އިސްލާމް ދިވެހީގެ ތްރެޝްހޯލްޑް ދަށްވަނީ ކިޔަވައިދިނުން ދަށްވެގެނެން ނޫން، ސަބަބުތައް ޖެހޭނީ ބަލަން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު: އިސްލާމް ދިވެހީގެ ތްރެޝްހޯލްޑް ދަށްވަނީ ކިޔަވައިދިނުން ދަށްވެގެނެން ނޫން ކަމަށާއި އޭގެ ސަބަބުތައް ޖެހޭނީ ބަލަން ކަމަށް ވިދާޅުވި -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ގުރޭޑު 10 ނިންމާ ދަރިވަރުން ހަދާ އެސްއެސްސީ އިމްތިޙާނުގައި ދިވެހި އިސްލާމުން ފާސްވާ މާކްސް ކަނޑައަޅާ ތްރެޝްހޯލްޑް ދަށްވަނީ ކިޔަވައިދިނުން ނުވަތަ ދަރިވަރުންގެ ކިޔެވުން ދަށްވުމުން ނޫން ކަމަށާއި، އޭގެ ސަބަބުތައް ޖެހޭނީ ބަލަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިހާރު ދޫކުރަމުން އަންނައިރު، އެސްއެސްސީ އިމްތިޙާނުން މި އަހަރު ގުރޭޑުތައް ކަނޑައަޅާ މާކްސް ޝީޓް ޑިޕާޓްމެންޓް އޮފް އެގްޒަމިނޭޝަން (ޑީޕީއީ)ން ވަނީ އާންމުކޮށްފައެވެ.

ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ އިމްތިޙާނުތައް ބޭއްވުމަށް، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޑީޕީއީން ނެރުނު މައުލޫމާތުގައިވާ ގޮތުން، ދިވެއްސާއި އިސްލާމުން ފާސްވުމަށް ޓަކައި ދަރިވަރުންނަށް ލިބެން ޖެހޭ މާކްސް ފާއިތުވި އަހަރުތަކުގައި ވަނީ ދަށްވެފައެވެ. އެގޮތުން އިސްލާމް މާއްދާއަށް ބަލާއިރު، 2019ގައި 'ސީ' އެއް ލިބެނީ ނުވަތަ ފާސްވަނީ 50 ޕަސެންޓް ލިބުމުން ކަމަށްވީ ނަމަވެސް މި އަހަރު 34 ޕަސެންޓް މާކްސް ލިބުމުން ފާސްވެއެވެ.

ދިވެހި މާއްދާއިން 2019 އަހަރު ފާސްވެވެން އޮތީ 45 މާކްސް ހޯދުމުން ކަމަށްވީ ނަމަވެސް މި އަހަރު އެ އަދަދުން 10 މާކްސް އުނިކޮށް، 35އަށް ވަނީ ދަށްކޮށްފައެވެ.

އެ ބަދަލުތަކާ ގުޅޭ ގޮތުން ބައެއް ބެލެނިވެރިންނާއި މުދައްރިސުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެކަމާ ގުޅޭ ގޮތުން ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ތްރެޝްހޯލްޑަކީ، ޓެސްޓް ޕޭޕަރަށް ސީދާ ދޭ މާކްސް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އެގޮތުން ގައުމީ ފެންވަރުގެ ޓެސްޓުތަކުގެ ތްރެޝްހޯލްޑެއް ކަނޑައަޅަނީ، މީގެ ކުރިން މާކްސް ދީފައިވާ ގޮތާއި އޭރަކު އެ ހަދާ ޓެސްޓު ޕޭޕަރެއްގެ ފަސޭހަކަން ނުވަތަ އުނދަގޫ ކަމަށް ބަލައިފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އޭގެ އެންމެ ބޮޑު ބޭނުމަކީ، މިސާލަކަށް، 1995 ވަނަ އަހަރު ސީ ގްރޭޑެއް ހޯދި ކުއްޖާއާ މި އަހަރު ސީ ގްރޭޑެއް ހޯދި ކުއްޖާއާ އެއީ ގާތްގަނޑަކަށް އެއް ގާބިލިއްޔަތުތަކެއް ހުރި ކުއްޖެއްތޯ ކަނޑައެޅުން،" ޝަފީއު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްއެސްސީ އިމްތިޙާނުގެ ތްރެޝްހޯލްޑް އާންމުކޮށްފި ނަމަ ފާޑުކިޔުން އަމާޒުވެދާނެތީ، މިފަހަކާ ޖެހެންދެން އެ މައުލޫމާތު އޮތީ ސިއްރުކޮށްފައި ކަމަށެވެ. ނަމަވެސް ތްރެޝްހޯލްޑް އެ ކަނޑައަޅާ ގޮތަކީ ހަގީގަތުގައި ފާޑު ކިޔަން ޖެހޭ ކަމެއް ނޫން ކަމަށް ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިވަރަކަށް ލިބޭ ނަތީޖާ ދަށްވެދާނެ ބައިވަރު ސަބަބުތައް ހުންނާނެ ކަމަށާއި ނަމަވެސް ތްރެޝްހޯލްޑް ދަށްވަނީ ދަރިވަރުންގެ ކިޔެވުން ނުވަތަ މުދައްރިސުންގެ ކިޔަވައިދިނުން ދަށްވެގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ވަރަށް އުނދަގޫ ޕޭޕަރެއް ދީފިއްޔާ އެއީ ކޮންމެހެން ކުއްޖާ ދަށްވީއެއް ނޫން، ކޮންމެހެން އަބަދު ތްރެޝްހޯލްޑް ދަށްވަނީ ކުއްޖާ ދަށްވެގެން, ކިޔަވައިދިނުން ދަށްވެގެނެއް ނޫން، ބައިވަރު ފެކްޓާސް ހުންނާނެ އޭގައި،" ޝަފީއު ވިދާޅުވިއެވެ.

ބެލެނިވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުން އޮތީ 2019އާ އަޅައިބަލާއިރު، ފާއިތުވި އަހަރުތަކުގައި ތްރެޝްހޯލްޑް ދަށްވުމުން ކަމަށްވާއިރު، ޝަފީއު ވިދާޅުވީ އެ ދަށްވި ސަބަބުތައް ޖެހޭނީ ބަލަން ކަމަށެވެ.

ރާއްޖޭގައި އޯ ލެވެލަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި އޭޕްރިލް 25ގައި އޯ ލެވެލް އިމްތިޙާނު ފެށިއިރު، 7،971 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވެފައިވެއެވެ.

ދަރިވަރުންނަށް ދިވެހި މާއްދާއިން ލިބޭ ނަތީޖާ މިފަހުން ދަށްވުމުގެ އިތުރަށް، ޓީޗަރުން ހޯދަން އެންމެ ދަތިވާ މާއްދާތަކުގެ ތެރޭގައި ދިވެހި އިސްލާމް ހިމެނޭ ކަމަށް އެޑިއުކޭޝަން ޝަފީއު މިފަހުން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް