ރަށްރަށުގައި ކަސްރަތު ކުރާނެ ތަންތަން ހަދަން އެއާޕޯޓް ހިންގާ ކުންފުންޏާ ހަވާލުކޮށްފި

އެމްއޭސީއެލްއާ އެއްބަސްވުމުގައި ސޮއިކުރުން--ފޮޓޯ/ ސަރުކާރު

ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ކުޅިވަރަށް ބޭނުންވާ ފަހި މާހައުލުތައް ގާއިމްކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ވައުދުފުޅެއްކަމަށްވާ, ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ތެރެއިން ބައެއް ތަންތަން ހެދުމަށް, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލު ކޮށްފިއެވެ.

ފަސްދޮޅަސް ތިން ރަށެއްގައި މި ސެންޓަރުތައް ގާއިމްކުރުމަށް އެމްއޭސީއެލްއާ ރޭ ހަވާލުކުރި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ, ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު, އަބްދުالله ރާފިއުއެވެ.

މީރުމާގައި ބޭއްވި މި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުޅިވަރު ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ, މި މަޝްރޫއުގެ ދަށުން، ރައްޔިތުންނަށް ކުޑަ އަގުތަކެއްގައި ކަސްރަތުގެ ވަސީލަތްތައް ބޭނުން ކުރަން ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ޚާއްސަ ރަސްމިއްޔާތު--ފޮޓޯ/ ސަރުކާރު

މި އެއްބަސްވުންތަކާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ, ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ކަމަށްޓަކައި މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މި މުހިންމު ވައުދުފުޅު ފުއްދެވުމުގައި އެ ކުންފުނިން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އެއާޕޯޓް ހިންގާ ކުންފުންޏަކުން ފިޓްނެސް ސެންޓަރު ގާއިމު ކުރާ ސަބަބާ ގުޅޭގޮތުން އެ ކުންފުނިން ވެސް އަދި ސަރުކާރަކުން ވެސް އެއްޗެއް ނުބުނެއެވެ.

ރައީސްގެ ވައުދުފުޅަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ހެދުމެވެ. މިހާތަނަށް 87 ރަށެއްގައި އެފަދަ ސެންޓަރުތައް ގާއިމު ކުރަން ވަނީ ހަވާލު ކޮށްފައެވެ.

އެ 87 ސެންޓަރުގެ ތެރެއިން ތިން ތަނެއްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި 28 ރަށެއްގައި އެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހަވާލު ކުރާއިރު އެ ކުންފުންޏެއްގެ މެންޑޭޓަށް ވެސް ބެލުމެއްނެތި ޕްރޮޖެކްޓްތައް ދޭތީ ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ފަހުން ވެސް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ބައެއް ރަށްރަށުގެ ސްކޫލު އިމާރާތް އަޅަން ބޮޑު އަގުގައި ހަވާލު ކޮށްފައެވެ. އަދި މަގުތައް ހަދަން އުފައްދާއިވާ, ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ހޮސްޕިޓަލް އަޅަން ހަވާލު ކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް