މިތުރާ ގަޔާވެލީ... 32

"ހުރިހާ ކަމެއް ދަނީ ރަނގަޅަށް... ޕްލީޒް ބޮޑުބޭބޭ... މިހިސާބަށް އައީމަ ދެން މިކައިވެނި ނުހުއްޓުވައްޗޭ... ދުވަހަކުވެސް ކަމެއް ކޮށްދެންޏާ އެއްޗެއް ނުބުނެ ހުރެދީ!..." ނަޖާތު އާދޭސް ކުރިއެވެ. "ކަމެއް ގޯސްވެއްޖެއްޔާ، ހުރިހާ ޒިންމާއެއް ނަގާނަން... ބޮޑުބޭބެ ދިފާއުކޮށްދޭނަން... ޕްލީޒް..."

********

"އައިޝާއަށް ހީވޭތަ ތިކަން ކުރަން އަހަންނަށް ފަސޭހަވާނެހެން... ނާޝިޒަކީ އެއަށްވުރެ ގާތް މީހެއް..." ފައުދުގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ.

"ޕްލީޒް.. ޕްލީޒް.." ނަޖާތަށް ރޮވެން އުޅުނެވެ.

"ކިހިނެއްވެގެން މިއުޅެނީ؟... ކާކު އެއީ؟..." ޔަޒްދާނަށް ނުހުރެވިގެން ދޮރު ހުޅުވާފައި ބޭރަށް ނުކުތެވެ.

"ޔަޒްދާން އިހަށް އެތެރެއަށް ވަދޭ..." ނަޖާތު އަމުރު ކުރިއެވެ.

"ކުރިން ކަންތައްވީހެން ދެން ކަންތައް ވާކަށް ފުރުސަތެއް ނުދެވޭނެ..." ޔަޒްދާން ހީކުރީ ފައުދަކީ ނައީމު ފޮނުވައިގެން އައި މީހެއް ކަމަށެވެ.

ފައުދު ނަޖާތުގެ އަތް ފޮޅުވައިލާފައި ދޮރާއި ދިމާއަށް ހިނގައިގަތެވެ. ޔަޒްދާން ފައުދުގެ މޭގައި އަތް އަޅައި، ގަދަކަމުން ދުރަށް ކޮށްޕައިލިއެވެ. ނަޖާތުގެ ދެލޯ ބޮޑުވިއެވެ.

"ނައީމު ފޮނުވައިގެންތަ ތިއައީ؟..." ޔަޒްދާންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.

"ޔަޒްދާން!..." ފައުދާއި ޔަޒްދާންގެ ދެމެދަށް ވަންނަން މަސައްކަތް ކުރަމުން ނަޖާތު ބުނެލިއެވެ.

"ކާކުހޭ ތީ؟..." ފައުދުގެ މޭގައި އަތް އަޅައި، ދުރަށް ކޮށްޕަމުންދިޔަ ޔަޒްދާން ސުވާލުކުރީ ހަރުކަށި ރާގަކަށެވެ.

"ތަން ދައްކާ!..." ޔަޒްދާން އުޅެންފެށިގޮތުން ފައުދު ހިތްހަމަނުޖެހިފައި ބަލައިލީ ނަޖާތަށެވެ.

"ސުބުހާނަﷲ.. ޔަޒްދާން!... ތީ ކޮންކަމެއް؟..." ބޭރުގައި އަޑުގަދަވެގެން ނުކުތްއިރު ފެނުނު މަންޒަރުން ނާޝިޒްގެ ދެލޯ ބޮޑުވިއެވެ.

ނާޝިޒް ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޔަޒްދާން ދުރުކުރިއެވެ.

"ފައުދު!... ޔަޒްދާން ކިހިނެއް ތިއުޅެނީ؟.. މީ އައިޝާމެންގެ ބޮޑުބޭބެކަން ނޭނގެނީތަ؟... ފައުދު ހިނގާ އަވަހަށް އެތެރެއަށް..." ޔަޒްދާނަށް ކަޅި އަޅައިލަމުން ނާޝިޒް ފައުދުގެ ގޮވައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ނަޖާތުވެސް ޔަޒްދާނަށް ކަޅި އަޅައިލާފައި ނާޝިޒްމެންގެ ފަހަތުން ހިނގައިގަތެވެ. ޔަޒްދާން ނަޖާތުގެ އަތުގައި ހިފައި ހުއްޓުވިއެވެ. ނަޖާތު ވަގުތުން އަތް ފޮޅުވައިލިއެވެ.

"ސޮރީ..." ޔަޒްދާނަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ.

ނަޖާތު މަޑުވެސްކޮށްނުލައި އެތެރެއަށް ވަނީއެވެ. ފާރުގައި ލެނގިލިގޮތަށް ޔަޒްދާނަށް ހުރެވުނީ އެތެރެއަށް ވަންނާނެ ހިތްވަރުވެސް ނުލިބިފައެވެ. އޭނާގެ ސަބަބުން ހުރިހާ ކަމެއް ދަނީ ގޯހުން ގޯހަށެވެ. އެއް ކަމެއްވެސް ޔަޒްދާން ބޭނުންވާ ގޮތަކަށް ނުވެއެވެ. ދެލޯ މަރާލުމާއިއެކު ޔަޒްދާނަށް ސިފަވީ ރޫބީގެ ރީތި ސޫރައެވެ. ހުދާއި މެރޫންކުލައިގެ ހެދުމުގައި ރޫބީ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. އެންމެ ފެނިލުމަކުންވެސް ޔަޒްދާންގެ ހިތަށް ކައްޓެއް ހެރުނެވެ. އެ ކަށި ހެރުނީ ދުވަހަކުވެސް ނުނެއްޓޭނެހައި ފުނަށެވެ. ޔަޒްދާން ދޫކޮށްލީ ފުން ނޭވާއެކެވެ. އެއްކޮޅުން ރޫބީއެވެ. އަނެއްކޮޅުން ރޫބީގެ އާއިލާއާއިމެދު އޭނާއަށް ކަންތައް ކުރެވުނު ގޮތެވެ. ނަޖާތު ނުރުހިފައި ބަލައިލިގޮތުންވެސް ޔަޒްދާންގެ ހިތަށް އުނދަގޫ ގޮތްތަކެއް ވިއެވެ.

ފައުދާއި ނާޝިޒް ތަންކޮޅެއް ދުރުގައި ވާހަކައެއް ދައްކަން ތިބުމުން، ނަޖާތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ދޭތެރެއަކުން އެމީހުންގެ އަޑު އިވޭ ހިސާބު ކައިރިއަށް ޖެހިލައެވެ. ކިޔާ އެއްޗެއް ސާފުނުވިޔަސް، ދެމީހުންގެ މޫނުމަތީގެ އަސަރުތަކުން ނަޖާތުގެ ހިތަށް ބިރުވެރިކަމެއް ވަނެވެ.

"ކިހާވަރެއްތަ ރަން ކީ؟..." އިބާ ފަހަރަކު މީހެއްގެ ކައިރީ އަހަމުން ގޮސް ރޫބީގެ ކައިރީގައި އަހައިލިއެވެ.

"ފަސްހާސް ރުފިޔާ..." ރޫބީ ވަރަށް ނުކެރި ހުރެފައި ބުނެލިއެވެ.

"ހާދަ މަދުން؟... އެންމެ މަހެއްގެ މުސާރަވެސް ކަވަރ ނުވާނެ ތިވަރުން... މިހާރު މިނިމަމްވޭޖްވެސް ސެވަން ތައުސަންޑް ރުފިޔާ..." އިބާގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. "ކީއްކުރަން އެހާ މަދުން ބުނީ؟... ދޮންބެ އަތުގަ ބައިވަރު ލާރި ހުންނާނެ... އިބާ ނުކިޔާނަން ތިވަރެއް... އިބާ ބުނާނީ ޓްވެންޓީ ތައުސަންޑް..."

"ދަރިފުޅު ހާދަ އަނގަގަދައޭ ދޯ... ބޮޑު މީހަކަށްވާއިރު ކިހިނެއްތަ ތި ވިސްނަނީ؟... ރަނަކީ އެކުއްޖަކު ބޭނުން ވަރަކަށް ބުނަންޖެހޭ އެއްޗެކޭ.. އެއީ މުސާރައެއްގޮތަށް ވިސްނައިގެން ނުވާނެ... ދަރިފުޅު ރަންކިޔާނެ ވަރަކަށް މަންމަމެން ފާޑެއް ނުކިޔާނަން..." ފަލާހާ އުޅުނީ އިބާ ހުއްޓުވާށެވެ.

"މި މަންމައާ ހެދި ނެތެއްނު ދޮންބެދައްތައަށް ނަސޭހަތެއްވެސް ދެވޭކަށް..." ރޫބީގެ އަތުގައި ހިފައިގެން ބެލްކަންޏާއި ދިމާއަށް ހިނގައިގަންނަމުން އިބާ ބުނެލިއެވެ. "އިބާ އަސްލު އަނގަގަދަތަ؟..."

"އަނގަގަދަ ކުދިންނާ އެކީ އުޅެން ފޫއްސެއް ނުވާނެ..." އިބާއާއި ވާހަކަދެއްކިޔަސް ރޫބީގެ ނަޒަރު ހުއްޓިފައިވީ ބެލްކަނީގައި މިފްޒާލާއި ވާހަކަ ދައްކަން ހުރި އިކާނަށެވެ.

އިކާނާއި ކައިރިވަމުންދިޔަ ވަރަކަށް ރޫބީގެ ހިތުގެ ތެޅުން އިތުރުވަމުން ދިޔައެވެ. އިކާން ލައިގެން ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖީންސެކެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައި އޮތްއިރު، ބާރުގަދަ އަތުގެ މުލައްދަނޑި ހާމަވާން އޮތެވެ. ވާހަކަ ދައްކަން ހުރިއިރު، އިކާންގެ ކަޅުކަންގަދަ ބުމަ ގޮށްޖަހާލާގޮތާއި، ހިނިތުންވެލާއިރު ހުދު ދަތްތައް ފެންނައިރު ނުހަނު ފުރިހަމައެވެ.

"ދޮންބެ އެހެން ހުއްޓަސް، ވަރަށް ރޮމޭންޓިކްވާނެ... ބަލާބަލަ ފިލްމީކަން... އިސްތަށިގަނޑުވެސް ސްޓައިލްކޮށްލާފަ އެހުރީ ޑޭވިޑް ބެކަމްހެން... ދޭ ދޮންބެއާ ވާހަކަ ދައްކާލަން... އިބާ މިފްޒާލް ގެންދާނަން ދުރަށް..." އިބާ ރޫބީގެ ކަންފަތް ކައިރީގައި ސިއްރުން ބުނެލިއެވެ. "އަދި ބުނަންތަ؟... ނޭނގޭ ކަމަށް ހަދާފަ ދޮންބެ އިސްތަށިގަނޑާ ކުޅެލައްޗޭ!... އިބާ އެއްޗެއް ޔަގީންކޮށްލަންވެގެން.. ޕްލީޒް..."

ރޫބީ ނުވިސްނާ ހުއްޓާ، އިބާ ރޫބީގެ ގައިގައި ޖެހިގަނެފައި އިކާނާއި ދިމާއަށް ފޮނުވައިލިއެވެ. ރޫބީ ހުރީ އިބާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. ހެދުމުގެ ފަސްބަޔަށް އެރިފައި ރޫބީ އިކާނާއި ދިމާއަށް އަރިއަޅައިލިއެވެ. އިކާން އަވަސް އަވަހަށް ރޫބީގެ ގައިގައި ހިފަހައްޓައިލިއެވެ.

"އާދެބަލަ ކަމެއް ކޮށްދޭން..." އިބާ މިފްޒާލްގެ އަތުގައި ހިފައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"ގުޑްލަކް...." ރޫބީއަށް އެއްލޯ މަރައިލަމުން އިބާ ބޮޑުވައި އިނގިލި އުފުލައިލިއެވެ.

"ތަދުވިތަ؟..." ރޫބީ ދުރުކޮށްލިއިރު، އިކާންގެ މޫނުން ފެންނަން ހުރީ ކަންބޮޑުވުމުގެ އަސަރެވެ.

"ނުވޭ..." ރޫބީ ލަދުން އިސްޖަހައިލިއެވެ.

ދެމީހުންގެ ދެމެދުގައި ވާހަކަނުދެކެވި ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. އެކަކު އަނެކެއްގެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. މޫނުމަތީގެ އަސަރުތައް ހުރީ ހާމައަށް ފެންނާށެވެ. ހިތުގެ ހިނގުން ހަމައަކަށް އަޅުވަން ދެމީހުންނަށްވެސް ވަގުތުކޮޅެއް ނެގިއެވެ. އިކާން ރެއިލިންގައި އަތް އަޅުވައި، އުޑަށް ނަޒަރު ހުއްޓައިލިއެވެ. ރޫބީވެސް އިކާންގެ ކައިރީގައި ރެއިލިންގައި ހިފާއްޓާލައިގެން ހުއްޓެވެ.

"ތިކުލަ ރޫބީއާ ވަރަށް ގުޅޭ..." އިކާންގެ ނަޒަރު ރޫބީގެ މޫނަށް ހުއްޓައިލިއެވެ.

އިރު އޮއްސެމުންދިޔަ ވަގުތެވެ. އުޑުމަތިން އޮތީ އޮރެންޖު ކުލައިން ދިއްލާލާފައެވެ. އެ އަލީގައި ރޫބީގެ މޫނު ހީވަނީ އިތުރަށް ދިއްލިފައިވާހެންނެވެ. އެހާ ކައިރިން ރޫބީގެ އޮމާން މޫނު ފެނުމުން، އިކާނަށް ކަޅި ޖަހައިވެސްނުލާ ބަލަން ހުރެވުނެވެ. ރޫބީ ލައިގެން ހުރީ އިކާނަށް އެންމެ ރީތި ކުލަތަކުގެ ހެދުމެކެވެ. ހެދުންވެސް ރޫބީގެ ހިމަތޮޅި ހަށިގަނޑާއި ނުހަނު ގުޅެއެވެ. އެހާ ފުރިހަމަކަމެއް އިކާން ކުރިއަކުން ނުދެކެއެވެ. ބެލިވަރަކަށް އިކާންގެ ހިތް ދީވާނާވަމުން ދިޔައެވެ. ރަންކިޔުނަސް، އިކާންގެ ހިތަށް ފިނިކަމެއް ލިބޭނީ ކައިވެނި ކުރެވިގެންނެވެ. އޭރުން މުޅި އުމުރަށް ރޫބީ އޭނާއަށް މިލްކުވީއެވެ.

"ތީ އަހަރެންގެ އެންމެ ފޭވަރިޓް ކުލަތައް... މިއަދު ތިކުލައިގެ ހެދުމެއް ލީމަ، މިދުވަސް މާބޮޑަށް ހާއްސަވެއްޖެ...." ރޫބީއަށް ބަލަން ހުރެ އިކާން ބުނެލިއެވެ. "ރޫބީއަށް އެނގޭތަ ތީ އަހަރެންގެ ފޭވަރިޓް ކުލަ ކަން؟..."

ރޫބީ ބޯ ޖަހައިލިއެވެ. އިކާންގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ. ރޫބީގެ އެކުޑަކުޑަ އަމަލުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ.

"އަހަރެން ވަރަށް ވަރަށް އުފާވެއްޖެ...." އިކާން އެތައް ހިތްވަރަކުން ރެއިލިންގެ މަތީގައި އޮތް ރޫބީގެ އަތް މަތީގައި އަތް ބާއްވައިލިއެވެ.

ރޫބީ ކުޑަކޮށް ސިހުނެވެ. އިކާން އަތް ޖައްސައިލި ހިސާބުން ފެށިގެން އޭނާގެ މުޅި ހަށިގަނޑުގައިވި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ދެވަނަ ސިކުންތުގައި ރޫބީގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އިކާންގެ މޫނަށް ބަލައިލި ރޫބީގެ ހަނދާނަށް އައީ އިބާ ކުރަން ބުނި ކަންތަކެވެ. އެފަދަ ކަމެއް ކުރަން އިބާ ބުނީ ކޮންކަމެއް ޔަގީންކުރަން ހެއްޔެވެ؟ ރޫބީ ކުޑަކޮށް ހާސްވާގޮތްވިއެވެ. ކުޑަކޮށް ފައި ހިއްލާލުމުން، އިކާންގެ ބޮލާއި ހަމައަށް ރޫބީގެ އަތް ފޯރާނެއެވެ. އެކަމަކު، އިކާންގެ ބޮލުގައި އަތްލާ ހިސާބުން އިކާން އޭނާގެ އަތް ފޮޅުވާލައިފިނަމަ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރޫބީ ވަށައިގެން ހޯދައިލީ އޭނާ ފެންނަ ހިސާބުގައި އިބާ ހުންނާނެކަން އެނގިގެން ހޯދައިލާ ފަދައިންނެވެ.

"އޯހްހް ކިއުޓް..." މިފްޒާލްގެ އަތުގައި ހިފައިގަނެގެން ހުރި އިބާ ބޯ ދިއްކޮށްގެން އިކާންމެންގެ ވާހަކަ ސިއްރުން އަޑުއަހަމުން ދިޔައެވެ.

އިބާ ލޮލުގެ އިޝާރާތުން އިކާންގެ އިސްތަށިގަނޑުގައި އަތްލުމަށް އެދުނެވެ.

އެތައް ހިތްވަރަކުން ރޫބީ އަތް އުފުލައިލިއެވެ. ކުޑަކޮށް ފުންނާބު ހިއްލައިލާފައި އިކާންގެ އިސްތަށިގަނޑުގައި އަތް ޖައްސައިލިއެވެ. ނިތްކުރިމަތިން ވެއްޓިފައިވާ އިސްތަށިކޮޅެއް މައްޗަށް ޖައްސައިލަން އުޅުނެވެ. އިކާން ކުޑަކޮށް ސިހުނުހެން ހީވެ، ރޫބީ އުޅުނީ އަތް ތިރިކޮށްލާށެވެ. އެވަގުތު އިކާން ކުޑަކޮށް ތިރިވެލާފައި ރޫބީއަށް ފުރުސަތު ދިނެވެ.

އިބާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިފްޒާލަށްވެސް ވީ އެވަރެވެ. އިކާނަކީ ދުވަހަކުވެސް އޭނާގެ ބޮލުގައި އެހެން މީހަކު އަތް ޖައްސާލަން ދޭ މީހެއް ނޫނެވެ. ހާއްސަކޮށް އަންހެންކުއްޖަކަށެވެ. ބޯކޮށަންވެސް ވަކި ހާއްސަ މީހެއްގެ ކައިރިއަށް ނޫނީ ނުދެވެއެވެ. ފަލާހާއާއި ނާޝިޒްގެ އިތުރުން ފައުދުވެސް ހުރީ އެމަންޒަރު ބަލާށެވެ.

"އަހަރެންގެ އިކާން ދުވަހަކުވެސް މީހަކު އޭނާގެ އިސްތަށިގަނޑުގަ އަތްލިޔަކަ ނުދޭނެ.... އަހަރެން މީ މަންމަ... އެކަމަކު އަހަންނަށްވެސް އެފުރުސަތެއް ނުދޭނެ... ރޫބީ އެވީ އިކާނަށް ވަރަށް ހާއްސަ ކުއްޖަކަށް...." ފަލާހާ ވާހަކަ ދެއްކީ ފައުދަށެވެ. "އަހަރެން ހާދަ އުފާވެއްޖެއޭ މިހާ ދުވަސް ފަހުންވިޔަސް، އިކާން ބޭނުންވާ ކުއްޖަކާ ކައިވެނި ކުރެވޭގޮތްވީމަ... ހާދަ ދުވަހެއް ފަހުންނޭ އެކުއްޖާގެ މޫނުން އުފާވެރިކަމެއް ފެންނަން އެ ފެށީ..."

ޝުކުރިއްޔާ ފައުދު..." ނާޝިޒް ފައުދަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.

ފައުދު ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އޭނާގެ މޫނުން ފެންނަން ހުރީ ނުތަނަވަސްކަމެވެ. ފައުދު ނަޖާތަށް ބަލައިލާފައި ކަޅި އަޅައިލިއެވެ. ނަޖާތުގެ ސަބަބުން ނާޝިޒަށް އޮޅުވާލަން ފައުދަށް އިތުރަށް މަޖުބޫރުވެއްޖެއެވެ. ބުނަން އުޅުނު ވާހަކަ ބުނާނެ ހިތްވަރެއް ފައުދަކަށް ނުލިބުނެވެ. އޭނާ އައީ ނާޝިޒަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އެކަމަކު، އައި ވަގުތު ނާޝިޒް ނައީމުގެ ވާހަކަ ފެށުމުން، ފައުދަށް އެފުރުސަތު ނުލިބުނީއެވެ.

ހަވީރު ސަޔަށް އެންމެން އިންސާފުކުރަން ތިބިއިރު، ފައުދަށް ބެލުނީ ރޫބީއަށެވެ. އަމިއްލަ ކެއުމަށް އިސްކަންދިނުމުގެ ބަދަލުގައި ރޫބީ އުޅުނީ އެހެން މީހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައެވެ. މިޒަމާނުގެ ގިނަ ކުދިންގެ ކިބައިން ނުފެންނާނެފަދަ މަންޒަރެކެވެ. ރޫބީ އެހެން ހުރެފައި ކޮށްލާ ހަރަކާތްތަކުން، ފައުދުގެ ހިތަށް އުނދަގޫ ކުރީ ހަރީރާގެ ހަނދާންތަކެވެ. މާގިނައިން ރޫބީއާއި ބައްދަލުވެފައި ނެތަސް، ރޫބީގެ ގިނަ ކަންކަން ހަރީރާގެ ފުށުން ފައުދަށް އޮތީ އެނގިފައެވެ. ހަރީރާ ދުނިޔޭގައި ހުރިއިރު، ފައުދާއި ބައްދަލުވެއްޖެނަމަ، ރޫބީގެ ވާހަކަ ނޫން ވާހަކައެއް ހަރީރާއަކަށް ނުދެއްކެއެވެ.

********

ކައިވެނީގެ ދުވަސް ކައިރިވަމުން ދިޔައީ އަމާން އޮމާންކޮށެވެ. ނައީމުގެ އެއްވެސް އުނދަގުލެއް ކުރިމަތި ނުވެއެވެ. އެހެނަސް، ރޫބީ އޮފީހަށް ގެންގޮސް ބަލާ އައުމަށް ފަޒާލް އަބަދުވެސް ދެއެވެ. ރޫބީ ބޭނުންވެގެން ތަނަކަށް ދާން އުޅުނަސް، ފަޒާލް އެތަނަކަށް ގެންގޮސްދެއެވެ.

"ޔޫ ހާދަ ލަކީއޭ..." ރޫބީ ކައިވެނި ޕާޓީގެ ދައުވަތު ކާޑަށް ބަލަން އިނދެ، ވިރުދާ ބުނެލިއެވެ. "މެރީކޮށްގެން ދެން ނާންނާނަންތަ އޮފީހަކަށް؟... ބޮސްއަކަށް ދޯ ދެން ވާނީ..."

"އަދި އެއްވެސް ކަމެއް ޑިސައިޑް ނުކުރަން... އޮފީހުން ކެނޑޭކަށް ބޭނުމެއްނުވޭ... އެކަމަކު ދެން ފިރިމީހާ ދޯ ޑިސައިޑް ކުރާނީ..." ރޫބީއަށް ވިސްނައިލަން މަޖުބޫރުވީ އޭނާ ކުރިން ނުވިސްނާ އޮތް ކަމަކަށެވެ.

"ތިވަރު ކަންތަކަށް އަމިއްލައަށް ޑިސިޝަން ނެގެންޖެހޭނެއެއްނު..." ވިރުދާއަކަށް ރޫބީގެ ޖަވާބު ކަމަކުނުދިޔައެވެ. "ފެށޭކޮޅު މާ ބޮޑަށް ދަށުވާ އެއްޗެއް ނޫން..."

ރޫބީ ދައުވަތު ކާޑު ދިއްކޮށްލުމުން، ނިޝްރީން ހުރީ ފުސްމޫނު ހަދައިގެންނެވެ. އޭގައި ނުހިފާ، ނިޝްރީން ހިނގައިގަތީ އިކާންގެ ކެބިންއާއި ދިމާއަށެވެ. ރޫބީއާއި އަނގައިން ނުބުނާ ތަނުގައި ރޫބީ ހުންނަ ތަނެއްގައިވެސް ނިޝްރީން މަޑުކޮށްނުލައެވެ. އޭނާ ދެއްކި ވާހަކަތަކަށް އިކާން ބީރު ކަންފަތެއް ދީފާނެކަމަށް ނިޝްރީން ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. އަމުދުން ރޫބީއާއި ކައިވެނިކުރާތީ، ނިޝްރީންގެ ހިތުގައިވި ހަސަދައިގެ އަލިފާންގަނޑު ފަޅައިގެން ދިޔައެވެ. ރޫބީއަކީ އެ އޮފީހަށް މާ ފަހުން އައި މީހެކެވެ. އިކާނާއި ކައިވެނި ކުރުމުން، ރޫބީ އެ އެންމެންގެ މައްޗަށް އިސްވާނެއެވެ. އެ ފުރުސަތު ނުދޭން ކުރެވެން ހުރި ކަމެއް ކުރަން ނިޝްރީން ނިންމިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު