ބައިނަލްއަގްވާމީ މިއުޒިކް ޕްލެޓްފޯމެއް ކަމަށްވާ 'ބިޔޯންޑް މިއުޒިކް'އާ ޓޫއޮފްއަސް ބޭންޑުގެ ލީޑް ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް ގުޅިއްޖެއެވެ.
ބިޔޯންޑް މިއުޒިކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕްރޮފެޝަނަލް މިއުޒީޝަނުންނާއި، ލަވަކިޔުންތެރިންނާއި، ލަވަ ކޮމްޕޯޒަރުން ގުޅިގެން ތަފާތު ސަގާފަތްތަކާއި ޖޯންރާތަކުގެ އޮރިޖިނަލް މިއުޒިކް އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ދައުވަތު ދޭ ޕްލެޓްފޯމެކެވެ.
ގްރެމީ އެވޯޑު ހޯދާފައިވާ އެތައް ޕްރޮޑިއުސަރުންނެއް މަސައްކަތްކުރާ ބިޔޯންޑް މިއުޒިކް ޕްލެޓްފޯމުން އެންމެ ފަހުން ވަނީ 'ވޮލިއުމް.4 - ސޯޝަލް ޗޭންޖު' ލޯންޗުކޮށްފައެވެ. އެއީ 41 ގައުމަކުން 78 އާޓިސްޓުން ބައިވެރިވެ، އުފައްދާފައިވާ 23 ލަވަ ހިމެނޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ގެސްޓް އާޓިސްޓުންގެ ތެރޭގައި މަޝްހޫރު ފަންނާނު ކަމަށްވާ އެންޖެލިކް ކިޑްޖޯ، ފީލްޒް އަދި ވިޔާލާ ހިމެނެއެވެ.
ސްވިޒަލޭންޑްގައި އުފައްދާފައިވާ ބިޔޯންޑް މިއުޒިކާ ގުޅެން ލިބުނު ރަސްމީ ދައުވަތު އަދުހަމް ވަނީ ގަބޫލުކޮށްފައެވެ.
ބިޔޯންޑް މިއުޒިކާ ގުޅުމުން، ދުނިޔޭގެ ފެންވަރުގެ ލަވަކިޔުންތެރިންނާއެކު އެކި ކަހަލަ ކޮލަބޮރޭޝަންތައް ހެދުމަށް މަގުފަހިވާނެއެވެ. އަދި އެއީ ބިޔޯންޑްއިން ނެރުމަށް ހަމަޖެހިފައިވާ 'ވޮލިއުމް.5' އަށް އެހީތެރިވުމަށް ވެސް އަދުހަމަށް ލިބޭ ފުރުސަތެކެވެ.
ވަކިން ޚާއްސަކޮށް ބައިނަލްއަގްވާމީ ގޮތުން ރާއްޖެ ތަމްސީލުކުރުމަށް އެވޯޑްތަކަށް ކުރިމަތިލައި، 85،000 ޑޮލަރުގެ ޕްރައިޒް ޕޫލެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ މޮޅު، މިއުޒިކީ އުފެއްދުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އިނާމެކެވެ.
މި ފުރުސަތުގެ އެންމެ ޚާއްސަ އެއް ކަމަކީ، ރާއްޖޭގެ ސަގާފަތާއި، ދިވެހި މިއުޒިކް ދުނިޔެއަށް ދައްކާލެވުމެވެ.
އަދުހަމަކީ، ރާއްޖޭގެ އެންމެ މޮޅު އެއް ބޭންޑްގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ ޓޫއޮފްސްގެ ވޯކަލިސްޓެއް ގިޓަރިސްޓެއް އަދި ލަވަކިޔުންތެރިޔާ ވެސްމެއެވެ.
އޭނާ ވަނީ އޭނާގެ ބޭންޑާއެކު ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގައި ޕާފޯމްކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކޮށްފައެވެ. އަދި ދާދި ފަހުން އެ ބޭންޑުވަނީ، ހުނަރުތައް ދައްކާލުމަށް އެންމެ މަޝްހޫރު އެއް ޝޯ ކަމަށްވާ ބްރިޓަންސް ގޮޓް ޓެލެންޓްގެ ސީޒަން 19އަށް ޝޯޓްލިސްޓްވެފައެވެ.
މީގެ އިތުރުން އަދުހަމަކީ ބައިނަލްއަގުވާމީ ރެކޯޑް ލޭބަލަކާއެކު ސޮއިކުރި ފުރަތަމަ ދިވެހި އާޓިސްޓު ވެސްމެއެވެ.
އަދުހަމްގެ ކާމިޔާބީއަށް ބަލާއިރު ދުނިޔޭގެ ކޮންމެ ގައުމަކުން ލަވައެއް ހިމެނޭ "ދަ ވޯލްޑް އަލްބަމް"ގައި ވެސް އޭނާގެ ދިވެހި ލަވައެއް ހިމެނުނެވެ.
މި އަލްބަމްގައި އަދުހަމް ކިޔާފައި ވަނީ އަމިއްލަ ރާގުގެ ލަވައެކެވެ. މި ލަވަ ލިޔެ، ލަވަ ކިޔައި، ކޮމްޕޯސްކޮށް ލަވައިގެ މެލޮޑީ ހެދީ ވެސް އަދުހަމެވެ. މި ލަވަ ރިކޯޑު ކުރީ މިއަހަރު މާޗުމަހު ބެޓްލް އޮފް ދި ބޭންޑްސްގައި އަދުހަމްގެ ބޭންޑު "ޓޫ އޮފް އަސް" ބައިވެރިވުމުގެ ކުރިންނެވެ.