ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަނީ ހަތަރު ބާރެވެ. ފުރަތަމަ ބާރަކީ ގާނޫނު ހަދާ މަޖިލީހެވެ. ރައްޔިތުން ތަމުސީލުކުރާ މެންބަރުންނެވެ. ދެވަނަ ބާރަކީ ސަރުކާރެވެ. ތިންވަނަ ބާރަކީ ޝަރީއަތެވެ. ކޯޓުތަކެވެ. ހަތަރުވަނަ ބާރަކީ ނޫސްވެރިކަމެވެ. ޑިމޮކްރެޓިކް ނިޒާމެއް ވަށައިޖެހޭ ގޮތެއްގައި ހިނގަނީ ހަތަރު ބާރު ވެސް މިނިވަންކަމާ އެކު ހިނގީމައެވެ. އެ ނިޒާމު ފަރުމާކުރި ގޮތަކީ އެއީއެވެ.
ނިޒާމުގެ ބޭނުމަކީ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމެވެ. އެ ފާރަވެރިކަމުގެ ތެރެއިން ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންގެ އަތްމަތީ ބާރު ބާއްވައިގެން ދައުލަތް ހިންގުމެވެ.
އެހެންވެ، ސަރުކާރެއްގެ ބާރުވެރިކަމާ ގުޅިފައި އޮންނަނީ އަނެއް ބާރުތަކުގެ 'ކޮންޓްރޯލް' ސަރުކާރަށް އޮތް މިންވަރަކާއެވެ.
ދިވެހި ސިޔާސީ ތާރީޚުން ބާރުގަދަ ވެރިކަންތަކާއި ބަލި ވެރިކަންތައް ބަލައިލުމުން އެކަނި ވެސް އެ ހަގީގަތް ފެންނާނެއެވެ. ކޮންމެ ވެރިއަކު ވެސް ހުވާކުރައްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނަންގަވަން އަވަސްއަރުވާލަނީ އެހެންވެއެވެ. އެ ލިބިވަޑައިގަތުމުން ދެން ބައްލަވަނީ ކޯޓުތަކަށެވެ. އެއަށް ފަހު ކަޅި އެއްލާނީ ނޫސްވެރިކަމަށެވެ. އެއީ، ސިޔާސީ ތަބީއަތެވެ.
'މިނިވަން ނޫސްވެރިކަން މަރާލާނެ' ބިލެއް މަޖިލީހަށް ވެއްދުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެއީ، މި ސަރުކާރުގެ ބާރުވެރިކަމަށް މަދުވާ ހަމައެކަނި ބޮޅެވެ.
"އުޅެނީ މިނިވަން ނޫސްވެރިކަން މަރާލަން"
ޕީއެންސީގެ ރަޖިސްޓްރީގައި ނެތް ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރަކީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ މެންބަރެކެވެ. އެހެން ގޮތަކަށް ބުނާނަމަ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ "ޕީއެންސީ" މެންބަރެކެވެ. ސަރުކާރުން ކުރާ ހުރިހާ ކަމަކަށްހެން އާ ބަސް ވިދާޅުވާ, ފުރިހަމަ އެއްބާރުލުން ދެއްވާ މެންބަރެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު އަރިހުން އާއްމުކޮށް ފެންނަ މޫނެކެވެ. ގިނަ ކަންކަމުގައި ސަރުކާރު ފަޅި ނެންގެވިކަން ތާރީޚުން ފެންނަން އެބައޮތެވެ.
ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟
- މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
- ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
- ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
- ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
- ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
- މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
- ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
- ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
- ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ
ބިލު ހުށަހެޅުމާ އެކު ނޫސްވެރިންގެ އޮތީ ނުރުހުމާއި ކަންބޮޑުވުމެވެ. އެ މީހުންގެ އަނގަމަތީ އަތް އަޅަނީއެވެ. ނޫސްވެރިންގެ ޖަމިއްޔާ، (އެމްޖޭއޭ)އިން ބުނާ ގޮތުން ނަމަ، 'މިނިވަން ނޫސްވެރިކަން އެކީ މަރާލަން' އުޅެނީއެވެ. އެހާ ވެސް ބޮޑު ކަންބޮޑުވުމެކެވެ. ނުރުހުމެެކެވެ.
"މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމެއް،" އެމްޖޭއޭއިން ބުންޏެވެ.

ރައީސް މުއިއްޒާއި ކުރީގެ ނޫސްވެރިޔާ މިހާރު ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް: މީޑިއާ ކޮންޓްރޯލް ބިލަށް ފާޑުކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ/ ރައީސް އޮފީސް
އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ނަމުގައި ކޮންޓްރޯލްކުރަން އުޅުމެވެ. އެ ބާރު ރައީސްގެ 'މުށުތެރެއަށް ޖަމާކުރުމެވެ'. ސަރުކާރުން ބޭނުންވަނީ ނޫސްވެރިކަން ބިރުވެރިކަމެއް ތެރޭގައި ބާއްވައިގެން ކޮންޓްރޯލްކުރާށެވެ.
މިހާރު ނޫސްވެރިކަން މޮނިޓާކުރާ މީޑިއާ ކައުންސިލުން ވެސް ބުނީ އެ ވާހަކައެވެ. މިއީ 'ވަރަށް ނުރައްކާތެރި' ބިލެކެވެ.
"މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެއެވެ. އަދި، މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު މި އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވެއެވެ،" މީޑިއާ ކައުންސިލްގެ ނުރުހުމުގެ ބަޔާނުގައިވެއެވެ.
ހައްނާންގެ ފަހަތްޕުޅުން ސަރުކާރުގެ ހިޔަނި
އަމިއްލަފުޅު ހައިސިއްޔަތުން، އަމިއްލަފުޅަށް ޑްރާފްޓްކުރި ބިލެއްގެ ގޮތުގައި ހައްނާން މި ބިލު ހުށަހެޅިޔަސް އޭނާގެ ފަހަތްޕުޅުން އެންމެންނަށް ވެސް ސަރުކާރުގެ ބިޔަ ހިޔަނި ފެނެއެވެ. ސަރުކާރުން ބިލާ ދެކޮޅަށް އެއްޗެއް ވިދާޅުނުވެ، ތަރުޖަމާނު ހީނާ ވަލީދު ވަނީ ބިލަށް ތާއީދުކުރައްވާފައެވެ. ހައްނާންގެ މިނިވަން ހިޔާލާއި ސަރުކާރުގެ ހިޔާލު އެއްގޮތްވުމަކީ ހިތްގައިމު އިއްތިފާގެކެވެ.
އެހެންވެ، ސަރުކާރުން މަހަކު 50،000 ރުފިޔާ ދެއްވާ ކަމަށް ތުހުމަތުވެފައި އޮތް މެންބަރުންގެ 'މިނިވަން ހިޔާލާއި' ހަންނާންގެ 'މިނިވަން ހިޔާލު' ވެސް އެއްގޮތްވީއެވެ. ބިލުގެ ދިފާއުގައި ޕީއެންސީ މެންބަރުން ތެދުވީއެވެ. އެއީ އެހެންވިޔަސް ހަމަ އިއްތިފާގެވެ. ހައްތަހާ ވެސް އިއްތިފާގެވެ.
ހީނާ ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު 'ޕްރިއާރިޓީ'އަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމެވެ.
"ސަރުކާރުން ރާވައި ހިންގައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރަށް ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ލައްވާ މިތާ ހާވާ ހަޑި ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރިކުރަން،" ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމަށް އެއީ އިއްތިފާގެއް ނޫނެވެ. ހާވާ ހަޑިއެކެވެ.
"އިއްޒަތްތެރި ރައީސް، ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ނޭނގެ މި 52 ސަފުހާ ކިޔުއްވާލެއްވި ކަމެއް ވެސް. އިއްޒަތްތެރި ރައީސް 52 ސަފުހާ އެ މެންބަރު ކިޔުއްވާލެއްވި ކަމެއް ވެސް އަލުގަނޑުމެންނަކަށް ނޭނގޭ، މިއީ ސީދާ ބަންޑާރަނައިބުގެ އޮފީހުގެ ތެރެއިން ފަރުމާކުރެވިގެން މިތަނަށް ފޮނުވާފައިވާ ބިލެއް،"

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެންބަރު އަބްދުލްހަންނާން އަބޫބަކުރު: ރައީސަށް ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމުގެ ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތަށް ބިލެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން ބޭނުންނުވިޔަސް، ނުބެހޭ ކަމެއް ކަމަށް ދައްކަން ބޭނުންވިޔަސް އެއީ ހަމައެކަނި މީކާއިލަށް ފެންނަ ގޮތެއް ނޫނެވެ. މިއަދު ބައްދަލުވި ގިނަ މީހުންނަށް އެކަން ފެންނަނީ އެ ގޮތަށެވެ.
ނޫސްވެރިންގެ ޖަމިއްޔާއަށް ވެސް ފެނުނީ އެހެންނެވެ. އެ ޖަމިއްޔާއިން ބުނީ، ބިލު ޑްރާފްޓްކުރުމުގައި އިސްކޮށް އުޅުނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އެ ނޫސްވެރިން ބުނި ގޮތުގައި 'މިނިވަން މެންބަރެއް' ލައްވާ ބިލު ހުށަހެޅުވީ 'ނުބައި ނިޔަތެއް' އޮތީމައެވެ. އިއްތިފާގެއް ނޫނެވެ.
ނޫސްވެރިން ލިޔަނީ 'ފައިސާ ދިން ކޮޅަކަށް'
ޑިމޮކްރަސީއެއްގެ ކޮންމެ ބާރެއް ވެސް ޖަވާބުދާރީކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެއެވެ. ނޫސްވެރިކަން ވެސް އިސްތިސްނާއެއް ނުވާނެއެވެ. ނޫސްވެރިންނަށް 'ބޭނުން ގޮތަކަށް'، ބޭނުން ކޮންމެ އެއްޗެއް ލިޔެފައި ސަލާމަތެއް ނުވެވޭނެއެވެ. ޖަވާބުދާރީވާން ޖެހޭނެއެވެ. އެއީ، އެކަން އޮންނަންވާނެ ގޮތެވެ.
އެހެން އެކަން ނުކުރެވޭތީ، މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަނީ 'ޗެކް ބުކް' މީޑިއާތަކެއް ކަމަށެވެ. ސުރުޚީ އަޅަނީ ފައިސާ ލިބޭ ގޮތަކަށެވެ.
"އަބަދު އަބަދު އެ ވެރިކަމަށް އަންނަ ސަރުކާރެއްގެ ފަހަތުގައި ސަރުކާރުންދޭ އެއްޗެއް ބަލައިގަނެގެން ސަރުކާރަކުން ބޭނުންވާ ގޮތަކަށް އެއްޗެހި ލިޔެގެން އެހެން ކަންތައްކުރާ ކަމަށްވާ ނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރާއްޖޭގަ ނޫސްވެރިކަން ދުވަހަކުވެސް ކުރިއަކަށް ނާރާނެ،" ނާޒިމް ނުރުހުން ފާޅުކުރެއްވިއެވެ.
އޭނާ ވިދާޅުވި އެއީ ވަރަށް ރަނގަޅު ވާހަކައެކެވެ. ސްޕޮންސަރުން ނޫސްތަކަށް ނުފޫޒު ފޯރުވައެވެ. އެ ގޮތަށް ސަރުކާރުތަކުން އަމުދުން ނޫސްވެރިންނާއި ނޫސްތައް ކޮންޓްރޯލްކުރެއެވެ. ނާޒިމް ވިދާޅުވި މުހިންމު އަނެއް ވާހަކައަކީ ނޫސްތައް އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ސްޕޮންސަރުންނަށް ބަރޯސާނުވުމެވެ. ހަގީގީ މިނިވަން ނޫސްވެރިކަމެއް އޮންނާނީ އޭރުންނެވެ.
މައްސަލައަކީ އެ ބާރުވެރިކަން ދޭން އުޅުމުގެ ބަދަލުގައި، އަނެއްކާ ވެސް އޮބިއަޅާ، ހިފަހައްޓައި، ތަޅުއަޅުވަން އުޅޭތީއެވެ. މީޑިއާ މޮނިޓާކުރުމުގެ ބަދަލުގައި ކޮންޓްރޯލް ކުރަން އުޅޭތީއެވެ.
މަޖިލީސް އެ އޮތީ ސަރުކާރުގެ 'ކޮންޓްރޯލް'ގައެވެ. ސަރުކާރުގެ އިންތިހާ މަސްލަހަތު އޮތް ބިލެއް އޮއްވާ ކޯޓުތަކަށް ވެސް ގޮތްތަކެއް ވެއްޖެއެވެ. ޒަލްޒަލާއެއް އައެވެ. ދެން މި އޮތީ ނޫސްވެރިކަމާ ޖެހިފައެވެ. އެއީ، އިއްތިފާގެއް ނޫނެވެ. ތަރުތީބުކުރެވިގެން ހިނގާ ގަޑުބަޑެކެވެ.
އެކަމަކު، ދުނިޔޭގެ ހަގީގަތަކީ ހިޔާލުގައި ތަޅެއް ނޭޅުވޭނެއެވެ. ހުރިހާ ނޫހެއް އެކީ ބަންދުކުރިޔަސް މީހުން ހިޔާލު ފާޅުކުރާނެއެވެ. ފާޑު ވެސް ކިޔާނެއެވެ. ތުހުމަތު ވެސް ކުރާނެއެވެ. އެ ކަމެއް ނުހުއްޓުވޭނެއެވެ.