ރަށަށް ބޭނުންވާ އަސާސީ ޚިދުމަތަކަށް ދޫކުރާ ބިމަކުން ކައުންސިލުން އާމްދަނީ ނެގުން ދެކޮޅެއް ނުޖެހޭ: ރައީސް

ރައީސް މުއިއްޒު ރަސްދޫ ކައުންސިލާ ބައްދަލުކުރެއްވުން: ވިދާޅުވީ، ރަށަށް ބޭނުންވާ އަސާސީ ޚިދުމަތަކަށް ދޫކުރާ ބިމަކުން ކައުންސިލުން އާމްދަނީ ނެގުން ދެކޮޅެއް ނުޖެހޭ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

ރަށުގެ ތަރައްގީއަށް ބޭނުންވާ އަސާސީ ޚިދުމަތަކަށް ކައުންސިލުން ބިން ދޫކުރާއިރު، އެ ބިމަކުން އާމްދަނީއެއް ހޯދުމަކީ ދެކޮޅުޖެހޭ ގޮތެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރަސްދޫއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ، އެ ރަށުގައި އިތުރު މިސްކިތެއް އެޅުމަށް ބިން ހަމަޖެހުނުހާ އަވަހަށް އެ މަޝްރޫއު ކުރިއަށްދާނެ ކަމަށެވެ.

މިގޮތުން، ރަސްދޫގައި މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީން ކައުންސިލްގައި އެދުމުން, ދޭން ހުށަހެޅި ބިމުގެ ތަފްސީލުތައް ރައީސް ހާމަކުރެއްވިއެވެ.

ރައީސް މުއިއްޒު ރަސްދޫއަށް ވަޑައިގެން ރަށު ރައްޔިތުންނާ ސަލާން ކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން އެ ބިމުގައި އިމާރާތެއް ހުރުމާއެކު، ރަސްދޫ ކައުންސިލުން ހުށަހެޅީ، އެ ކައުންސިލުން ކަނޑައަޅާ އަގެއް އިސްލާމިކް މިނިސްޓްރީން ދައްކައި ޚަލާސްކުރުމުން އެ ބިން މިނިސްޓްރީއާ ހަވާލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްދޫ ކައުންސިލުން އެ ބިން ދޫކުރަން ކިއީ ވަރަށް ބޮޑު އަގެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާތަނަށް އެއްވެސް ރަށެއްގައި މިސްކިތެއް އަޅަން އަގުކިޔާފައި، ބިމެއް ދީފައި ނެތްކަމަށެވެ.

އަދި އެ ފަދަ އަސާސީ ޚިދުމަތަކަށް ދޭ ބިމަކުން ކައުންސިލުން ފައިދާ ހޯދުމަކީ ހަމަޖެހޭ ގޮތެއް ވެސް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ކުނި، ފެން، ކަރަންޓު ނަރުދަމާ، ސްކޫލު، ހޮސްޕިޓަލް، މިސްކިތް، ޕޮލިސް މިފަދަ އެއްވެސް ޚިދުމަތަކަށް ކައުންސިލުން ބިން ދޭއިރު، އެއީ ރައްޔިތުންނަށް ރަށުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ އަސާސީ ކަންކަމަށް ބިން ދޭއިރު އެ ބިމަކުންނެއް އާމްދަނީއެއް ކައުންސިލުން ހޯދާކަށް އެއީ ދެކޮޅު ޖެހޭ ގޮތެއް ނޫން، ހަމަޖެހޭ ގޮތެއް ނޫން

އޭގެއިތުރަށް، ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުގެ ދަށުން އެ ބިމުން ކައުންސިލަށް ކުއްޔެއް ނުނެގޭނެކަން ފާހަގަކުރައްވައި، ރައީސް ވަނީ އެ ބިން ނުވަތަ އެހެން ބިމެއް މިސްކިތް އަޅަން ޚާއްސަކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.

އެކަން ހަމަޖެހުނުހާ އަވަހަކަށް މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށާއި އެކަމަށް ތައްޔާރުވެފައިވާކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އެހެން ވިދާޅުވިއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން އެދިގެން ގެނައި ބަދަލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި ކައުންސިލްތަކުގެ އިހްތިޞާސުގައިވާ ފަޅާއި ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިކޮށްފައެވެ.

އިސްލާހުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.

https://sun.mv/210104

އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާ ނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

އެ އިސްލާހު ރައީސް ތަސްދީގުކުރެއްވުމާއެކު، އެލްޖީއޭގެ ސީއީއޯ, މުޙައްމަދު ނިމާލް ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ފޮނުވި ސިޓީއެއްގައި ވަނީ, އެ ގާނޫނަށް އަމަލު ކުރުމަށް އަންގަވައިފައެވެ.

comment ކޮމެންޓް