަށިގަނޑަށް އެކި ކަހަލަ ބޮޑެތި އުނދަގޫތައް ކުރިމަތިވާނެއެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ނުކޮށް ރަނގަޅަށް ހުރެވޭނީ ވެސް ފަރުވާއާ ވެސް އެކުގައެވެ.

ނަމަވެސް ރާއްޖޭގައި މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ސިއްހީ ހާލަތު ރަނގަޅަށް ނުބަލައި ހަމަ އެހެން ކުށްވެރިންނެކޭ އެއްގޮތަށް ބަންދުގައި ބަހައްޓާ ކަމުގެ ކަންބޮޑުވުން ބޮޑެވެ. އެގޮތަށް ހުއްޓާ އެފަދަ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވަނީ ކަމަށް ބުނެއެވެ.

މިފަދަ މައްސަލަތައް އިތުރުވާތީ އެންމެ ކަންބޮޑުވުން ފާޅު ކުރައްވާ އެއް ބޭފުޅަކީ, މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމާއި ޓްރެއިނިން ދިނުމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަލީ އަދީބެވެ.

އޭނާ ވިދާޅުވީ، ޖަލުތަކުގައި މަސްތުވާތަކެތި ބޭނުންކުރުން އިތުރު ކަމަށާއި އެކަން އެހެން ދިމާވާ ސަބަބުތަކުގެ ތެރޭގައި އެފަދަ މީހުންނަށް ދޭނެ ފަރުވާއެއް އެތަނުގައި ނެތުން ހިމެނޭ ކަމަށެވެ. އެގޮތުން، ޖަލުތަކުގައި މަސްތުގައި ތިބޭ މީހުން ކޮންމެ ހާލަތެއްގައި ތިއްބަސް އެ މީހުންނަށް ފަރުވާ ދޭން ޖެހޭ ކަމަށް ގާނޫނުން ލާޒިމުކުރެއެވެ.

އެ ގާނޫނުގައި އޮތް ގޮތަށް ޖަލުތަކުގެ ހާލަތާއި އެތަނުގައި ތިބޭ ގައިދީން އެސެސް ކުރަން އެބަޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އޭރުން އެ މީހުންނަށް ދޭންޖެހޭ ފަރުވާ އެނގޭނެ ކަން އޭނާ ވިދާޅުވިއެވެ.

ގައިދީން ތަކެއް ޖަލުގައި ދަނޑު ހެއްދުމުގެ މަސައްކަތުގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އަޅުގަނޑުމެން މިކުރާ ކަމަކީ ފަރުވާއޭ ކިޔާފައި. އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ޖަލުގައި ކޮށްފައި މަސްތުވާތަކެތި ބޭނުންކޮށްކޮށް ހުންނަ މީހުން މި ދޫކޮށްލަނީ މުޖުތަމައުގެ ތެރެއަށް. އެތާގައި ތިބި މީހުންނަށް ބޭނުންވާ ފަރުވާއެއް އަޅުގަނޑުމެނަކަށް ނުދެވޭ. އެސެސެއް ނުކުރެވޭއަލީ އަދީބް

އޭނާ ވިދާޅުވީ، ޑުރަގު ބޭނުންކުރާ މީހުންނަށް އެކަށީގެންވާ ފަރުވާއެއް މިހާރަކު ޖަލުތަކުގައި ނުދެވޭ ކަމަށާއި ފަރުވާ ދިނުމުގެ ކުރިން އެ މީހަކު ބޭނުން ކޮށްފައި ހުރި މަސްތުވާތަކެތީގެ ބާވަތްތަކަށާއި ކުށްތަކަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.

އަދީބް ވިދާޅުވި ގޮތުގައި، ތަފާތު ވައްތަރުތަކުގެ ޑުރަގަށް ފަރުވާ ކުރާ ގޮތްވެސް ތަފާތެވެ.

"ވަރަށް ބިރުވެރި މިހާރު. އަޅުގަނޑުމެން ޖަލާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. މިހާރު މަސްތުވާތަކެތީގެ ހާލަތު ބަދަލުވެގެން މި ބޮނީކީ މަޑުމަޑުން ތިބޭކަހަލަ މަސްތުވާއެއްޗެއް ނޫން މި ބޮނީކީ,"

މީހަކު ނިދާފައި: ޑުރަގު ބޭނުންކުރާ ގިނަ މީހުން މިހާރު ބޭނުން ކުރަނީ ދެ ވައްތަރު ޑުރަގު އެއްކޮށްގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ރާއްޖޭގައި އާންމުވެފައިވަނީ ކުރިއަށް ވުރެ ބާރުގަދަ ވައްތަރެއްގެ ޑުރަގެކެވެ. 'މެތް' ކިޔާ އެ ޑުރަގަކީ މީހާގެ ސިކުނޑި އަވަސްކޮށްލައި، ދެތިން ދުވަހު ވަންދެން ނިދިން މަރުހޫމު ކޮށްލާ ފަދަ ބާވަތެކެވެ.

އަދީބު ވިދާޅުވިގޮތުގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ ގިނަ މީހުންނަކީ އެ ބާވަތުގެ ޑުރަގު ބޭނުންކުރާ މީހުންނެވެ. އެ ނުރައްކާތެރި ވަބާގައި ޖެހިފައި ތިބި ގިނަ މީހުން މިހާރު އެ ބޭނުންކުރަނީ ވެސް ދެ ބާވަތް އެއްކޮށްގެނެއެވެ.

އެހެންވެ، އަދީބުގެ ކަންބޮޑުވުމަކީ އެ ވައްތަރުގެ ޑުރަގަށް ދޭނެ އެކަށީގެންވާ ފަރުވާއެއް ނެތުމާއި މެތް ބޭނުންކުރުމުގައި ހުރި ނުރައްކާތެރިކަމުގެ ވާހަކަ 'އެއްވެސް ބަޔަކު' ނުދައްކާތީއެވެ.

ޖަލުގެ ހާލަތު ދެނެގަތުން ވަރަށް މުހިންމު. ކޮން ލެވެލްއެއްގެ މީހުނެއްތޯ ތިބީ. ޖަލަކީ ވަރަށް ޑިޕްރެސިވް ތަނެއްތާ. އެއީ ޑިޕްރެސިވް ތަނަކަށް ވާކަށް ނުޖެހޭތާ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޖަލުތަކުގައި އެމީހަކު ބޭނުން އެއްޗެއް ކިޔަވަންވީ. ބޭނުން ދާއިރާއަކުން ކުރިއަށް ދާންވީއަލީ އަދީބް

އަދީބު ވިދާޅުވިގޮތުގައި އެންމެ ފަހުން ޖަލުތަކުގެ ހާލަތާ ގުޅޭ ރަނގަޅު ދިރާސާއެއް ހަދާފައި އޮތީ 2002ވަނަ އަހަރެވެ. އަދީބު ފާހަގަކުރެއްވި ގޮތުގައި، އެތަނުގެ މިހާރު ހާލަތު ކުރިއަށްވުރެ ނުރައްކާތެރިވެފައި އޮތް ކަމަށާއި ރާއްޖޭގެ މިހާރުގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ހެދުން ވަރަށް މުހިންމެވެ.

މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. އެ ވަބާގައި ކުޑަކުދިން ވެސް ޖެހޭއިރު، އެކަށީގެންވާ ހައްލެއް މިހާތަނަށް ލިބިފައެއް ނެތެވެ.

ކޮންމެ ސަރުކާރަކުން ވެސް އެކަމަށް މަސައްކަތްތައް ކުރާއިރު، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނުގައި ހިމެނުމުގެ މަސައްކަތްތަކެއް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ފަހުން އަންގަވައިފައެވެ.

comment ކޮމެންޓް