ވަޒީފާގެ މައްސަލަތަކުގައި އިންސާފަށް ހުރަސްއަޅައި، ކޯޓުގެ ވަގުތު ނަގައިލާ ނަމަ ގާނޫނީ ފީ، ނެގޭނެކަމަށް ހައިކޯޓުން ކަނޑައަޅައިފި

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވަޒީފާއާގުޅޭ މައްސަލަތަކުގައި، ކަން ހިނގާފައިވާ ގޮތަށް ބަލައި، ސިސްޓަމް އެބިއުސްކޮށް، ނުވަތަ އިންސާފަށް ގަސްދުގައި ހުރަސްއެޅުމުގެ އަމަލުތަކެއް ކޮށްފައިވާނަމަ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަގުތު ބޭކާރުވާ ފަދަ ކަންކަން ކުރާނަމަ، މައްސަލަ ކާމިޔާބުވާ ހަސްމަށް، އަނެއް ހަސްމުގެ ފަރާތުން ވަކީލު ފީގެ ގޮތުގައި ކުރި ޚަރަދު ނަގައިދެވިދާނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މި ގޮތަށް ހައިކޯޓުން ކަނޑައެޅީ އައިޖީއެމްއެޗްގެ ޑޮކްޓަރެއްގެ ވަޒީފާއާ ގުޅޭ މައްސަލައެއްގައި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރި ގޮތުންނެވެ.

މިއީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ "ކޮންސަލްޓަންޓް އިން ޖެނެރަލް ސާޖަރީ"ގެ ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޑޮކްޓަރެއްގެ ވަޒީފާގެ ރޭންކާއި ގުޅިގެން އުފެދުނު ހުސޫމާތެއްގެ މައްސަލައެވެ.

މި މައްސަލަ، އެ ޑޮކްޓަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ސިވިލް ސާވިސް ކޮމިޝަނުންވަނީ ޑޮކްޓަރުގެ ވަޒީފާގެ ކަންކަން ހައްލުކޮށްދީފައެވެ. އެކަމަކު އެ ކަންކަން ހައްލުކޮށްދީފައިވަނީ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ކަމަށްވާތީ، މައްސަލައިގެ ތެރެއިން ވަކީލު ފީގެ ގޮތުގައި 35،000 ނަގައިދީފައިވެއެވެ.

ވަކީލު ފީގެ ގޮތުގައި 35،000 ރުފިޔާ ނަގައިދިނުމުން، ސިވިލް ސާވިސް ކޮމިޝަނުން އެކަމާ ޗެލެންޖުކޮށް މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. އެކަމަކު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވަނީ ހާލަތަށް ބަލައި ވަކީލު ފީ ނެގިދާނެ ކަމަށް ކަނޑައަޅައިފައެވެ.

"ވަކި ވަކި މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ނަޒަރުކޮށް، އެ މައްސަލައެއްގައި ނިޒާމް ނަހަމަގޮތުގައި ބޭނުންހިފުމުގެ އަމަލެއް ހިމެނޭކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބެލެވޭނަމަ، ނުވަތަ މައްސަލައިގެ ހަސްމަކު އިންސާފަށް ގަސްދުގައި ހުރަސްއެޅުމުގެ އަމަލުތަކެއް ކޮށްފައިވާނަމަ ނުވަތަ ޓްރައިބިއުނަލުގެ ވަގުތު ބޭކާރުވާ ފަދައިން އަމަލުކުރާނަމަ، އެފަދައިން މަލުކުރި ހަސްމުގެ އަތުން، މައްސަލަ ކާމިޔާބުކުރި ހަސްމުގެ ގާނޫނީ ވަކީލު ފީގެ ގޮތުގައި ކުރި ހަރަދު ނަގައިދެވިދާނެ،" ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައިވަނީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތުގެ މައްޗަށް ރިއާޔަތްކޮށްފައެވެ. މި ގޮތުން، ސިންގަޕޫރު، އިންގްލަންޑް، މެލޭޝިޔާ، އިންޑިޔާ އާއި އެމެރިކާގައި އަމަލު ކުރާ ގޮތްތައް ވެސް ހުކުމަށް ވާސިލުވީ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެެއްލެވީ ފަނޑިޔާރު ޙުސައިން މަޒީދުގެ ރިޔާސަތުގައި އިންނެވި ބެންޗަކުންނެވެ. ބެންޗުގައި ދެން ހިމެނެނީ ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އާއި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲއެވެ. ހުކުމް ކުރީ ތިން ފަނޑިޔަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް