މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208ވަނަ ޖަލްސާގައި އާޒިމް ވަނީ މަސް މާރުކޭޓު މަޝްރޫއުގެ ފަހުގެ އަދާހަމަތަކެއް ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ. މޭޔަރު ވިދާޅުވީ، މަޝްރޫއު ނުފެށިގެން އުޅެނީ ބޮޑު 'އޮޅުންބޮޅުން ގަނޑެއްގެ' ތެރޭގައި އޮތުމުން ކަމަށެވެ.
އެގޮތުން، މަސް މާރުކޭޓު ހަދަން ދެވަނަ ބަޔަކަށް ހަވާލުކޮށްފައިވަނީ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް އިންތިޚާބުވި ފަހުންނެވެ. އޭރު އާޒިމް ވެސް އިންތިޚާބެއް ނުވެއެވެ. އެހެންވެ، މިކަން ހިނގާފައިވަނީ ޓްރާންސިޝަން މުއްދަތުގައެވެ.
"ފަހުގެ ކޮންޓްރެކްޓް ވަރަށް ބޮޑަށް ކައުންސިލަށް ގެއްލުންވާ ގޮތަށް ހެދިފައި އޮތް ކޮންޓްރެކްޓެއް ކަމަށް ފާހަގަކުރެވެނީ. އެ ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވަނީ މި ކޮޅުގެ ލީގަލް ކައުންސެލް އަލީ ނަސީރު [ގާސިމް]،" މޭޔަރު ހާމަކުރެއްވިއެވެ.

މަސް މާރުކޭޓު އަޅަން ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން އޮތީ 9.6 މިލިއަން ޑޮލަރަށް އެހެން ބަޔަކާ ހަވާލުކޮށްފައެވެ.
"ދެވަނަ ކޮންޓްރެކްޓަށް އެންޓާވީ ސަބަބަކީ ކޮބައިތޯ އަޅުގަނޑަށް ކިޔައިދޭން އަޅުގަނޑު މެމޯއެއް ފޮނުވާފައި އޮންނާނެ، ސޮއިކޮށްފައި އޮތް ފަރާތަށް. ކިހިނެއް، ކޮން ހަމައަކުން ސޮއިކުރެވުނު އެއްޗެއްތޯ؟ ކާކު ބުނެގެންތޯ؟ ކޮން ނިންމުމެއް ނިންމައިގެންތޯ؟ ބިޑު ކޮމިޓީން ނިންމި ނިންމުންތައް ކޮބާތޯ؟" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 9.6 މިލިއަން ޑޮލަރަށް މަސް މާރުކޭޓު މަޝްރޫއު ހަވާލުކުރިއިރު އެ ފައިސާއަކީ ސިޓީ ކައުންސިލަށް ދެއްކެން އޮތް ފައިސާއެއް ވެސް ނޫން ކަމަށެވެ. އަދި، އާ އެއްބަސްވުމެއް ހަދަން ނިންމީ ކާކުތޯ ވެސް ސުވާލު އުފެދޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދައްކަނީ ރައީސް އިންތިޚާބުވި ފަހުން އަޅުގަނޑު އިންތިޚާބުވުމާ އެ ދޭތެރޭގައި ހިނގާފައި ހުރި ކަންތަކުގެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.
"މިހާރުގެ ކޮންޓްރެކްޓް އޮތް ގޮތުން މި ފައިސާ ނުދެއްކިއްޖެ ކަމަށްވަންޏާ މުޅި އިމާރާތް އެ މީހުންނަށް ލިބެނީ. އެ ތަނުގައި މަސް މާރުކޭޓެއް ވެސް ނޭޅޭނެ. ލޯކަލް މާރުކޭޓެއް ވެސް ނޭޅޭނެ. ވަރަށް ދެރަކޮށް ވެފައި އޮތް ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،"
އާޒިމް ވިދާޅުވީ، ދެ ކޮންޓްރެކްޓްގައި އޮތީ ވެސް އެއް ނަންބަރެއް ކަމަށެވެ. އަދި، ދެވަނަ އެއްބަސްވުން ހެދީ ކިހިނެއްކަން ވެސް ލިޔެކިޔުންތަކުން ފެންނާކަށް ނެތެވެ.
އޭނާ ވިދާޅުވީ، މަސް މާރުކޭޓު މަޝްރޫއު ލަސްވަނީ އެހެންވެ ކަމަށެވެ.
މީގެ އިތުރުން، މަސް މާރުކޭޓު އަޅާއިރު އެ ތަނުގައި ހުރި ގޮޅިތައް ވަގުތީ ގޮތުން ބަދަލުކުރަން ބޭނުންވާ ގޮޅިތައް ހަދަން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމަނާފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކަމަށް 200 އެއްހާ ގޮޅި ހަދަން ޖެހޭއިރު އެކަން ކުރަން ވެސް އޮތީ ވަކިން 2.1 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ކަމަށެވެ.
މި މައްސަލައިގައި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މި މަޝްރޫއުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ކަމަށެވެ. މައްސަލަ ގޯސްވީ މޭޔަރުކަމުން ރައީސް މުއިއްޒު ވަޑައިގެން ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާރުކޭޓު މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއީ އެންމެ އެއްބަސްވުމެއް ކަމަށާއި ދެން ހުރި އެއްބަސްވުންތައް ހުރި ގޮތެއް ނުވެސް އެނގޭ ކަމަށެވެ.
އެހެންވެ، މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ހާމަކުރަން އޭނާ ވަނީ ގޮވާލައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ މޭޔަރުކަމުގައި މާ ކުޑަ އަގެއްގައި މަސް މާރުކޭޓު ކުއްޔަށް ދިން މައްސަލައެއް ވެސް މި ފަހުން ފެންމަތިވިއެވެ. އެ ގޮތުން، އާޒިމް އޭރު ވިދާޅުވި ގޮތުގައި ބިޑް ކޮމިޓީން 130،000 ރުފިޔާއަށް އެތަން ކުއްޔަށް ދޭން ނިންމި ނަމަވެސް އޭރު ކައުންސިލުން އެތަން ކުއްޔަށް ދިނީ 70،000 ރުފިޔާއަށެވެ.