މީޑިއާތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވޭ ގޮތަށް އެކުލަވައިލައިފައިވާ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވަނިކޮށް، މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓް ފައިސާ މީޑިއާތަކަށް ދޭނެ އުސޫލެއް ސަރުކާރުން މިއަދު ގެޒެޓުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، މީޑިއާތަކަށް ފައިސާ ދޫކުރަނީ، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ ކަމަށެވެ.
އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެއްކަން ރައީސް އޮފީހުން ފާހަގަކުރިއެވެ.
ރައީސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިގާލީ މަރުޙަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާތަކާއެކު ނޮވެންބަރު 13، 2023ގައި ބޭއްވެވި "މީޑިއާ ގުންޒަރު"ގައި އެ މަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ނޫސްވެރިންނާ ވާހަކަދައްކަވަނީ: ދައުލަތުގެ އާމްދަނީން 0.1 ޕަސެންޓް މީޑިއާތަކަށް ދިނުމަށް ވަނީ އުސޫލެއް ކަނޑައަޅައިފައި -- ފޮޓޯ/ ރައީސް އޮފީސް
އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން އެކުލަވައިލައިފައިވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށްފެންނަ، ޒިންމާދާރު އުސޫލެއް އެކުލަވާލައްވާނެކަން އިޢުލާންކުރައްވާފައެވެ.
މިއަދު ގެޒެޓުކުރި އުސޫލުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ. އެ އުސޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ އާމްދަނީން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އުސޫލާއެކު، ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށްފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެ އުސޫލު އާންމުކުރިއިރު، ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު'ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފައެވެ.
އެ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނަށް އެކުލަވާލައި، އެ ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އައްޔަންކުރައްވާނީ ރައީސް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޮމިޝަންގެ ރައީސް ވެސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައިވެއެވެ.
މީގެ އިތުރުން، ރެގިއުލޭޓަރީ ކޮމިޝަނުން އަންގާ ކަންތައްތަކާ ޚިލާފުވުމުން ފިޔަވަޅުތައް އެޅުމުގެ ބޮޑެތި ބާރުތައް ވެސް ދީފައިވެއެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ވެބްސައިޓް ބްލޮކްކުރުމާއި ރަޖިސްޓްރީ ބާތިލުކުރުމަށް މަގުފަހިކުރެވޭ މާއްދާތައް ވެސް ބިލުގައި ހިމަނައިފައިވެއެވެ.
އެ ބިލަށް ނޫސްވެރިންގެ ޖަމިއްޔާތަކާއި އިދިކޮޅުން ވެސް ފާޑުކިޔައި، އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އޮތް ބިލެއް ކަމަށް ވަނީ ސިފަކޮށްފައެވެ.
އެއީ މިނިވަން މެންބަރަކު ހުށަހެޅި ބިލެއް ނަމަވެސް، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ސަރުކާރުން ވަނީ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ.