މިދިޔަ އެމްޑީޕީ ސަރުކާރުގައި އައްޑޫ ސިޓީއަށް ގެނެސްދިން ތަރައްގީ ފާހަގަކޮށް، އައްޑޫގެ ރައްޔިތުންނާއި ސިޓީ ކައުންސިލްގެ ނަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ޚާއްސަ އެވޯޑެއް އަރުވައިފިއެވެ.
އެ އެވޯޑު ޞާލިޙާ ހަވާލުކުރެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ.
ނިޒާރު ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ނަމުގައި ރައީސް ޞާލިޙަށް އެ އެވޯޑު އެރުވުމަށް ބޭނުންވީ އައްޑޫގެ ތަރައްގީއަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅާއި، ލާމަރުކަޒީ ދާއިރާ ފައްކާކުރުމަށް އެމަނިކުފާނުގެ ޒައާމަތުގައި ގެނެސްދެއްވި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
އެވޯޑާ ހަވާލުވެވަޑައިގެން ޞާލިޙު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ އަދި އެ މަނިކުފާނު ވެސް ހިތުގެ އެންމެ އަޑިން ގަބޫލުކުރައްވާ ނިޒާމެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމާއެކު ރާއްޖޭގެ ރަށްތަކަށް އައި ތަރައްގީއާއި ބަދަލުތައް ކޮންމެ މީހަކަށް ވެސް ފެންނާނެ ކަމަށާއި، ވަކިވަކި ރަށްރަށަށް ލާމަރުކަޒީ ނިޒާމުން ލިބިދޭ ބާރުތައް މާލެއަށް ޖަމާކުރުމުން ރަށްތަކަށްވި ގޮތް ވެސް ތަޖުރިބާކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން ބާރުތައް ދޫކޮށްލީ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ ވެރިއަކަށް ހުންނަ މީހަކަށް އެއީ ޗެލެންޖަކަށް ވާނެ ކަމެއް ކަމަކަށް. [އިތުރަށް] ފަސޭހަވާނީ. ނަމަވެސް އިދިކޮޅުން އަންނަ ބަޔަކު އެ ބާރުތައް ޖަމާކުރުމުގެ މަސައްކަތް އަބަދުވެސް ކުރަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު
ޞާލިޙު ވިދާޅުވީ ހުރިހާ ބާރުތަކާއި ޚިދުމަތްތއް ޖަމާކޮށްފައި އޮންނަ ތަނަކަށް ގިނަ މީހުން އަންނާނެ ކަމަށާއި މާލެއަށް ޖެހިފައިވަނީ އެ ހާލު ކަމަށެވެ. އުފަން ރަށް ދޫކޮށް މީހުން މާލެއަށް އަންނަނީ އުފަލަކުން ނޫން ކަމަށާއި، ރަށް ދޫކޮށް ގިނަ މީހުން އަންނަނީ މަޖުބޫރުވުމުން ކަމަށް ޞާލިޙު ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ނިޒާރާއި، ކުރީގެ ރައީސް ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް
އަބަދުވެސް ގެންނަންޖެހޭ އިސްލާހުތައް ހުންނާނެ ނަމަވެސް ލާމަރުކަޒީ ނިޒާމު އެއްކޮށް ބަދަލުކޮށްގެން ރާއްޖެއަށް ލިބޭނެ ކުރިއެރުމެއް އޮތް ކަމަކަށް އޭރުވެސް މިހާރު ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށް ޞާލިޙް ވިދާޅުވިއެވެ.
އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އިސްވެ ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި އެމްޑީޕީން ވެސް އެ މަސައްކަތްކުރާނެކަމާމެދު ޝައްކެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި އައްޑޫ ސިޓީގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް ފަށައިފައިވެއެވެ. އޭގެ ތެރޭގައި އައްޑޫ ބުރިޖުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއު ފަދަ މުހިންމު މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.
ބުރިޖަކުން ހިތަދުއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރުގެ އިންތިޚާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެ މަޝްރޫއު ޞާލިޙުގެ ދައުރުގައި ފެށި ނަމަވެސް ދައުރު ނިމުނުއިރު ވެސް އެ މަޝްރޫއެއް ނުނިމެއެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފެށި މަޝްރޫއު ވެސް، ދައުރު ނިމުނުއިރު ނިމިފައެއް ނުވެއެވެ.
ރައީސް ޞާލިޙުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއް ނެތި، ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ޒަމާނީ އިންޖީނުގެތައް ފަދަ ޒަރޫރީ ކަންކަން ފުރިހަމަކޮށްދެއްވުމަށެވެ. އެގޮތުން ގިނަ ރަށްތަކުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދެވިއެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ޚިދުމަތް ދޭ ކުންފުނި ފެނަކައާއި ސަރުކާރުން ވެސް ވަނީ އެއީ އެމްޑީޕީގެ ދައުރުގައި އިހުމާލުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކަމަށް ތުހުމަތުކޮށްފައެވެ.