ތެލަސީމިއާ ކެރިއަރުން ކައިވެނި ކުރުމުގެ ކުރިން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ލާޒިމުކުރަން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި، މިއަދު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.
މިދިޔަ ޖޫން 23ގައި ހުށަހެޅި އެ އިސްލާހު މަޖިލީހުން ފާސްވީ، މި މަހު ހައެއްގައެވެ.
ރައީސް އޮފީހުން ބުނީ، މި ބިލު އަނބުރާ މަޖިލީހަށް ފޮނުވަން ރައީސް ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ތެލަސީމިއާ ކެރިއަރުންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިފައިވާތީ ކަމަށެވެ.
ރައީސް ވަނީ، ތެލަސީމިއާ ޚިދުމަތްތަކަކީ ވަށައިޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށް ޓަކައި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާ ވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިޞްލާޙު ގެންނަވަން ނިންމަވާފައި ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ ތެލަސީމިއާ ކުދިން ލިބޭނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިވުމެއް ނޯވެއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ. އޭގައި ވަނީ:
- ކައިވެނިކުރަން އެދޭ ދެ މީހުން ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓުކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކުގައި ކަމަށް.
- ޓެސްޓުގެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބޭނެ މީހުންނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ކަމަށް.
- އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ މީހުންނާއި، އެ ޕްރޮގްރާމްގައި އެކުލެވޭ ބައިތައް ހިމަނަންޖެހޭކަން.
އެ ބިލުގައި ދެން އޮތީ ތެލަސީމިއާ ސެންޓަރުގެ އިސްވެރިޔާއަކީ ޑިރެކްޓާ ޖެނެރަލް ކަމަށާއި، އޭނާގެ މަސްއޫލިއްޔަތުތަކާއި އައްޔަނުކުރަންޖެހޭ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން، ޑީޖީ އައްޔަނުކުރަން ޖެހޭނީ ފަސް އަހަރުގެ މުއްދަތަކަށް ހެލްތު މިނިސްޓަރުގެ އިރުޝާދުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުންކަން ވަނީ ބަޔާންކޮށްފައެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީވެ، މަސައްކަތްކުރަންވާނީ މިނިސްޓަރުގެ ލަފައާ އެކު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގައި ހިމެނޭ މުހިންމު ވައުދެކެވެ.