ގުރޭޑު 10 ނިންމާ ދަރިވަރުން ހަދާ އެސްއެސްސީ އިމްތިޙާނުގައި ދިވެހި އިސްލާމުން ފާސްވާ މާކްސް ދަށްކުރަމުންދިޔުމާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިހާރު ދޫކުރަމުން އަންނައިރު، އެސްއެސްސީ އިމްތިޙާނުން މި އަހަރު ގުރޭޑުތައް ކަނޑައަޅާ މާކްސް ޝީޓް ޑިޕާޓްމެންޓް އޮފް އެގްޒަމިނޭޝަން (ޑީޕީއީ)ން ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ އިމްތިޙާނުތައް ބޭއްވުމަށް، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޑީޕީއީން ނެރުނު މައުލޫމާތުގައިވާ ގޮތުން، ދިވެއްސާއި އިސްލާމުން ފާސްވުމަށް ޓަކައި ދަރިވަރުންނަށް ލިބެން ޖެހޭ މާކްސް ފާއިތުވި އަހަރުތަކުގައި ވަނީ ދަށްވެފައެވެ. އެގޮތުން އިސްލާމް މާއްދާއަށް ބަލާއިރު، 2019ގައި 'ސީ' އެއް ލިބެނީ ނުވަތަ ފާސްވަނީ 50 ޕަސެންޓް މާކްސް ލިބުމުން ކަމަށްވީ ނަމަވެސް މި އަހަރު 34 ޕަސެންޓް މާކްސް ލިބުމުން ފާސްވެއެވެ.
ދިވެހި މާއްދާއިން 2019 އަހަރު ފާސްވެވެން އޮތީ 45 ޕަސެންޓް މާކްސް ހޯދުމުން ކަމަށްވީ ނަމަވެސް މި އަހަރު އެ އަދަދުން 10 ޕަސެންޓް މާކްސް އުނިކޮށް، 35އަށް ވަނީ ދަށްކޮށްފައެވެ.
'އޭ' ގްރޭޑް ލިބޭ މާކްސް ވެސް ދަށްކޮށްފައިވާއިރު، 2019ގައި އިސްލާމުން އޭ ގްރޭޑު ދެނީ 85 ޕަސެންޓް މާކްސްއިން ނަމަވެސް މިހާރު އެއަށް ވުރެ 17 މާކްސް ދަށުން، 68 ހޯދުމުން އޭ ލިބޭނެއެވެ. އަދި ދިވެހިން 2019ގައި 'އޭ' ދެނީ 70 ޕަސެންޓް މާކްސް ހޯދުމުން ކަމަށްވީ ނަމަވެސް މިހާރު 64 ޕަސެންޓް މާކްސް ލިބުމުން އޭ ގްރޭޑް ޖަހައިދެއެވެ.

ފިޒާނާ ވަނީ، އިމްތިޙާނުން 35 ޕަސެންޓު ލިބުމުން ފާސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް --
އެކަމާ ގުޅޭ ގޮތުން ބައެއް ބެލެނިވެރިން ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައިވާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 35 ޕަސެންޓަކީ 'ސީ'އެއް ނުވަތަ ފާސްވާ މާކްސް ކަމަށް ކަނޑައެޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ހަގީގަތުގައި ގްރޭޑް 10 ނިންމާއިރު ދަރިވަރުން ފާސް މިވަނީ އަނެއް 70 ޕަސެންޓް ނޭނގިއޭ ބުނުމަކީ ގޯހަކަށް ނުވާނެ، 60 ޕަސެންޓުން 'އޭ' ލިބުމަކީ ކޮބައިބާ؟ 'އޭ ސްޓާ' އެބަ ލިބޭ 70 ޕަސެންޓުން،" އޭނާ ވިދާޅުވިއެވެ.
އެފަދަ ދަށް މާކްސްތައް ލިބިގެން ފާސްވުމުން ވެސް، 100 ޕަސެންޓް ދަރިވަރުން ފާސްވިކަމަށް ބުނެ ސްކޫލުތަކުން އެކަން ފާހަގަކުރާ ކަމަށް އިޝާރާތް ކުރައްވައި ފިޒާނާ ވިދާޅުވީ، އޭގެ ސަބަބުން ދަރިވަރުންގެ ފެންވަރާ މެދު ސުވާލު އުފެެދޭ ކަމަށެވެ. އަދި ދަރިވަރުންގެ ހަގީގީ ފެންވަރު އެނގެނީ ދިވެއްސާއި އިސްލާމް ނޫން އެހެން މާއްދާތަކުގެ ނަތީޖާއަށް ވެސް ބެލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ސްކޫލްތަކުން ދަރިވަރުން ފާސްވާ ނިސްބަތް އެކަނި މަތިކުރަން އުޅުމުގެ ބަދަލުގައި އުނގެނުމުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ފިޒާނާ ވިދާޅުވިއެވެ.
"ފާއިތުވީ 10 އަހަރުގެ ނަތީޖާ މިއީ، ހިތްހަމަ ނުޖެހުނަސް މިއީ ހަގީގަތަކީ، އޯލެވެލް ނިންމާ ކުދިންގެ ފެންވަރު ދަށް ވާހަކަ، 'އޭ ސްޓާ' ލިބޭ ކުދިންނަށް އޭލެވެލްއިން ކޯޕް ނުކުރެވި ފެއިލްވާ ވާހަކައަކީ ފެންނަން އޮތް ހަގީގަތެއް، ސަބަބު މިއޮތީ ފެންނަން،" އޭނާ ލިޔުއްވާފައިވެއެވެ.
އެ ވާހަކައާ ގުޅުވައި، ގައުމީ ޔުނިވާސިޓީގައި ދިވެހި މާއްދާ ކިޔަވައިދެއްވާ ސީނިއާ ލެކްޗަރާ ޢަބްދުﷲ ޖަމީލް ވެސް ވަނީ، 35 މާކްސް ލިބިގެން ދަރިވަރުން ފާސްވަނީ އެނގެން ޖެހޭ މައުލޫމާތުގެ ބޮޑު ބައެއް ނޭނގިކަން ފާހަކުރައްވައިފައެވެ. އަދި ޑީޕީއީން އެފަދަ ބަދަލެއް ގެނައީ ކީއްވެތޯ ބައެއް މީހުން ސުވާލުކުރާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޖަމީލް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި، އިމްތިޙާނުގެ ތްރެޝްހޯލްޑް ނުވަތަ ވަކި ގުރޭޑެއް ހޯދުމަށް ލިބެން ޖެހޭ މާކްސް މިހާ ބޮޑަށް ދަށްކުރަން ޖެހޭ މައިގަނޑު އެއް ސަބަބަކީ އިމްތިޙާނުގެ ޕޭޕަރުގެ ފެންވަރު ދަށްވުމެވެ.
"ރާއްޖެއަށް ގެންނަ ބޭރުގެ އިމްތިޙާނުތަކުގެ ޕޭޕަރު ސެޓުކުރަނީ ބޮޑެތި ޔުނިވާސިޓީތަކުން ކަމަށް ވެފައި، ޕޭޕަރު ސެޓުކުރަނީ މޮޅެތި ޕްރެފެސަރުންގެ ދިރާސާތަކާއި ސުވާލުތަކުގެ ފެންވަރުތައް އަޖުމަ ބަލައި ޓެސްޓުކުރެވިގެން ކަމަށް ވިޔަސް ރާއްޖޭގައި އެކަން މި ކުރަނީ ޕަބްލިކް އެގުޒަމިނޭޝަން ކިޔާ، "ކިޔަވައިނުދޭ ތަނެއް"ގައި ޑެސްކެއް ބަހައްޓައިގެންނެވެ." އޭނާ ލިޔުއްވާފައިވެއެވެ.

ޖަމީލް ވަނީ، އިމްތިޙާނުގެ ފެންވަރު ދަށްވުމުގެ މައްސަލަ ފާހަގަކުރައްވައިފައި --
އެހެންވުމުން، އިމްތިޙާނު ޕޭޕަރުގައި ބޮޑެތި މައްސަލަތައް ހުންނަ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި:
- ކުދިންގެ އުުމުރާއި ވެށްޓާ ނުގުޅޭ ސުވާލު ދިނުން
- ސުވާލު ހެދި މީހާގެ ބޮލުގައި އޮތް އެއްޗެއް ކުދިންގެ ސިކުނޑިއަށް ނުވަނުމާއި ސުވާލު ތައްޔާރުކުރަން ޖެހޭ ގޮތަށް ތައްޔާރުނުކުރުން
- ކުރީގެ ޕޭޕަރު ބަލައިގެން ސުވާލަކަށް ސުވާލެއް ހެދުން
- މުގައްރަރުގައި ބުނާ އަމާޒުން ސުވާލު ކަސިޔާރުވުން
އެސްއެސްސީ އިމްތިޙާނުތަކުން އެ ނޫން ވެސް އެފަދަ އެތައް މައްސަލައެއް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެސްޓު ޕޭޕަރު މާކު ކުރަން ޖެހޭއިރު އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވައިލުމަކީ ވެސް ވަަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ހުރިހާ ކަމެއްގެ ނަތީޖާއަކީ ތްރެޝްހޯލްޑު ދަށްކުރަން މަޖުބޫރުވުން ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެ މައްސަލަތައް ހައްލުކުރުމަށް، ގައުމީ އިމްތިޙާނުތަކުގެ ޕޭޕަރުތައް ތައްޔާރުކުރުމާއި މާކުކުރުން ރާއްޖޭގައި ހުރި ބޮޑެތި ޔުނިވާސިޓީތަކާ ހަވާލުކުރަން ޖެހޭ ކަމަށް އޭނާއާއި އިތުރު މީހުން ވެސް ގަބޫލުކުރާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެ ބަދަލު ގެނައުމަށް ޓަކައި ކަމާ ގުޅޭ ޕޭޕަރެއް ޔުނިވާސިޓީން ހަދައި އެޑިއުކޭޝަން މިނިސްޓްރީއަށް މީގެ ކުރިން ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އެ ހުށަހެޅުމަށް އިޖާބަ ނުދިން ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އަހަރެން މި ގޮތަށް މި ވާހަކަ ދެއްކުމުން ބައެއް މީހުން ރުޅިއަންނާނެއެވެ. އެހެނަސް ކަންކަން ރަނގަޅުވާނީ ރަނގަޅު ގޮތުގެ ވާހަކަ ކޮންމެވެސް ބަޔަކު ދައްކައިގެންނެވެ. އަދި ވާހަކައެއް ދެއްކޭނީ ކޮންމެވެސް ބަޔަކު ވާހަކަ ދައްކާނެ މަގު ދައްކައިދީގެންނެވެ." އޭނާ ލިޔުއްވާފައިވެއެވެ.
"ކަންކަން ރަނގަޅުކުރަން ބޭނުންނަމަ ދެއްކި މީހާއަކަށް ބަލާކަށް ނުޖެހެއެވެ. ބަލަން ޖެހެނީ ދެއްކި ވާހަކައަކަށެވެ."
ރާއްޖޭގައި އޯ ލެވެލްއަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި އޭޕްރިލް 25ގައި އޯ ލެވެލް އިމްތިޙާނު ފެށިއިރު، 7،971 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވެފައިވެއެވެ.
ދަރިވަރުންނަށް ދިވެހި މާއްދާއިން ލިބޭ ނަތީޖާ މިފަހުން ދަށްވުމުގެ އިތުރަށް، ޓީޗަރުން ހޯދަން އެންމެ ދަތިވާ މާއްދާތަކުގެ ތެރޭގައި ދިވެހި އިސްލާމް ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިފަހުން ވިދާޅުވެފައިވެއެވެ.