ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހެއް ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާގައި ވަނީ އެ އުސޫލު ބަދަލުކޮށް، އޭ-ލެވެލްއަށް ދަރިވަރުން ވެއްދޭނެ ތިން ގޮތެއް ކަނޑައަޅައިފައެވެ.
އެއީ، އެކަޑެމިކް ސްޓްރީމްތަކާއި، ވޮކޭޝަނަލް އެޑިޔުކޭޝަންގެ އިތުރުން މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.
މި ތިން ގޮތަށް ވެސް ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.
އެކެޑެމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުތުތައް:
- ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން 'ސީ' ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބުން.
- ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން 'ސީ' ފާސް ލިބި، ހިސާބުން ދަށްވެގެން 'ސީ' ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބުން.
- ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން 'ސީ' ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބި، ދަރިވަރު ކުރިއަށްދާން ބޭނުންވާ މަސައްކަތު ދާއިރާއާ ގުޅޭ އިޚްތިޔާރީ މާއްދާއަކުން ދަށްވެގެން 'ސީ' ލިބުން.
- ހިސާބު ނުވަތަ އިނގިރޭސިން ދަށްވެގެން 'ސީ' ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބުން.
- ހިސާބުން ދަށްވެގެން 'ސީ' ފާސް ލިބި، ސްޓްރީމް މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބި، ހިސާބާއި ސްޓްރީމް މާއްދާއާ ގުޅުންހުރި އިޚްތިޔާރީ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބުން.
- އިނގިރޭސިން ދަށްވެގެން 'ސީ' ފާސް ލިބި، ސްޓްރީމް މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބި، ސްޓްރީމް މާއްދާއާ ގުޅުންހުރި އިޚްތިޔާރީ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބުން.
- އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިހާނު ހަދާ ދަރިވަރުން ސާނަވީ ނިންމާ، އިމްތިހާނުތަކުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބުން.
ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވަލް3 ޑިޕްލޮމާ، ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވަލް3 އެކްސްޓެންޑެޑް ޑިޕްލޮމާ އަދި ޓިވެކް ކޯހަށް ވަނުމުގެ ޝަރުތުތައް:
- ޕިއާސަން ބިޓެކް އިންޓަނޭޝަނަލް ލެވެލް2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހަކުން ދަށްވެގެން ފާސް ލިބިފައިވުން.
- އައިޖީސީއެސްސީ، ޖީސީއީ އޯ-ލެވެލް އިމްތިހާނާއި، އެސްއެސްސީ އިމްތިހާނުގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
މަސައްކަތުގެ މާހައުލުގައި ކިޔެވުމަށް ނުވަތަ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތައް:
- ޕިއާސަން ބިޓެކް އިންޓަނޭޝަނަލް ލެވެލް2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހަކުން ދަށްވެގެން ފާސް ލިބިފައިވުން.
- އައިޖީސީއެސްސީ، ޖީސީއީ އޯ-ލެވެލް އިމްތިހާނާއި، އެސްއެސްސީ އިމްތިހާނުގެ ކޮންމެވެސް އެއް މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
މި ދެ ޝަރުތުތަކުގެ ތެރެއިން ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް3 ޑިޕްލޮމާ، އެކްސްޓެންޑެޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އެޑްމިޝަނާ ގުޅޭ ކަންކަން ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކީ ސްޓޭޖް ފަހެއްގައި ކިޔެވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ ފާއިތުވެދިޔަ ދެ އަހަރުގެ އެސްއެސްސީ، އައިޖީއެސްސީ، ޖީސީއީ އޯ-ލެވެލް އަދި ބީޓެކް އިމްތިހާނުގެ ނަތީޖާއަށް ކަމަށެވެ. އަދި ކީ ސްޓޭޖް ފަހަކަށް ވަނުމަށް ފުރުސަތު ދޭނީ ދިރާސީ އައު އަހަރަށް ނުވަތަ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައިނުވާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންނަމަވެސް މަތީ ސާނަވީއަށް ކިޔަވައިދޭ އަތޮޅުތަކުގެ ސްކޫލުތަކުގައި ޖާގަ އޮތްނަމަ، މި ޝަރުތުތައް ފުރިހަމަ ނުވާ ދަރިވަރުންނަށް މިނިސްޓްރީގެ ހުއްދައާއެކު ކިޔެވުމުގެ ފުރުސަތު ދެވިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ޓަކައި ސަރުކާރުން ވަނީ އެ ކަމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.
މި އަހަރު އޭލެވެލްއަށް ކިޔަވަންފެށި ދަރިވަރުންގެ ނިސްބަތް 70 ޕަސެންޓަށްވުރެ އިތުރުވެފައިވާކަމަށް މީގެ ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދައުލަތުން ތައުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދަށްވެފައިވާ ކަމަށެވެ.
ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވާ ކަމަށް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.