އަތޮޅު ކައުންސިލްތައް އުވާލައި، ކުދި ރަށްތަކުގެ ކައުންސިލް ސައިޒު ކުޑަކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގައި މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި، ވިދާޅުވީ، ލާމަރުކަޒީ ގާނޫނު މިހާރަށް ވުރެ ވަރުގަދަކުރަން މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި އިތުރު އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.
އެގޮތުން އަންނަ ދައުރުގެ ތެރޭގައި އެމަނިކުފާނު ހަތަރު އިސްލާހެއް ހުށަހަޅުއްވާނެކަން މިރޭ ހާމަކުރެއްވިއެވެ. އެ އިސްލާހުތައް ހުށަހަޅުއްވަނީ، 'ފަށަލަތައް' ނެތި، ސީދާ ރައްޔިތުންނަށް ބާރުތައް ދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
ފުރަތަމަ އިސްލާހެއްގެ ގޮތުން، އެމަނިކުފާނު ފާހަގަކުރެއްވީ އަތޮޅު ކައުންސިލްތައް އުވާލަން ހުށަހަޅާ އިސްލާހެކެވެ. އަތޮޅު ކައުންސިލްތަކަކަކީ ވެސް 'ފަށަލަ'އެއް ކަމަށް ސިފަކުރައްވައި ރައީސް ވިދާޅުވީ، އެއީ އެއްވެސް ބޭނުމެއް އޮތް މަގާމެއް ނޫންކަމެވެ.

ރައީސް މުއިއްޒު މަތިވެރި ކައުންސިލާ ބައްދަލުކުރައްވަނީ: ކުދި ރަށްތަކުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ ސައިޒު ކުޑަކުރަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް
ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މިކަމަށް ހެކިވާނެ. އެއީ [އަތޮޅު ކައުންސިލަކީ] އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމަ ގާނޫނު އަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނު އަސާސީ އިސްލާހު ނުކޮށް މިކަމެއް ނެތް ވާކަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރަކު އަތޮޅު ކައުންސިލަށް ވޯޓުލާކަށް ނުޖެހޭނެރައީސް ޑރ. މުޙައްމަދު މުއިއްޒު
އެމަނިކުފާނު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުން ސީދާ ރަށު ކައުންސިލްތައް މަސައްކަތް ކުރާނީ ވުޒާރާތަކާ ގުޅިގެން ކަމަށެވެ.
ކުދި އާބާދީގެ ރަށްތަކުގެ ކައުންސިލްތަކުގެ ސައިޒު ކުޑަކުރާ އިސްލާހެއް ހުށަހަޅާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެ އިސްލާހުގައިވާގޮތުން ނަމަ، އަބާދީގައި 2،000 މީހުންނަށް ވުރެ ކުޑަ ރަށްތަކުގައި ތިބޭނީ ތިން ކައުންސިލަރުން ކަމަށާއި 2،000 މީހުންނަށް ވުރެ ބޮޑު އާބާދީތަކުގައި ފަސް ކައުންސިލަރުން ތިބޭނެކަމަށް ވިދާޅުވިއެވެ. އެކަމަކު، ސިޓީ ކައުންސިލްތަކަށް އެ ނިޒާމެއް ނޯންނާނެ ކަމަށާއި ގާތްގަނޑަކަށް އޮންނާނީ މިހާރުގެ ނިޒާމު ކަމަށް ރައީސް ވިދާޅުވިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ވެސް ހުޑަކުރަން އިސްލާހެއް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތަފާތަކީ ޑަބްލިއުޑީސީގެ ރައީސާއަކީ ކައުންސިލްގެ ރައީސް ގޮތަށް މުޅި ރަށުގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ ފުލްޓައިމް މެންބަރެއް. ފުލްޓައިމް މުސާރަ ލިބޭ ފުލްޓައިމް މެންބަރަކަށްވާނެ. އެއީ އަންހެނުން ބާރުވެރިކުރުވަން އަޅުގަނޑު ކުރާކަމެއްރައީސް ޑރ. މުޙައްމަދު މުއިއްޒު
ހަމައެހެންމެ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލާ އިސްލާހު ވެސް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ އިސްލާހަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު، އެކަން ކުރަން ރައްޔިތުންނަށް ފެންނަނަމަ ދެން އެ އިންތިޚާބުތައް އެއްކޮށްލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އިސްލާހުތައް ގެންނަނީ، ރައްޔިތުންނަށް ބޭނުންވާ ފެންވަރަކަށް ނިޒާމު ބައްޓަން ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އޭރަށް ރައްޔިތުންނަށް ލިބޭނީ ފައިދާ ކަމަށް ވިދާޅުވިއެވެ.
މި ދެ އިންތިޚާބު އެއްކޮށްލަން އިސްލާހު ހުށަހަޅުއްވާނެކަަން ރައީސް އެންމެ ފުރަތަމަ އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖުލައި ހަތްވަނަ ދުވަހެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން އީސީގައި އޭރު ރައީސަކަށް ހުންނެވި ފުއާދު ތައުފީގު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން އެންމެ ކުޑަމިނުން 130 މިލިއަން ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކައުންސިލްތަކަށް ކުރިން ދީފައިވާ ގިނަ ބާރުތަކެއް ހަނިވާ ގޮތަށް, ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ބުރާސްފަތި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު, ތަސްދީގުކުރައްވައިފައި ވާތީ އެ ގާނޫނަށް އަމަލު ކުރަން, ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ވަނީ އަންގާފައެވެ.
މި އިސްލާހާ ގުޅިގެން އަދި ކައުންސިލްތަކަށް ގެންނަން ހުށަހަޅުއްވާ އިސްލާހުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ފުނޑާލުންކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.
އެ ފާޑުކިޔުންތަކަށް ޖަވާބުދެއްވައި، ރައީސް ވަނީ މީގެކުރިން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ދިފާއުކުރައްވައިފައެވެ. އެގޮތުން، މިއީ ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން"ކުރަން ގެންނަވާ އިސްލާހުތަކެއް ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ.