ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހަތަރު މެންބަރުންގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސުތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އައްނަ މަހު ހަތެއްވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިންޓެގްރިޓީ ކޮމިޝަންގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރުންގެ ދައުރު އޮކްޓޫބަރު މަހު ހަމަވާނެއެވެ. އެ ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. އެއީ:
- ކޮމިޝަންގެ ރައީސް ޤާސިމް ޢަބްދުލް ކަރީމް
- ނައިބު ރައީސް ޢާޝިޔަތު ޝިޢުނާ
- މެންބަރު ޝުޢައިބު ޢަބްދުއްރަޙްމާން
- މެންބަރު އާމިނަތު ޝާދިޔާ
އެ ހަތަރު މެންބަރުންނަކީ ވެސް މިދިޔަ ސަރުކާރުގެ ދުވަސްވަރު އޮކްޓޫބަރު 26، 2020 ގައި އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. ކޮމިޝަންގައި ދެން އިންވަނީ މަރްޔަމް އިންޝާ ފައިޞަލެވެ. އޭނާ އެ ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 16 ގައެވެ.
އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު ކަންކަން ބަލައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމެވެ. އަމިއްލައަށް އެ ފަދަ މައްސަލަތައް ބެލުމުގެ އިޚުތިޔާރު ވެސް އެ ކޮމިޝަނަށް ލިބެއެވެ.