މިޔަންމާގެ އިންތިޚާބީ ސަރުކާރު ވައްޓާލައި 2021 ވަނަ އަހަރު ގެނައި ބާޣާވާތަށްފަހު ފުރަތަމަ ފަހަރަށް އާންމު އިންތިޚާބެއް ބާއްވަން ވެރިކަންކުރާ އަސްކަރީ ސަރުކާރުން ނިންމައިފިއެވެ.
އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އިންތިޚާބުގައި 55 ޕާޓީ ރަޖިސްޓާ ކޮށްފައިވާއިވާ ކަމަށް މިޔަންމާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން ނުވަ ޕާޓީއަކުން ވަނީ އިންތިޚާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމާފައެވެ.
"މަލްޓި ޕާޓީ ޑިމޮކްރެޓިކް އާންމު އިންތިހާބުގެ ފުރަތަމަ ފިޔަވަހީ ފެށޭނީ 28 ޑިސެމްބަރު 2025 ވާ އާދީއްތަ ދުވަހު." މިޔަންމާގެ އިންތިޚާބާބެހޭ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިޔަންމާގެ ބޮޑެތި ހިސާބުތައް އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި އޮތްއިރު، ހަނގުރާމައިގެ ހާލަތުގައި މި އިންތިޚާބު ބޭއްވުމަކީ އެ ގައުމުގެ އަސްކަރީ ވެރިންނަށް ގޮންޖެހުމަކަށް ވާނެއެވެ.
ނަމަވެސް މީގެ ހަތަރު އަހަރާއި ބައި ކުރިން ކުރި ބަޣާވާތުގައި އިސްކޮށް އުޅުއްވި ޖަންޓާގެ ލީޑަރު މިން އަންގް ހިއިންގް ވަނީ އިންތިޚާބު ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެ، އިންތިޚާބަށް ފާޑުކިޔާ ނުވަތަ ހުރަސް އަޅާ ކޮންމެ މީހަކަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ބަޣާވާތުގެ ކުރިން ބޭއްވި ދެ އިންތިޚާބުވެސް ކާމިޔާބުކުރި މިޔަންމާގެ ކުރީގެ އިންތިޚާބީ ލީޑަރު އަންގް ސަން ސޫ ޗީ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ނޭޝަނަލް ލީގު ފޯ ޑިމޮކްރަސީއަށް މި އިންތިޚާބުގައި ވާދަކުރުމުގެ ހުއްދައެއް ނުދޭނެއެވެ.
އިންތިޚާބު ބޭއްވުމަށް މިޔަންމާގެ އެންމެ ބާރުގަދަ އަވަށްޓެރި ޗައިނާގެ ތާއީދު ވަނީ ލިބިފައެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޖަންޓާއިން އިންތިޚާބުގެ ބޭނުން ހިފާނީ ޕްރޮކްސީ ސިޔާސީ ޕާޓީތައް މެދުވެރިކޮށް އެ ޕާޓީގެ ބާރު ދެމެހެއްޓުމަށެވެ.
ބަޣާވާތަށްފަހު، މިޔަންމާ ވަނީ ދާޚިލީ ހަނގުރާމައެއް ފެށިފައެވެ. އަސްކަރިއްޔާ އާއި ނަސްލީ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެދުގައި ހަނގުރާމަތަކެއް ހިނގައި، ގިނަ ބަޔަކު ވަނީ އެމީހުންގެ ސަރަހައްދުތަކުގައި ވޯޓުލުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފައެވެ.
އިންތިޚާބެއް ބޭއްވުމަށް މީގެކުރިން ކޮށްފައިވާ މަސައްކަތްތައް މިހާތަނަށް ވަނީ ނާކާމިޔާބުވެފައެވެ.
ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގްތިސާދުވެސް ވަރަށް ބޮޑަށް އިނދަޖެހުނެވެ.
މިޔަންމާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ގަތުލުއާންމުތަކާއި ޣައިރު ޤާނޫނީ ގޮތުން އާންމުން ހައްޔަރު ކުރުން އެތަކެއް ގުނައަކަށް އިތުރު ކޮށްފައިވާ ކަން އދ ން ވެސް މިދިޔަ އަހަރު ވަނީ ހާމަކޮށްފައެވެ.
ބަޣާވާތާ ގުޅިގެން އދން ދަނީ އެ ގައުމުގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
ސޫ ޗީގެ ސަރުކާރު ވައްޓައިލާފައި ވަނީ 2021ވަނަ އަހަރުގެ ފެބުރުވަރީ މަހު އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތެއްގައެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވާ މީހުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ ކުރާ މީހުންނަށް ހަމަލާދެމުންނެވެ. ބަޣާވާތާ ގުޅިގެން އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވި ގިނަ މީހުން މަރައިލާފައިވާ ކަމުގައި، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.