މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރިތާ ދެ ދުވަސް ފަހުން, މިދިޔަ އާދިއްތަ ދުވަހު, ޖަލު ގޮޅީގައި މަރުވެފައި އޮށްވައި ފެނުނު, އަޙްމަދު އަފްރާހް, 48, އަށް ފަރުވާ ދިނުމަށް އެދުމުން ފުލުހުން އެކަން ނުކޮށްދިން ކަމަށް, އޭނާގެ އާއިލާއިން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، އަތޮޅުވެހީގެ ހަތް ނަމްބަރު ގޮޅީގައި ބަންދުގައި ހުރި އަފުރާހުގެ ހާލަތު ފަތިހު 05:50 ހާއިރު ބެލިއިރު، ހަރާކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންވެ، އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އޭނާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން ވަނީ ނިންމައިފައެވެ.
https://sun.mv/210049
އާއިލާއިން މައުލޫމާތު ދޭގޮތުގައި ގ. ޒާމިޔާގޭގައި ރަޖިސްޓްރީ އޮތް ނަމަވެސް އަފްރާހަކީ އދ. މާމިގިލީ, ހިތަށްފިނިވާގޭ މީހެކެވެ. އޭނާއަކީ ވިލާ ކުންފުނީގައި ޗީފް އިންޖީނިއަރެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. ކުރިން ގ. ޒާމިޔާގޭ މީހަކާ ކައިވެނި ކޮށްގެން އުޅުނު އަފްރާހް ފަހުން ކައިވެނި ކުރީ މާމިގިލީ މީހަކާއެވެ. އެ ދެ ކައިވެންޏަށް ވެސް ކުއްޖަކު ނުހުންނައިރު އޭނާ ދިރިއުޅެނީ މާމިގިލީގައެވެ. އަފްރާހް މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް މާލެ އަންނަނީ މާލޭގެ ވަޒީފާގައި އުޅޭ އަންހެނުންގެ ގާތަށެވެ.
އަފްރާހުގެ އެއްބަނޑުއެއްބަފާ ކޮއްކޮ "ސަން"އަށް ބުނިގޮތުގައި މި ފަހުން މާލެ އައިސް އަފްރާހު ހުރީ މާލޭގައި ހުންނަ، ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއްގައިއެވެ. މިދިޔަ ހުކުރު ދުވަހު ވެސް އަފްރާހް އޭނާގެ އަންހެނުންނާ ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ވެސް އޭނާ ވަރަށް ބަލިވެ އުޅޭ ވާހަކަ ބުނި ކަމަށް ކޮއްކޮ ބުންޏެވެ.
"މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހުއްޓާލީމަ ވެ ނޫންތޯ އުނދަގޫ ގޮތްތަކެއް. ބޭބެ ބުނީ ހުއްޓާލައިގެނޭ މިއުޅެނީ އެހެންވެ ވަރަށް އުނދަގޫވާތީ އުޅޭ ވާހަކަ އެ ދުވަހު ވެސް," އާއިލާއިން ބުންޏެވެ.
އަފްރާހުގެ ކޮއްކޮ ބުނިގޮތުގައި އަފްރާހް މަސްތުވާތަކެތި ބޭނުންކުރާތާ ގިނަ އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް އޭނާގެ އޮންނަ ކުށުގެ ރެކޯޑަކީ ހަމައެކަނި އެކަން ކަމަށާއި އެ ވަބާގައި ޖެހިފައިވާ އެހެން ބައެއް މީހުން ފަދައިން އޭނާއަކީ ވައްކަން ކުރުންފަދަ ރެކޯޑެއް އޮންނަ މީހެއް ނޫން ކަމަށް ވެސް ބުންޏެވެ. އަދި އޭނާއަކީ އިންޖީނިއަރިން ދާއިރާގައި އަބަދުވެސް މަސައްކަތް ކުރާ މީހެއް ކަމަށް ބުންޏެވެ.
https://www.sun.mv/210084
އާއިލާއިން ބުނީ އަފްރާހު މިފަހުން މާލެ އައިސް އަންހެނުންނާ ބައްދަލުކުރުމަށް ފަހު، ދެން އޭނާއަށް ގުޅޭ ގޮތް ނުވުމުން އަނބިމީހާ ގުޅީ ގެސްޓްހައުސްއަށް ކަމަށެވެ. އަފްރާހް ހައްޔަރުކޮށްގެން ގެންދިޔަކަން އެނގުނީ އެހާ ހިސާބުން ކަމަށް ކަމަށް ބުންޏެވެ.
އެ މައުލޫމާތު ލިބުމުން އަފްރާހްގެ އަންހެނުން ފުލުހުންގެ އިދާރާއަށް ގުޅައި އޭނާގެ ސިއްހީ މައްސަލައެއް ހުރި ކަމާއި ފަރުވާ ދޭން ޖެހޭކަން އެންގި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި ކޮއްކޮ ބުންޏެވެ.
"ފަރުވާ ދޭން އެދުނީމަ ވެސް އެއްވެސް އެކްޝަނެއް ނުނަގައި ގުރޫޕް ތެރޭގައި ބާއްވާފައި އޮށްވައި ނިޔާވީ. އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުގައި އެހެން މީހަކު ގޮޅިއަށް ލާން ވެގެން އެ ދުވަހު ފަތިހު 5:30ގައި ދިޔައިރު ބޭބެ ގޮޅީގައި މަރުވެފައި އިންދާ ފެނިފައި ވަނީ. އައިޖީއެމްއެޗުން ދިމާވި ފުލުހުން އަޅުގަނޑު ކައިރި ބުނި އެެހެންނޭވީ," ކޮއްކޮ ކިޔައިދިނެވެ.
އާއިލާއިން ބުނީ އަފްރާހުގެ ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ހަދަން, އޭނާގެ އުމުރުން ދުވަސް ވެފައިވާ މައިންބަފައިންނާއި މުޅި އާއިލާއިން ވެސް ވަރަށް ދެކޮޅު ކަމަށެވެ. ބޭނުންވަނީ ވީ އެންމެ އަވަހަކަށް ވަޅުލާން ކަމަށް ވެސް ބުންޏެވެ.
"މިއީ ފުލުހުންގެ އަމިއްލަ ބޭނުމަކަށް ކުރަން އުޅޭ ކަމެއް. އަޅުގަނޑުމެންނަށް އޭގެ ފައިދާއެއް ނުކުރާނެ. އެއީ ސަރުކާރާ ގުޅުން އޮތް ބައެއް ލައްވާ ޕޯސްޓްމޯޓަމް ހަދާނީ ވެސް. އޭގެ ރިޕޯޓް ވެސް އެ މީހުން ބޭނުން ގޮތެއް ހެދޭނެ. އަޅުގަނޑުމެން ބުނިން ހަށިގަނޑު ދޫކޮށްލަ ދޭށޭ ބުނި އެއްޗެއްގައި ސޮއިވެސް ކޮށްފާނަމޭ. އެކަން ކުރަން އުޅެނީ ސަރުކާރުގެ ނުވަތަ ފުލުހުންގެ އިހުމާލުވުމެއް އޮތީމައި އެކަން ފޮރުވަން," އާއިލާގެ ފަރާތުން ކޮއްކޮ ކިޔައިދިނެވެ.
އޭނާ ބުނީ އަފްރާހްގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗްގައި ބާއްވާފައި އޮތްއިރު, މައްސަލަ ބެލި އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) އާ ބައްދަލުވި ކަމަށާއި، އަފްރާހް އެދުމުން ވެސް ފަރުވާ ނުދިނީ ކީއްވެގެންތޯ އައިއޯއާ ސުވާލު ކުރި ކަމަށެވެ.
"އައިއޯ ހީލާފަ ބުނީ އެެހެން ނޭނގޭނުހޭ މީހުން ވަރަށް ފޭކް ވެސް ޖައްސައޭ. އަދި މީހަކު ބައްޔޭ ބުންޏަސް އެ މީހުންނަށް މީހަކު ބަލި ކަމަކަށް ނުބެލޭނެ ނޫންހޭ," އާއިލާއިން ކިޔައިދިނެވެ.
އަފްރާހުގެ ބަންދުގެ މުއްދަތު އިތުރު ކުރި ކޯޓު އަމުރުން ވެސް އެނގޭގޮތުގައި އޭނާއަކީ ފަރުވާ ބޭނުންވާ މީހެކެވެ.
އަފްރާހުގެ އާއިލާއިން ކުރި މި ހުރިހާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން "ސަން"އިން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައިނުވެއެވެ.
މީގެ ކުރިން ވެސް މިފަދަ ކަންކަން ފުލުހުންގެ ފަރާތުން ހިނގާފައި އެބަހުއްޓެވެ. އެގޮތުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ގދ. ހޯޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ ރަޝީދު އެދުނު ނަމަވެސް އެއީ އެކްޓް ޖެއްސުންކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު, ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ނިންމީ އަބްދުالله ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށެވެ. އިހުމާލުވި ފުލުހުންނަށް ދައުވާ ކޮށްދޭން ވެސް އެދުނެވެ.
އެކި މައްސަލަތަކުގައި ޖަލުގައި ބަންދުގައި ކޮށްފައިތިބޭ މީހުން މަރުވާ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ ގިނަވާން ފަށާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި, ދަންޖެހިގެން މަރުވި މައްސަލަތަކެއް ވެސް ފެންމަތިވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ހިމެނެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ވަކި އިރެއްގެ ތެރޭގައި އަނެއްކާ ވެސް މަސްތުވާން ބޭނުންވާ މީހުންނެވެ. އެ ނުރައްކާތެރި ވަބާ މަސައްކަތް ކުރާގޮތުން މަސްތުނުވެއްޖެނަމަ ހަށިގަނޑަށް އެކި ކަހަލަ ބޮޑެތި އުނދަގޫތައް ކުރިމަތިވާނެއެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ނުކޮށް ރަނގަޅަށް ހުރެވޭނީ ވެސް ފަރުވާއާ ވެސް އެކުގައެވެ.
ނަމަވެސް ރާއްޖޭގައި މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ސިއްހީ ހާލަތު ރަނގަޅަށް ނުބަލައި ހަމަ އެހެން ކުށްވެރިންނެކޭ އެއްގޮތަށް ބަންދުގައި ބަހައްޓާ ކަމުގެ ކަންބޮޑުވުން ބޮޑެވެ. އެގޮތަށް ހުއްޓާ އެފަދަ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވަނީ ކަމަށް ބުނެއެވެ.