ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ ދިރާސާގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު'ގެ ނަމުގައި ބިލެއް ހުށަހެޅުއްވީ ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލު ހުށަހެޅުއްވުމަށް ފަހު، ފާޑުކިޔުންތައް އަމާޒުވުމުން ބިލު އަނބުރާ ގެންދެވީ އޭނާއެވެ.
އެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށްގެންދިޔަ ބަހުސްގައި ނާޒިމް ވިދާޅުވީ، މީޑިއާތަކާ ގުޅޭ ގޮތުން މީގެ ކުރިން ހުށަހެޅި ބިލު ހަންނާން އަނބުރާ ގެންދެވުމުން މި ފަހަރުގެ ބިލު ތައްޔާރުކުރުމުގެ މަސައްކަތުގައި އޭނާ ބައިވެރިވަޑައިގެން ކަމަށެވެ.
"އެ ފަހަރު މެންބަރު ބިލު އަނބުރާ ގެންދެވުމާ ގުޅިގެން މި ބިލާ ބެހޭ ގޮތުން ބައެއް ރިސާޗް ހެދުމުގެ ކަންތަކުގައި އަޅުގަނޑު ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރީމު، އެ ފަހަރު އެކަމަށް އިއުތިރާޒުކުރި މީޑިއާގެ ބައެއް ބޭފުޅުންނާ އަޅުގަނޑު ވާހަކަދައްކައި އެއް ގަނޑަކަށް އެ ޚިޔާލުތައް ގެނެވޭތޯ އަޅުގަނޑު މަސައްކަތް ކުރިން،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މި ފަހަރު ބިލު އެކުލަވާލާފައިވަނީ ބައިނަލްއަގުވާމީ ވަރަށް ގިނަ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު: ރައީސަށް ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމުގެ ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތަށް ބިލެއް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ރައީސް އޮފީސް
އެ ބިލާ ގުޅޭ ގޮތުން މިހާރު ވެސް ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އިދިކޮޅު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ނާޒިމް ވިދާޅުވީ، ބިލުގެ ކޮމިޓީ މަރުހަލާގައި މީީޑިއާތަކާ ބައްދަލުކުރާނެ ކަމަށެވެ. އަދި، މީޑިއާތަކުގެ ކަންބޮޑުވުން އޮތް ނަމަ، އެ ކަންބޮޑުވުންތައް ބަލައިގަނެ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މީގެ އެންމެންނަށް އެއްބަސްވެވޭ ހައްލަކަށް އާދެވުމާ ދޭތެރޭގައި އަޅުގަނޑު ހަމަ އެއްވެސް ޝައްކެއް ނުކުރަން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަމިއްލަ މެންބަރަކު ހުށަހެޅި ބިލަކަށް ވާތީ އެ ފުރުސަތު ވަރަށް ތަނަވަސްކޮށް އެބައޮތް،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ، މީޑިއާތަކުގެ ހާލަތަށް މިހާރު ބަލާއިރު މަހުޖަނުންނާއި ފައިސާވެރިން ފައިސާ ދިނުމުން އެ ބަޔަކު ބުނާ ގޮތަކަށް ސުރުޚީ ޖަހައިދޭ މަންޒަރު ފެންނަ ކަމަށެވެ. އަދި، މީޑިއާތަކުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ ބިލުގެ ދިފާއުގައި ނާޒިމް ވާހަކަދެއްކެވިއިރު، ރޭ ސަރުކާރުން ވަނީ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އެގޮތުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން މީޑިއާގެ މިނިވަންކަން ކަށަވަރުކުރާނެ ކަމަށާއި އެންމެ ބޮޑު އިސްކަމެއްދެއްވާނީ އެ ކަމަށް ކަމަށެވެ. އަދި، މީޑިއާ ބާރުވެރިކުރުވައި މީޑިއާ ތަރައްގީކުރަން ކުރެވޭ ކަންކަމަށް ސަރުކާރުން ތާއީދުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބިލު ހުށަހެޅީ އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރެއް ނަމަވެސް، ބިލުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ބިލުގެ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް ތުހުމަތުކުރައްވައިފައެވެ. މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ވެސް ވަނީ ބިލު އަނބުރާ ގެންދަން ގޮވާލައިފައެވެ.