އެންމެ ލަނޑެއް ވިޔަސް ރެއާލުން ލީގު ފެށީ މޮޅަކުން

ސްޕެނިޝް ލަލީގާގައި މިދިޔަ ސީޒަންގައި ދެވަނައަށް ދިޔަ ރެއާލް މެޑްރިޑުން އޮސަސޫނާ ބަލިކޮށް، އާ ސީޒަންގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ރެއާލުން ގިނަ ހަމަލާ އުފެއްދި ނަމަވެސް އޮސަސޫނާގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫވިއެވެ. ނަތީޖާއަކަށްވީ ރެއާލްގެ އާ ކޯޗު ޒާބީ އޮލޮންސޯގެ ކޯޗުކަމުގެ ދަށުން ލަލީގާގައި ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފު ލަނޑެއް ކާމިޔާބުނުކުރެވި ނިންމާލަން ޖެހުމެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭއެވެ.

މެޗުގައި ރެއާލުން ވަނީ މި ސީޒަނަށް އެ ޓީމަށް ގެންދިޔަ ބައެއް ކުޅުންތެރިންނަށް ލަލީގާގައި ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ދީފައެވެ. މިގޮތުން ޓްރެންޓް އެލެގްޒެންޑާ އާނޯލްޑާއި ޑީން ހުއިސެންއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދިނެވެ. މީގެ އިތުރުން، އަލްވާރޯ ކަރޭރާސްއާއި ޒުވާން ކުޅުންތެރިޔާ ފްރޭންކޯ މަސްޓަންޓުއޯނޯއަށް ވެސް ކުޅުމުގެ ފުރުސަތު އަލޮންސޯ ދީފައިވެއެވެ.

މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި އޮސަސޫނާގެ އަބެލް ބްރެޓޮނޭސް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މި ކާމިޔާބީއާ އެކު ރެއާލްގެ ފެށުން ރަނގަޅުކޮށްފައިވާއިރު ލީގުގައި ކުޅޭ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ބައްދަލުކުރާނީ ރަށުން ބޭރުގައި އޮވިއެޑޯއާއެވެ.

comment ކޮމެންޓް