މިއަހަރުގެ ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް ހުޅުވައިފި

މިދިޔަ އަހަރުގެ ތެވެލި ކޮންފަރެންސްގެ ތެރެއިން --

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ "ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

އެމްއެންޔޫގެ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. މިއީ މި ކޮންފަރެންސް ބާއްވާ އަށްވަނަ ފަހަރެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "އިވޯލްވިން ޕެރެޑައިމްސް: މާޖިން ރީސާޗް، އެވިޑެންސް އެންޑް ޕްރެކްޓިކްސް"އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

"ތެވެލި"ގެ މާނައަކީ ފެންގަނޑުމަތީގައި ފެތުރިފައި އޮންނަ އިރުހަނދުގެ އަލިކަމެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ އައު އިލްމީ ހޯދުންތައް ފެތުރުމާއި، ދިރާސާ ހުށަހެޅުމަށް ފުރުސަތު ހުޅުވައިދިނުމެވެ.

އެމްއެންޔޫއިން 2017ވަނަ އަހަރު ބޭއްވި ތެވެލި ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ/ އެމްއެންޔޫ

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، އެ ރަސްމިއްޔާތުގައި މިނިސްޓަރު ބައިވެރިވެވަޑައިގަތުމަކީ ދިރާސާތައް ކުރިއެރުވުމަށް ސަރުކާރުގެ އެއްބާރުލުން އޮތްކަން ހާމަވާ ކަމެއް ކަމަށެވެ. މި އަހަރު ފުރަތަމަ ފަހަރަށް އެ ޔުނިވާސިޓީން 'ސްޓޫޑެންޓް ސިމްޕޯސިއަމް'އެއް ތައާރަފުކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ، ރިސާޗް އެންޑް އެންޓަޕުރައިޒް ޑރ. ރަޙީމާ ޢަބްދުއްރަޙީމް ވެސް ވަނީ ވަހަކަ ދައްކަވައިފައެވެ. އޭނަ ވިދާޅުވީ، ތެވެލި ކޮންފަރެންސްއަކީ ޔުނިވާސިޓީގެ އަހަރީ އެންމެ މުހިންމު އެއް އިވެންޓު ކަމަށެވެ.

މި އަހަރު ތެވެލި ކޮންފަރެންސަށް ޖުމްލަ 237 ދިރާސާ ހުށަހަޅައިފައިވާއިރު، އޭގެ ތެރެއިން 198 ދިރާސާ އެ ޔުނިވާސިޓީން ވަނީ ގަބޫލުކޮށްފައެވެ.

comment ކޮމެންޓް