ރާއްޖޭގައި މިހާރު ކުރިއަށްދާ އައިޓީއެފް ޖޭ30 މުބާރާތުގެ ފުރަތަމަ ބުރުގައި ޓޮޕް ސީޑުގައި ހިމެނޭ ކަޒަކިސްތާންގެ ޓަމާރާ އާމަކޯވާ ބަލިކޮށް ރާއްޖޭގެ އުންމީދީ ކުޅުންތެރިޔާ މަންހާ މުހައްމަދު އަލީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި މަންހާ ވާދަކުރި ޓަމާރާ އަކީ މި މުބާރާތުގައި ކުޅުނު އެންމެ ރޭންކް މަތި އަދި ފުރަތަމަ ސީޑުގައި ހިމެނޭ ކުޅުންތެރިޔާއެވެ.
މި މެޗު ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ އެވެ. މެޗު މަންހާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ސެޓު މަންހާ ކާމިޔާބުކުރީ ޓައި ބްރޭކުގައި 7-6 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ޓަމާރާ ވަނީ ބޮޑުތަނުން ކުޅުން ރަނގަޅުކޮށް މަންހާއަށް އެެއްވެސް ފުރުސަތެއް ނުދީ ސެޓު ހޯދާފައެވެ.
މެޗުގެ ފަހު ސެޓުގައި މަންހާ ވަނީ މޮޅު ކުޅުމެއް ކުޅެ، 6-4 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.
މީގެއިތުރުން މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ނަބާ ނިޝާންއާއި ނަޔާރާ އުސާމާ އަލީވެސް ވަނީ ދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ. ނަބާ ވަނީ ސީދާ ދެ ސެޓުން އިންޑިއާގެ ޖާނަވީ ޗައުދަރީ މަޑަރަމިޓްލާ ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ނަބާ ގެންގޮސްފައިވަނީ 7-5 އަދި 6-1 އިންނެވެ.
ނަޔާރާ ދެވަނަ ބުރުން ޖާގަ ހޯދީ ސީދާ ދެ ސެޓުން ވެރޯނިކާ ބަލިކޮށްގެންނެވެ. ފުރަތަމަ ސެޓު 6-3 އިން ކާމިޔާބުކުރިއިރު ދެވަނަ ސެޓު ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ބުރުން ރާއްޖޭގެ އާރާ އާސާލް އާޒިމް، އާއިޝަތު ކަރިން ސައިޒާން، މިޝަލް މުހައްމަދު، ކިޔާރާ އުސާމާ އަލީ، ސާރާ ސާމީ މުހައްމަދު، ކްލާރާ ސެރީނާ އާސިފް އަދި ނީމް އަހުމަދު ސަލީމް ވަނީ ކުޅުނު މެޗު ނާކާމިޔާބުވެފައެވެ.