މީޑިއާ އޮބަހައްޓަނީ ދިގު ވެރިކަމެއް ކުރަން، ހުރިހާ 'ބޭކާރު' ގާނޫނެއް އުވާލާނަން: ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނާޒިލް: އޭނާ ވިދާޅުވީ، އެމްޑީޕީ ވެރިކަމެއްގައި 'ބޭކާރު' ހުރިހާ ގާނޫނެއް އުވާލާނެ ކަމަށް --- ފޮޓޯ/ މަޖިލީސް

މީޑިއާތަކާއި އެ ނޫން ވެސް ތަންތަން އޮބަހައްޓަނީ ދިގު ވެރިކަމެއް ކުރަން ބޭނުންވާތީ ކަމަށާއި އެ ފަދަ 'ބޭކާރު ހުރިހާ ގާނޫނެއް' އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ މެންބަރު ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ. އެ ބިލު ހުށަހެޅީ ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ވެސް ގާނޫނެއް ފާސްކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ.

އެ ބިލާ ގުޅިގެން އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ސަރުކާރުން އާންމު ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ހުއްޓުވާލާފައިވާ ކަމަށެވެ. ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރަންޖެހޭ މުއްދަތް ގާނޫނަށް ބަދަލު ގެނެސްގެން ދަންމާލަން ޖެހުނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި މީހުން ސަރުކާރުން 'ކޮންޓްރޯލް'ކުރާ ކަމަށާއި އެ ވާހަކަދައްކާތީ މިހާރު މީޑިއާތައް ވެސް ކޮންޓްރޯލްކުރަން އުޅެނީ ކަމަށެވެ.

"އެއީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ތިބި ބަޔަކު ކޮންޓްރޯލްކޮށް ހިފަހައްޓާލަނީ. އަދި، ހިފަހައްޓާ ވާހަކަ ރައްޔިތުންނާ ހަމައަށް ގެނެސްދޭން ތިބި މީޑިއާ އަނެއްކާ ވެސް ހަމަ އޮބަހައްޓާ، ނަގަހައްޓާ އެ މަސައްކަތް ކުރެވެނީ. މިއީ ހަގީގަތުގައި ދިގު މުއްދަތަކަށް ވެރިކަން ކުރަން ބޭނުންވާ ބަޔަކަށް އަބަދު ވެސް ފެންނާނީ މި ކަހަލަ މަންޒަރުތަކެއް،" އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ ރައްޔިތުންނަށް މިހާރު ވަރަށް ސާފު. ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ސާފު މިއީކަން ހަގީގަތަކީ،"

އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިލް ވިދާޅުވީ، މި ފަހުން ނޫސްވެރިން ގޮވައިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ން ރަސްމާލެއަށް ދިޔައީ ވެސް އެ މަޝްރޫއުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ކަމަށެވެ.

އެ ތަން ހިއްކަން 500 މިލިއަން ރުފިޔާއާ ހަމައަށް ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާ އެގޮތަށް ގޮސް އެ ދައްކާ ވާހަކައަކާ ގުޅިގެން އެ މީޑިއާއެއް ސަސްޕެންޑުކޮށް އެ މީޑިއާއެެއްގައި ތިބި ނޫސް ރިޕޯޓަރުންނާ ދޭތެރޭ ފިޔަވަޅު އެޅޭ ހިސާބަށް ދިޔުމަކީ އެއީ ކަންބޮޑުވުމެއް ހަގީގަތުގައި، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް

އޭނާ ވިދާޅުވީ، މިއަދު ސަރުކާރާ އެކުގައި ތިއްބެވި ބޭފުޅުން ވެސް އެ ކަމާ ވިސްނަންޖެހޭ ކަމަށެވެ. ބޮޑު ގާނޫނެއް ފާސްކުރާއިރު މާދަން ވެރިކަން ބަދަލުވެ، އެހެން ބަޔަކު އައުމުން ވެސް އެގޮތަށް ބާރުތައް ސަރުކާރަށް ދީފައި ބާއްވާނީތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ނާޒިލް ވިދާޅުވީ، މި ފަދަ 'ބޭކާރު ހުރިހާ ގާނޫނެއް' އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށެވެ.

https://sun.mv/210138

"މިގޮތަށް އަންނަ ހުރިހާ ބޭކާރު ގާނޫނުތަކެއް އަޅުގަނޑުމެންގެ ވެރިކަމެއްގައި، އަޅުގަނޑުމެންގެ ބާރެއް އޮތިއްޔާމުން އަޅުގަނޑުމެން އުވާލާނެ ވާހަކަ އަޅުގަނޑުމެން އަބަދު ވެސް ދައްކަނީ،" އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނާޒިލް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލްކުރާ ބިލާ އެކު އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެއެވެ. އަދި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ގާނޫނުން އުފައްދާ އާ ކޮމިޝަނަށް ލިބޭނެއެވެ.

https://sun.mv/210165

އެގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައެވެ.

އެކަމަކު، ސަރުކާރުން ބިލަށް ތާއީދުކޮށްފައިވާއިރު ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.

comment ކޮމެންޓް