ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގި ނިއުޕޯޓު ރެސްޓޯރެންޓުން ބިމު ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދެއްކުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އެދިގެން އެ ކޯޓުން އިއްޔެ ބާތިލްކޮށްފިއެވެ.
ލޮނުޒިޔާރަތްކޮޅުގައި އޮންނަ ބިމުގައި ރެސްޓޯރެންޓެއް އެޅުމަށާއި ފުޓްސަލް ދަނޑެއްގެ އިތުރުން ބްރިޖް ބަލަން ތިބޭނެ ޕްލެޓްފޯމެއް ހަދަން ސަރުކާރުން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރުއެވެ. ނަމަވެސް ކުއްޔާއި ޖޫރިމަނާ ދައްކަމުން ނުދާކަމަށް ބުނެ މިދިޔަ ސަރުކާރުން ވަނީ 2019ވަނަ އަހަރުގެ މާޗުމަހު އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމަށް އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2019ވަނަ އަހަރު ވަނީ ބިން ހުސްކުރުމާ, ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.
އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އޭރު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކުރިއެވެ.
އެ ހުކުމާ އެއްގޮތަށް އެ ކުންފުނިން ސަރުކާރަށް ބިން ހަވާލުކުރި ނަމަވެސް، ކުއްޔާއި ޖޫރިމަނާ ނުދައްކާތީ ތަންފީޒީ މައްސަލަ ފެށީ ސިވިލް ކޯޓުންނެވެ. ނަމަވެސް، އެ މައްސަލަ ދައުލަތުން އެދިގެން އިއްޔެ ބާތިލްކޮށްފައި ވާއިރު، ގަޞިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ވަނީ މި މައްސަލަ ދައުލަތުން އިތުރަށް މުރާޖާކުރަން ބޭނުން ނުވާތީއާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތުލުކުރުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ސިޓީއަކުން އެދިފައި ވާތީ، އެގޮތުގެ މައްޗަށް މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރީ ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި އޭރު އެ ކުންފުންޏަށް އެ ބިން ދީފައިވާއިރު, ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ވެރިކަން ބަދުލުވުމާއެކު ޒާހިދު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ނިއުޕޯޓް ހިންގާ "ސްޓާރާޑާ"އިން ސިނަމާލެ ބްރިޖު ސަރަހައްދުގައި ތަރައްގީކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުން ސްޓްރާޑާ ކުންފުނިން ބަދެލެއްގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް އެދުނެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މަޑުޖައްސާލަން އޭސީސީން އޭރު އެންގިއެވެ.