ކޮފްސީ ސިރަޕްގެ ކޮލިޓީ މައްސަލައެއް ފާހަގަކުރެވި، ބޭނުންކުރުން މަނާކޮށްފި

ކޮފްސީ ސިރަޕްގެ ކޮލިޓީ މައްސަލައެއް ފާހަގަކުރެވި، ބޭނުންކުރުން މަނާކޮށްފި -- ފޮޓޯ/ އެމްވީ ޕްލަސް

ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ "ކޮފްސީ ސިރަޕް" ގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަވެ، އެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކައި އަދި ބޭނުންކުރުން މަނާކޮށްފިއެވެ.

"ކޮފްސީ ސިރަޕް" އަކީ ކެއްސުން ރަނގަޅުކުރުމަށް ޑޮކްޓަރުން ދޭ ބޭހެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކުރި އިއުލާނުގައި ބުނީ އެ އޮތޯރިޓީން ބޭސްތަކުގެ ރައްކާތެރިކަމާއި ކޮލިޓީ ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޮފްސީ ސިރަޕްގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން އެ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.

އެކަމާ ގުޅިގެން މިވަގުތު ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ބޭސްތަކުގެ މާކެޓް ސާވައިލަންސް ކުރުމުގެ މަސައްކަތުގެ ތެރެއިން ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެންކަމުން އެއްވެސް ފާމަސީއެއްގައި ނުވަތަ އެހެންވެސް ތަނެއްގައި އެ ބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގައްޔާއި ގުދަންކުރުމުގައި ކަމާ ބެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ މީހުން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް ކޯފްސީ ސިރަޕްގެ ބައެއް ވައްތަރުތަކުގެ ކޮލިޓީ މައްސަލަތައް ފާހަގަވެ، އެމްއެފްޑީއޭއިން އެކި ފަހަރު މަތިން އެ ބޭސް އެތެރެކޮށް ވިއްކުން މަނާކުރިއެވެ.

comment ކޮމެންޓް