"އިންޑިއާ އައުޓް" ޓީޝާޓު ތުރުނުކުރައްވާކަމަށް ޚަލީލް ވިދާޅުވުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މީކާއީލް ހިއްސާކުރެއްވި ފޮޓޯ: ޚަލީލް އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ހުއްޓާ ނުފެންނާނެ ކަމަށް ވިދާޅުވެ، އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ މީކާއީލް ވަނީ މައްސަލަ ހުށަހަޅުއްވާފައި --

"އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓު ތުރުކުރައްވައިގެން ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް ހުންނަވާ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމުން އެއީ އިތުރުފުޅެއް ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލަ ބޭރުކޮށްލައިފިއެވެ.

މީކާއީލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައި ވަނީ، އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ނުފެންނާނެ ކަމަށް ޚަލީލް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާއިން ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާއެކު މީކާއިލް ވަނީ، ކޮވިޑް ދުވަސްވަރު ޚަލީލް 'އިންޑިއާ އައުޓް' ޖަހައިފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން މަގުމަތީގައި ހުންނެވި ފޮޓޯއެއް ކަމަށް ވިދާޅުވެ، ފޮޓޯއެއް ވެސް ހިއްސާކުރައްވައިފައެވެ.

މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވިއެވެ.

މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިދިޔަ ބުދަ ދުވަހު ޚަލީލް ވަޑައިގަތުމުން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، "އިންޑިއާ އައުޓް" ކެމްޕެއިންގައި އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ވަޒީރު ހުންނެވިންތޯ އާއި އިންޑިއާއާ އެކީ ޚާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވިތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލް ވަނީ އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ.

"ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއް ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިފައި އޮވެދާނެ. އަޅުގަނޑު އެ ކަމާ ފަޚުރުވެރިވަން،" ޚަލީލް އެ ދުވަހު ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ "އިންޑިއާ އައުޓް"ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ކެމްޕޭނެއް ކުރުމަށް ފަހުގައެވެ. އޭރު އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރިމަތީގައި ބޮޑުކޮށް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވާހެން މި ސަރުކާރުގެ ގިނަ ވެރިން ތުރުކުރެއްވިއެވެ.

comment ކޮމެންޓް