އއ. މަތިވެރީގެ ބިންހިއްކުމުގެ މަޝްރޫއާއި އެ އަތޮޅުގެ އެންމެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ މިރޭ ހަވާލުކޮށްފިއެވެ.
މަތިވެރީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، މި މަސައްކަތް އެމްްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ވަނީ ރައީސް މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި މަޝްރޫގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙުސައިން އިމްރާންއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފް މުހައްމަދެވެ.
މިއަހަރު އަލަށް ފަށާނެ މަޝްރޫ ތަކުގެ ތެރޭގައި މަތިވެރި އެއާޕޯޓު އެޅުން ހިމަނާފައިވާކަމަށް މީގެ ކުރިން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އަދި މަތިވެރީގައި އެއާޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް މިއަހަރުގެ މެއި މަހުގެ އިއުލާން ވެސްކުރިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަސްފަހު މަތިވެރީ ރައްޔިތުންނާ މުޙާތަބުކުރައްވައި ރައީސް ވިދާޅުވީ، އެރަށުގައި ބިން ހިއްކާ އެއާޕޯޓްގެ މަސައްކަތް ކުރާނީ އެމްއެސީއެލްއިން އަމިއްލައަށް އިންވެސްޓްކޮށްގެންކަމަށެވެ. އަދި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ދެ އަހަރާ ބައިގެ މުއްދަތުގައި ނިންމައި އެތަން ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގައި 26.5 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، އޭގެތެރެއިން އެއާޕޯޓުގައި 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްގީކުރުމުގެ އިތުރުން ޓެކްސީވޭއާއި އޭޕްރަން އަދި ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރުން ހިމަނާފައި ވެއެވެ.
މަތިވެރިއަކީ ފަތުރުވެރިކަމުގައި ރާއްޖެއިން ކުރިއަރާފައިވާ ރަށެކެވެ. އަދި އެ އަތޮޅަކީ ވެސް ޓޫރިޒަމް ފުޅާވެފައިވާ އަތޮޅެކެވެ. އއ. އަތޮޅާ އެންމެ ގާތުގައި އޮންނަ އެއާޕޯޓަކީ އދ. މާމިގިލީ އެއާޕޯޓެވެ.
މަތިވެރީގައި އެއާޕޯޓެއް އަޅަން ހަވާލުކޮށްފައިވާއިރު، ރާއްޖޭގައި ކައިރިކައިރީގައި ގިނަ އެއާޕޯޓުތަކެއް ތަރައްގީކުރާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުންނާއި ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ފާޅުކުރެއެވެ.