ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް)އަށް ގަވާއިދާ ޚިލާފަށް ވަދެ، މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފިއެވެ.
އެ ބޯޓު އަތުލައިގަތީ ކ. ދިއްފުއްޓާ ދިމާ އިރުމަތިންނެވެ.
އެމްއެންޑީއެފުން ބުނީ، މި މަސްބޯޓު ފެނުނުއިރު އެ ބޯޓުގައި ޖުމުލަ ހަ މީހުން ތިބި ކަމަށެވެ. އެއީ، އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ މަސް ބޯޓެކެވެ. އެ ބޯޓު އަތުލައިގަތީ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، މައްސަލަ އިތުރަށް ތަހުގީގުކުރަން ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިއީ ސްރީލަންކާގެ މަސްވެރިން އާއްމުކޮށް ބޭނުން ކުރާ ޒާތުގެ ބޯޓެކެވެ. މިފަދަ ބޯޓްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތުމަކީ ވަރަށް އާއްމު ކަމެކެވެ. އަދި، މަދުން ނަމަވެސް ހާލުގައި ޖެހިގެން ވެސް ރާއްޖެ ސަރަހައްދަށް މިފަދަ ބޯޓްތައް ވަދެއެވެ.
އެއްވެސް ގައުމެއްގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި އެހެން ގައުމުތަކުގެ އުޅަނދުތައް ހަރަކާތްތެރިވުމަކީ ބައިނަލްއަގުވާމީ ގަވާއިދުތަކާ ހިލާފު ކަމެކެވެ.