މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް ބުނެ، މީޑީއާތައް ކޮންޓްރޯލްކުރާ ބިލު ބޭރުކުރަން އައިއެފްޖޭއިން ގޮވައިލައިފި

މީޑިއާ ކޮންޓްރޯލްކުރެވޭ ބިލު ހުށަހެޅި ދުވަހު މަޖިލީހުގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ: އައިއެފްޖީން ގޮވާލީ މީޑީއާތައް ކޮންޓްރޯލް ކުރާ ބިލު ބޭރުކުރަން ----

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން މީޑިއާގެ މިނިވަން ކަމަށް ހުރަސް އެޅޭނެ ކަމަށް ބުނެ، އެ ބިލު ބޭރުކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން މިއަދު ގޮވާލައިފިއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ. އެ ބިލަށް ސަރުކާރުން ތާއިދުކޮށްފައިވާއިރު، އައިއެފްޖޭއިން މިއަދު ވަނީ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ، މީޑިއާގެ މިނިވަންކަން ގެއްލޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުން ކުށްވެރިކުރާ ކަމަށެވެ. އެގޮތުން، މީޑިއާ ރެގިއުލޭޓުކުރުމަށް ދާއިރާގެ ފަންނީ މީހުންގެ މަޝްވަރާއާއި ބައިވެރިވުން ބޭނުންވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ނޫސްވެރިންނާއި މީޑިއާތަކުގެ ބައިވެރިވުމެއް ނެތި ނިންމުންތައް ނިންމަން އުޅުމަކީ ނޫސްވެރިން ބާރުވެެރިކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅި, އެ ދާއިރާގެ ހަގީގީ މަގުސަދާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އައިއެފްޖޭން ބުނެފައިވެއެވެ.

އައިއެފްޖޭގެ ބަޔާނުގައި ވަނީ އެ ބިލާ ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ހިމަނާފައެވެ. އެކަންކަމަށް ތާއިދުކޮށް، އައިއެފްޖޭން ވަނީ ބިލު އަނބުރާ ގެންދަން ގޮވައިލައިފައެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލާ އެކު، އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެއެވެ. އަދި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ގާނޫނުން އުފައްދާ އާ ކޮމިޝަނަށް ލިބޭނެއެވެ.

https://sun.mv/210130

އެގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައެވެ.

އެކަމަކު، ސަރުކާރުން ބިލަށް ތާއީދުކޮށްފައިވާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.

comment ކޮމެންޓް